އެމެރިކާގެ އަންހެނެއް ކަމަށްވާ މެލީސާ ލޫޝިއޯ އަކީ މަރަން ނިޔާ ކަނޑައަޅާފައިވާ މީހެކެވެ. އޭނާ އަށް މަރުގެ އަދަބު ދޭން އެންމެ ދެ ހަފުތާ އަށް ވެފައިވަނިކޮށް އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭ ވަރުގެ ހެކިތަކެއް ފެނި ދިފާއީ ވަކީލުން ކުރި މަސައްކަތުން މިހާރު ވަނީ މަރުގެ ހުކުމް ތަންފީޒު ކުުރުން ފަސްކޮށްފަ އެވެ. މެލީސާ އަށް މަރުގެ އަދަބު ދިނުން ފަސް ކުރީ އޭނާއަށް މަރުގެ އަދަބު ދޭން އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ.
ސާދަ ދަރިންގެ މަންމަ މެލީސާ އަށް މަރުގެ ހުކުމް އިއްވާފައިވަނީ އޭނާގެ 2 އަހަރުގެ ދަރިފުޅު މަރާލިކަން ކޯޓަށް ސާބިތުވެގެންނެވެ.
މެލީސާގެ މައްޗަށް ފުރަތަމަ މި ދައުވާ އުފުލީ 2007 ވަނަ އަހަރު އެވެ. އޭނާގެ ދެ އަހަރުގެ ދަރިފުޅު އެ ގޭގެ ސިޑިއަކުން ވެއްޓި މަރުވެގެންނެވެ. ކުއްޖާ މަރުވެފައި އޮތްއިރު ޒަޚަމްތަކެއް ކުއްޖާގެ ހަށިގަނޑުގައި ހުރެގެންނެވެ.
ދެ އަހަރުގެ ދަރިފުޅު މަރާލީ މެލީސާ ކަން ސާބިތުކޮށްދީ އޭނާއަށް މަރުގެ ހުކުމް އިއްވުމަށް ކޯޓުގައި ވަކާލާތުކުރި ޑިސްޓްރިކްޓް އެޓާނީ ލުއިސް ސައެންޒް ޓެކްސަސް ހައުސް މެމްބަރުންގެ 80 މީހުންގެ ގްރޫޕަކާ ވާހަކަ ދައްކަމުން މިދިޔަ ހޯމަ ދުވަހު ބުނި ގޮތުގައި މެލީސާގެ މައްސަލައިގައި މި ފަހަކުން ލިބިފައިވާ އިތުރު ހެކިތަކަށް ބަލާއިރު މެލީސާ އަކީ ގާތިލެއް ކަމާ މެދު މިހާރު އޭނާއަށް ޝައްކެވެ. އޭނާއަށް މިހާރު ގަބޫލުކުރެވޭ ގޮތުގައި މެލީސާ އަކީ ކުށެއް ނެތް މައުސޫމް މީހެކެވެ.
އެހެންވެ މެލީސާގެ މަރުގެ ހުކުމް މަޑުޖައްސާލެވޭ ގޮތް ނުވިނަމަ އޭނާއަށް ވީ ގޮތަކުން އެކަން ހުއްޓަން މަސައްކަތް ކުރީސް ކަމަށް ޑިސްޓްރިކްޓް އެޓާނީ ބުންޏެވެ.
މެލީސާގެ މަރުގެ ހުކުމް ތަންފީޒްކުރުން ފަސްކުރުމަށް ޓެކްސަސްގެ މޭޔަރު ހުއްދަ ދެއްވީ ލީތަލް އިންޖެކްޝަން ޖަހައިގެން 50 އަހަރުގެ މެލީސާ މަރާލުމަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ.
ހުކުމް ފަސްކުރިޔަސް މެލީސާގެ ހިތަކަށް މާ ބޮޑު ހަމަޖެހުމެއް ނުލިބެ އެވެ. އޭނާގެ ކުށެއް ނެތްކަން އަދި ސާބިތު ކުރެވިފައި ނުވާތީ ދެން ވާނެ ގޮތެއް ނޭނގޭތީ އެވެ. ނަމަވެސް އިތުރު އެންމެ ދުވަހަކު ނަމަވެސް އޭނާގެ ދަރިންނާއި މާމަދަރިން އަދި މުނިމާމަ ދަރިން ލޮލުން ދެކިލުމުގެ ނަސީބު ލިބޭތީ ހިތްހަމަޖެހިއްޖެކަމަށް މެލީސާ ބުންޏެވެ.
މެލީސާއަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލް ކުރެވޭ ވަރުގެ ހެކިތަކެއް ހިމެނޭ ދެ ވީޑިއޯއެއް އޭނާގެ ގާނޫނީ ވަކީލުންނަށް ދާދިފަހުން ވަނީ ލިބިފަ އެވެ. މި ވީޑިއޯތަކުން މެލީސާގެ މައުސޫމްކަން ސާބިތުވާނެކަމަށް އެންމެންވެސް ގަބޫލު ކުރެ އެވެ. ސުވާލަކީ މި މަންމައަށް އިންސާފު ލިބޭނެތޯ ނުވަތަ ނޫންތޯ އެވެ.
އޭގެ ތެރެއިން އެއް ވީޑީއޯގައި އޮފިސަރަކު މެލީސާގެ ފިރިހެން ދަރިފުޅަކާ ސުވާލުކުރާތަން ފެނެ އެވެ. އޭނާގެ ކޮއްކޮ ސިޑިން ވެއްޓުނުތަން ފެނުނުތޯ ނުވަތަ އެ ވާހަކަ އޭނާ ކައިރީ ބުނީ އެހެން މީހެއްތޯ އެވެ. އެ ކުއްޖާ ބުނަނީ ކޮއްކޮ ސިޑިން ވެއްޓުނު ތަން އޭނާ ލޮލުން ދުށް ކަމަށެވެ.
މެލީސާގެ މައްސަލަ ކޯޓުގައި ހިނގިއިރު މި ވީޑިއޯ ފަނޑިޔާރުންނަށް ދައްކާފައެއް ނުވެ އެވެ. އަދި މެލީސާ އޭނާގެ ދެ އަހަރުގެ ދަރިފުޅަށް އަނިޔާ ކުރި ކަމަކަށް އޭނާގެ އެއްވެސް ދަރިއަކު ބަޔާން ދީފައެއް ނުވެ އެވެ.
ދެ ވަނަ ވީޑީއޯ އަކީ މެލީސާ އާ ސުވާލު ކުރިއިރު ނަގާފައިވާ ވީޑިއޯ އެކެވެ. އެތައް ގަޑިއެއް ވަންދެން އޭނާއާ ސުވާލު ކޮށްފައިވަނީ ކާއެއްޗެއް ވެސް ފެންފޮދެއް ވެސް ނުދީ ބައިންދައިގެންނެވެ. އަދި ގާނޫނީ ވަކީލަކާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ނުދީ އެވެ.
އެއްވެސް ރަހުމެއް ނެތި އޭނާގެ ދަރިފުޅު މަރާލި ގާތިލަކީ އޭނާ ކަމަށް އޮފިސަރުން ތަރުކާރުކޮށް ބުނަމުން ދިޔައިރު މެލީސާގެ ހިތާއި ނަފުސު ފުނޑުފުނޑުވާ ދަރަޖައަކަށް އޭނާގެ ހާލަތު ދިޔަ ކަމަށް މެލީސާ ފަހުން ބުނެފައި ވެއެވެ.
މެލީސާ އާ ދެކޮޅަށް ވަކާލާތުކުރާ ދައުލަތުގެ ވަކީލުން ކޯޓުގައި ތަކުރާރުކޮށް ބުނަމުންދިޔައީ މެލީސާގެ ދަރިފުޅު މަރުވީ އޭނާ ކުރި އަނިޔާތަކުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ވެސް މެލީސާ ބުނަނީ އެންމެ ވާހަކަ އެކެވެ. އޭނާގެ ދަރިފުޅުގެ މަރަކީ އެކްސިޑެންޓަކުން ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް ހައެއްކަ އަށެއްކަ ގަޑިއިރު ވަންދެން މެދުކެނޑުމެއް ނެތި އެއް ސުވާލުތަކެއް ކޮށް ކާން ނުދީ ބޯން ނުދީ ބައިންދައިންގެ ކުރި ޕްރެޝަރަށް ކެތްނުވެގެން މެލީސާ އެންމެ ފަހުން އޭނާ ނުކުރާ ކަމަކަށް އެއްބަސްވާން މަޖްބޫރުވީ އެވެ. އެވަރުން ވެސް މެލީސާ ބުނީ އޭނާއަށް ކުށެއް ކުރެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ހަގީގަތުގައި މެލީސާ އެހެން ބުނީ ދަރިފުޅު މަރުވީ އޭނާގެ އިހުމާލުން ކަމަށް އަމިއްލަ ނަފްސަށް ގަބޫލު ކުރެވިގެންނެވެ. ކޮންމެހެން ދަރިފުޅަށް އަނިޔާކޮށް މަރާލީ އޭނާއަށް ވެގެނެއް ނޫނެވެ.
މެލީސާ ފަހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ދަރިން ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. ދަރިންނަށް އަނިޔާކުރުމަކީ އޭނާ ދުވަހަކުވެސް ކުރާ ކަމެއް ނޫނެވެ.
ނަމަވެސް އޭނާއަށް މަރުގެ ނިޔާ އިއްވީ އޭނާ އެކަމަށް ވީ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށެވެ. އެ އެއްބަސްވުމަކީ ކޮން ހާލަތެއްގައި ކޮން ގޮތަކަށް ނަގާފައިވާ އެއްޗެއް ކަމަށް އޭރު އެއްވެސް މީހަކު ބަލާކަށް ބޭނުމެއް ނުވި އެވެ.
މެލީސާގެ ދިފާއުގައި ސެލެބްރިޓީ އެއްކަމަށްވާ ކިމް ކާޑޭޝިއަން ވެސް ފާޅުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އޭނާ ވަނީ މެލީސާގެ ދަރިން ސޮއިކޮށްފައިވާ ސިޓީއެއް ވެސް ޓުވިޓާގައި އޭނާ ފޮލޯކުރާ 72 މިލިއަން މީހުންނާ ޝެއާ ކޮށްފަ އެވެ. މި ސިޓީގައި މެލީސާގެ ހުރިހާ ދަރިން ބުނެފައިވަނީ އެމީހުންގެ މަންމައަކީ ގާތިލެއް ނޫން ކަމަށެވެ. އަދި މަންމަ މަރާނުލުމަށް އެ ހުރިހާ ކުދިން ވަނީ ކަމާ ބެހޭ ފަރާތްތަކުގައި އެދިފަ އެވެ.
ކިމްގެ މި ޕޯސްޓާއެކު ކުއްލިއަކަށް މެލީސާގެ ވާހަކަ ލެޓިން އެމެރިކާގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ސަބަބަކީ މެލީސާ އަކީ ހިސްޕެނިކް އަންހެނަކަށް ވެފައި ޓެކްސަސްގައި މަރުގެ އަދަބު ދޭން ނިންމާފައިވަނީ މި ފަދަ ފުރަތަމަ އަންހެނާ އަށް ވީމަ އެވެ.
މެލީސާގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ މީހަކު ބުނި ގޮތުގައި މެލީސާގެ މައްސަލައިގައި ޝައްކުކުރެވޭ މާ ގިނަ ކަންތައްތައް މިހާރު ހާމަވެއްޖެ އެވެ. އެހެންކަމުން މައުސޫމް މީހަކަށް މަރުގެ އަދަބު ދޭތަން ބަލަން އެމީހުން މަޑުން ނުތިބޭނެ ކަމަށެވެ.
މެލީސާގެ މަރުގެ އަދަބު ދިނުން ފަސްކުރުމަށްފަހު އަލުން ބަލުން އޭނާގެ މައްސަލަ ތަހުގީގުކުރަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އޭނާގެ މައުސޫމްކަން ކޯޓުގައި ސާބިތު ކޮށްދެވިދާނެތޯ އެއީ ސުވާލެކެވެ. އަދި މި ހާދިސާއަށް 14 އަހަރު ފާއިތުވީއިރު ޖަލުގެ ތޭރިތަކުގެ ތެރޭގައި މަރާލާނެ އިރެއްގެ އިންތިޒާރުގައި މެލީސާ ހޭދަކުރި ހިތްދަތި ދުވަސްތަކަށް އޭނާއަށް އިންސާފު ލިބޭނެ ގޮތެއް އޮތްތޯ މިއީ ވެސް ބޮޑު ސުވާލެކެވެ.