ބޮލީވުޑް

ފޭނުން ބުނަނީ ނޯރާ ފޮނި ކަނޑަނީ ކަމަށް

ނޯރާ ފަތޭހީ މަޝްހޫރުވެފައިވަނީ އާދަޔާޚިލާފު މޮޅަށް ނަށާ ނެށުންތެރިއެއްގެ ގޮތުގަ އެވެ. އަދި އޭނާގެ ހެދުން އެޅުމުގެ ސްޓައިލް ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދެ އެވެ. ނަމަވެސް ނޯރާ ދައްކާ ވާހަކަ ތަކުން ބައެއް ފަހަރަށް އޭނާ ދެކެ ފޭނުން ހިތްހަމަނުޖެހި ޓްރޯލް ކުރެ އެވެ.

ހޮލީވުޑް އެކްޓަރު ބްރެޑް ޕިޓްއާ ގުޅުވައިގެން ނޯރާ ދާދިފަހުން ދެއްކި ވާހަކައަކާ ގުޅިގެން ގިނަ ބަޔަކު އަނެއްކާވެސް ނޯރާ ދެކެ ރުޅިއައިސް އޭނާއަށް ވަނީ މަލާމާތްކޮށްފަ އެވެ.

ނޯރާ ވަރަށް ފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ބްރެޑް ޕިޓް އޭނާއަށް އިންސްޓަގްރާމުން ޑައިރެކްޓް މެސެޖު ފޮނުވައި ފްލާޓް ކުރެ އެވެ.

ނޯރާގެ މިވާހަކަ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވެ އޭނާއަށް މަލާމާތްކުރުމުގެ އޮއިވަރެއް ސޯޝަލް މީޑިއާގައި ހިނގައިގަތެވެ. އަދި ގިނަ މީހުން ބުނީ މިއީ ނޯރާ ފޮނިކަނޑަން ދައްކާ ވާހަކަ ކަމަށާއި ބްރެޑް ޕިޓް ސޯޝަލް މީޑީއާ ބޭނުން ނުކުރާ ކަމަށެވެ. އަދި ނޯރާ ދެއްކި ވާހަކަ އަޑުއަހާފައި ލަދުގަނެއްޖެ ކަމަށް ކޮމެންޓުކުރި އެކަކު ބުނެފައިވެ އެވެ. އަނެކަކު ބުނީ ނޯރާ ބުންޏެއް ކަމަކު އޭނާ ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ނުކުރާނެ ކަމަށެވެ.

ބްރެޑް ޕިޓް އިންސްޓަގްރާމްގައި ނޫޅޭކަން ޔަގީންކަމަށް ވަރަށް ގިނަ މީހުން ބުނެފައި ވެއެވެ. އަދި ބްރެޑް ޕިޓް ޑައިރެކްޓް މެސެޖުކޮށް ލޯބީގެ ވާހަކަ ދައްކާ މީހަކު ސުކޭޝް ކަހަލަ ގޭންގްސްޓާރުންނާ އެކު އުޅޭނެތޯ ވެސް މީހަކު ސުވާލު ކޮށްފައިވެ އެވެ.

ނޯރާއަށް ސުކޭޝް ކާރެއް ހަދިޔާކުރި ކަމަށް ބުނެ ތަންކޮޅެއް ކުރިން ހަބަރުތަކެއް ފެތުރުނެވެ. އަދި މިކަމާވެސް ގިނަ ބަޔަކު ވަނީ ނޯރާ އަށް މަލާމާތްކޮށްފަ އެވެ.

ނޯރާ މިހާރު އާއްމުކޮށް ފެންނަނީ ކަލާޒް ޓީވީގެ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާޖާ"ގެ ޖަޖެއްގެ ގޮތުގައި އެ ޝޯގައި ބައިވެރިވަނިކޮށެވެ. އަދި މިއަހަރު އޮންނަ ފީފާ ވޯލްޑްކަޕްގެ ތީމް ލަވައިގައި ވެސް ނޯރާ ބައިވެރިވެ އެވެ.