ލައިފްސްޓައިލް

މަރުގެ ހުކުމް ތަންފީޒުކުރަން އުޅެ މަރާނުލެވުނު ހަމައެކަނި މީހާ

އެމެރިކާގެ އަލަބާމާގެ ޖަލެއްގައި މަރަން ނިޔާކަނޑައަޅާފައި ހުރި ގައިދީ އެލަން ޔޫޖިން މިލާ އަކީ މަރުގެ ހުކުމް ތަންފީޒުކުރަން ލީތަލް އިންޖެކްޝަން ޖަހައި މަރަން އުޅެ މަރުނުވެ ސަލާމަތްވީ ހަމައެކަނި މީހާ އެވެ. އޭނާ ވަނީ ލީތަލް އިންޖެކްޝަން ޖަހަން އުޅުމުން ކުރެވުނު ބިރުވެރި ތަޖުރިބާ ކިޔައިދީފަ އެވެ.

ފާއިތުވީ ހަތަރު އަހަރު ތެރޭގައި ތިން ފަހަރެއްގެ މަތިން މިލާއަށް މަރުގެ ހުކުމް ތަންފީޒުކުރަން ލީތަލް އިންޖެކްޝަން ޖަހަން އުޅެފި އެވެ.

މީގެން ކޮންމެ ފަހަރަކުވެސް އެތައް ވޭނެއް ތަހައްމަލުކުރުމަށްފަހު އޭނާގެ ފުރާނަ ސަލާމަތްވެފައިވެ އެވެ. މިހާރު ދައުލަތުގެ ވަކީލުން ހަތަރުވަނަ ފަހަރަށް މިލާއަށް މަރުގެ ހުކުމް ތަންފީޒުކުރުމުގެ އަމުރަކަށް ވަނީ އެދިފަ އެވެ. ހަމަ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ.

މިލާގެ ވަކީލުން ކޯޓުގައި ބުނި ގޮތުގައި މަރުގެ ހުކުމް ތަންފީޒުކޮށް މަރުނުވެ ސަލާމަތްވީ ހަމައެކަނި މީހަކަށް މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ ހަމައެކަނި މިލާ އެވެ.

މިލާގެ މައްޗަށް ތިން މީހަކު މެރިކަމުގެ ކުށް ސާބިތުވެފައި ވެއެވެ. އެއީ 1999 ވަނަ އަހަރުބ އޭނާ މަރާލި ތިން މީހުންނެވެ.

އެންމެ ފަހުން މިލާއަށް މަރުގެ ހުކުމް ތަންފީޒުކުރަން ކުރި މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން ކޯޓުން އަމުރު ނެރުނުއިރު އޭނާގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހަން ނާރު ހޯދަން އަތާއި ފަޔަށް ކަށިހަރާތާ ގަޑިއެއްހާއިރު ވެއްޖެ އެވެ. އެހާއިރު މަސައްކަތް ކޮށް މިލާގެ އަތާއި ފައިން ލޭތައް އޮހޮރެމުން ދިޔައިރުވެސް ވިހަ އިންޖެކްޝަން ޖަހާނެ ނާރެއް ނުފެނުނެވެ.

މިލާގެ ވަކީލުން ބުނި ގޮތުގައި ލީތަލް އިންޖެކްޝަންގެ ބަދަލުގައި މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންކުރާ ނައިޓްރިޖަން ހައިޕޮކްސިއާ ބޭނުންކޮށްގެން އޭނާ މަރާލަން މިލާ އެދެ އެވެ. މިއީ އޮކްސިޖަންގެ ބަދަލުގައި ނައިޓްރިޖަން ނޭވާލުމުގެ ނިޒާމުން ފޮނުވައިގެން ހާސްކޮށްގެން މަރާލަން ބޭނުންކުރާ ގޮތެކެވެ. ސަބަބަކީ އޭނާ ގަޔަށް އިންޖެކްޝަން ޖަހަން ނާރު ހޯދުމަކީ އެއް އިރެއްގައި ވެސް އެއްވެސް މީހަކަށް ކުރެވިފައިވާ ކަމަކަށް ނުވުމާއި އިންޖެކްޝަން ކަށިދެކެ މިލާ އެހާ ގަޔާ ނުވުމެވެ.

އޭނާ މަރާލަން ގަޑިއެއްހާއިރު ވަންދެން މަސައްކަތް ކުރިއިރު މިލާއަށް ނަފްސާނީ ގޮތުން އިންތިހާއަށް އުނދަގޫވެ ބިރުގަނެ، ހޮޑުލަވާގޮތްވެ، ވާނުވާ ނޭނގޭ ވަރަށް ބުއްދި ގޯސްވެ ވަރަށް ގިނަ ވޭންތައް ތަހައްމަލުކުރަމުން ދިޔަ ކަމަށް އޭނާގެ ވަކީލުން ކޯޓުގައި ބުނެފައި ވެއެވެ.

މިލާގެ މަރުގެ ހުކުމް ތަންފީޒުކުރާނެ އާ ތާރީޚެއް ހޯދުމުގެ މަސައްކަތް އަލަބާމާ ސްޓޭޓުން މިހާރު ކުރަމުން އެބަދެ އެވެ.