ލައިފްސްޓައިލް

ކައްވަޅުގައި އޮތްމީހާގެ ބަޔާނުން ގާތިލު އުމުރަށް ޖަލަށް

ހޮސްޕިޓަލުގެ އެނދުގައި ޖޫޑީ މެލިނޯސްކީ އޮވެ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ހަށިގަނޑުގެ 90 ޕަސެންޓް އޮތީ ފިހިފަ އެވެ. ބޮލުގައި ހުރި އިސްތަށިތައް ވަނީ އަނދައިގެން ގޮއްސަ އެވެ. ގައިގައި ހަންކޮޅެއް ހުރީ މަދު ތަނެއްގަ އެވެ. އިނގިލިތަކާއި ކަންފަތްވެސް ވަނީ އަނދައިގެން ގޮއްސަ އެވެ. އަނދައިގެން ދިއުމުގެ ސަބަބުން އައިބުވެފައިވާ ކަނާއަތް އުފުލާލައި ވީޑީއޯ ކެމެރާއާ ދިމާލަށް ބަލަން އޮވެ އޭނާ ވާހަކަ ދައްކަމުން ދިޔައިރު އަޑުގައި ހުރީ ސާބިތުކަމެވެ.

މި ޒުވާން މަންމަގެ ހާލު ބަޔާންކޮށްދޭން ދަތި ވަރަށް ނާޒުކުވެފައި ވެއެވެ. އޭނާ ދިރިއޮތް ކަމާ މެދު ވެސް މީހަކު އަޖައިބުވެ އަންތަރީސްވާ ވަރަށް ޖޫޑީގެ ހާލު ގޯހެވެ.

ނަމަވެސް އޭނާގެ ވާޙަކައިގައި ހިތްވަރާއި އަޒުމު ހުއްޓެވެ. ދެންމެ ދެންމެ ފުރާނަ ހިނގައިދާނެހެން ހީވާވަރު ވެފައިވާ ޖޫޑީ އޭނާގެ ގާނޫނީ ވަކީލާއި އޭނާއަށް މި ހަމަލާ ދިން ކުރީގެ ލޯބިވެރިޔާ މައިކަލް ސްލޭގާ ތަމްސީލުކުރާ އެޓާނީ އަށް ލައިވްކޮށް ބަޔާން ދެމުން ދިޔަ އެވެ. އަދި ކުރީގެ ލޯބިވެރިޔާ އޭނާ މަރާލަން މަސައްކަތް ކުރި ގޮތް ވަރަށް ސާފުކޮށް ކިޔައިދިނެވެ.

ޖޫޑީގެ ބަޔާން ރެކޯޑްކުރިތާ އެތައް މަހެއް ފަހުން އޭނާ ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. ޖޫޑީގެ ބަޔާން ރެކޯޑްކޮށްފައިވާ ވީޑިއޯ ޓޭޕަކީ އޭނާގެ ގާތިލުގެ ކުށް ސާބިތު ކުރެވޭވަރުގެ ހެއްކަކަށް ވިއެވެ. އަދި އޯހިއޯގެ ކޯޓް ސިސްޓަމް ބަދަލުކޮށްލަން މެދުވެރިވީ ސަބަބަކަށް ވެސް ވިއެވެ.

ވޭނާއި ކެކުޅުން ތަހައްމަލުކުރަމުން ވެސް ޖޫޑީ ވަނީ ޖަޖުންނާއި ޖޫރީންނާ މުޚާތަބުކޮށް އަމިއްލައަށް ބަޔާންދީފަ އެވެ. ކައްވަޅުގައި އޮވެގެންނެވެ. ޖޫޑީގެ ބަޔާނުން އޭނާގެ ކުރީގެ ލޯބިވެރިޔާ ސްލޭގާ އަށް ޕެރޯލް އަކާ ނުލާ އުމުރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ.

އެމެރިކާގެ މަދު ތިއޭޓަރެއްގައި އޮކްޓޯބަރު 21 ވަނަ ދުވަހު ދައްކަން ފަށާފައިވާ ޑޮކިއުމެންޓްރީ "ދަ ފަޔާ ދެޓް ޓުކް ހާ"ގައި ދައްކަނީ ޖޫޑީގެ ހަޔާތުގެ ވާހަކަ އެވެ. އަންނަ އަހަރު މި ޑޮކިއުމެންޓްރީ ސްޓްރީމްކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

ޖޫޑީގެ ބަޔާނުގެ ސަބަބުން އޯހިއޯ ސްޓޭޓްގެ ގާނޫނު ބަދަލުކޮށްފައި ވެއެވެ. ކުރިން ގާނޫނު އޮތް ގޮތުން ސްލޭގާ އަށް އެންމެ ގިނަވެގެން ވެސް އަންނަނީ ހައެއްކަ އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ އުމުރަށް ޖަލަށް ލެވުނީ މި ގާނޫނު ބަދަލު ކުރެވުނީމަ އެވެ.

ތެޔޮފަދަ އެއްޗަކުން ހަމަލަދީ މީހާގެ ގައިގައި ރޯކޮށްލާ ހަށިގަނޑު މުޅިން އައިބުވާ ވަރުގެ ބޮޑު ގެއްލުމެއް ދިން މީހަކަށް ދޭން އޮންނަ އަދަބު ބޮޑު ކުރެވުނީމަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން "ޖޫޑީޒް ލޯ" ފާސްކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ގަވަރުނަރު މި ގާނޫނުގައި ސޮއިކުރެއްވިއިރު ޖޫޑީގެ ދެ ދަރިން ކައިރިގައި ތިއްބެވެ. އެއީ ޖޫޑީގެ ޖަނާޒާ ބޭއްވި ހަފުތާ ވެސް މެއެވެ.

އެމެރިކާގެ ގާނޫނެއް ބަދަލުކުރަން މަޖުބޫރުކުރުވި އަންހެން މީހާގެ ވާހަކަ ހަމަ ކޮންމެ މީހަކުވެސް އަޑުއަހާލަން މުހިއްމެވެ.

ޖޫޑީ އުފަންވީ އަދި އުޅެ ބޮޑުވީ އޯހިއޯގެ ރަށްބޭރުގައި އޮންނަ ކުޑަ އަވަށެއްގަ އެވެ. އޭނާގެ ބޭބެއަކާއި ދައްތައެއް ހުއްޓެވެ. އަދި އެމީހުންނާއެކު ކުޑައިރުގެ ހަޔާތް ޖޫޑީ ހޭދަކުރީ އުފަލުގަ އެވެ.

ޖޫޑީ އަކީ ރީތީގެ މުބާރާތްތައް ކާމިޔާބުކުރި ވަރަށް ރީތި އަންހެނެކެވެ. ނަމަވެސް ވަރަށް ޅައުމުރުގައި އޭނާއަށް އޯވޭރިއަން ކެންސަރު ޖެހި ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. އެ ފަހަރު އޭނާ ކެންސަރު ބަލިކުރި އެވެ. ނަމަވެސް 2006 ގައި ދެވަނަ ފަހަރަށް ކެންސަރު އަނބުރާ އައެވެ. މިފަހަރު ޑޮކްޓަރުން އޮޕަރޭޝަންކޮށް ޖޫޑީގެ ރަހިމު ނެގި އެވެ.

އޭރު ޖޫޑީގެ ފުރަތަމަ ކައިވެންޏަށް ދެ ދަރިން ލިބިފައި ވެއެވެ. ކެންސަރުގެ ފަރުވާ ދެވަނަ ފަހަރަށް ހޯދާ ރަނގަޅުވަމުން އައި ދުވަސްވަރު ޖޫޑީ ތަދުކަނޑުވަން ކާ ބޭސްތައް މާގިނައިން ބޭނުންކުރުމުގެ ސަބަބުން އެފަދަ ބޭހަށް ދެވި ހިފި އެވެ. އަދި މާގިނައިން ބޭސް ބޭނުންކުރަން ފެށުމުން އިންޝުއަރެންސް ފައިސާ ހުސްވި ޕްރެސްކްރިޕްޝަނަށް ބޭސް ނުލިބި އެންމެ ފަހުން މަސްތުވާތަކެތީގެ ވަބައިގައި އޭނާ ޖެހި މަގުމަތީގައި މަސްތުވާތަކެތި ހޯދަން އުޅެން ފެށި އެވެ.

މިއީ ޖޫޑީގެ ހަޔާތުގެ ވާހަކަ ގެނެސްދޭ ޑޮކިއުމެންޓްރީގައި ހުދު އޭނާ ދައްކާފައި ވާހަކަތަކެވެ. އަދި އޭނާގެ އާއިލާގެ ބައެއް މީހުން ވެސް މި ޑޮކިއުމެންޓްރީގައި ވާހަކަ ދައްކާފައި ހުއްޓެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ޖޫޑީ މަސައްކަތް ކުރަމުންދިޔައިރު އޭނާގެ ކުޑަ ދެ އަންހެން ދަރިން ބެލެހެއްޓީ ޖޫޑީގެ އާއިލާގެ ބައެއް މީހުންނެވެ. އަދި މަސްތުގެ ވަބާއިން ސަލާމަތްވާން ޖޫޑީ ކުރަމުންދިޔަ މަސައްކަތް ކާމިޔާބާ ހަމަޔަށް ގާތްގަނޑަކަށް ވާސިލު ވެވިފައި ވަނިކޮށް ޖޫޑީގެ ހަޔާތަށް މައިކަލް ސްލޭގާ އައެވެ.

ޑޮކިއުމެންޓްރީގައި ބުނާ ގޮތުގައި ސޯޝަލްމީޑީއާ އިން ޖޫޑީއާ ފުރަތަމަ ގުޅީ ސްލޭގާ އެވެ. ދެ މީހުންގެ ފުރަތަމަ ބައްދަލުވުމާއެކު އެކަކު އަނެކަކަށް ލޯބިން ފިދާވެ ވަކިން ނޫޅެވޭވަރަށް ލޯބިވި އެވެ.

މުޅި ކަރުގައި ޓެޓޫ ޖަހާފައިވާ ސްލޭގާއަކީ އެކި ކުށްތައް ކުރުމުގެ ދިގު ރެކޯޑެއް އޮތް މީހެއް ކަމެއް ޖޫޑީއަކަށް ވެސް އޭނާގެ އާއިލާގެ އެކަކަށް ވެސް ނޭނގެ އެވެ. ވައްކަން ކުރުމާއި ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް އަނިޔާވާ ފަދަ ކަންކަން ކުރުމުގެ ރެކޯޑް ސްލޭގާގެ އޮތެވެ.

ސްލޭގާ އާ ރައްޓެހިވީތާ މާގިނަ ދުވަހެއް ނުވެ ޖޫޑީ އަނެއްކާވެސް މަސްތުވާކެތި ބޭނުންކުރަން ފެށި އެވެ. ސްލޭގާ މަސްތުވާތަކެތި ބޭނުމެއް ނުކުރެ އެވެ. ނަމަވެސް އެ ތަކެތި ގަނެ ޖޫޑީ އަށް ދީ އޭނާ ރަނގަޅަށް މަސްތުކުރުވާފައި ބަހައްޓަ އެވެ. މިކަމުގެ ސަބަބުން ޖޫޑީގެ މުޅި ކޮންޓްރޯލް ސްލޭގާއަށް އޮތެވެ. ދެ މީހުން ވަރަށް ތަޅާފޮޅައި އަރާރުން ވިޔަސް ޖޫޑީއަކަށް ސްލޭގާގެ ކިބައިން ސަލާމަތެއް ނުވެވުނެވެ. ޖޫޑީ މަރުވީ މަސްތުގެ ވަބާއިން ސަލާމަތްވާން ރިހެބަށް ދާން ކުރި ދަތުރުގެ ވަކި ހިސާބަކުން ދެމީހުންގެ މެދުގައި އުފެދުނު އަރާރުމެއްގެ ތެރޭގަ އެވެ.

އެ އަހަރުގެ އޮގަސްޓް ދެވަނަ ދުވަހު ގޭސް ސްޓޭޝަނެއްގެ ބޭރުގައި ދެ މީހުން އަރާރުން ވަމުން ގޮސް ޖޫޑީ ބޯން ގެންގުޅުނު ސޮޑާ ދަޅެއްގައި ހުރި އެއްޗެތި ސްލޭގާ އާ ދިމާލަށް ޖޫޑީ ހޫރާލީ އެވެ. އޭގެ ބަދަލު ސްލޭގާ ހިފީ ޖޫޑީގެ މުޅި ގަޔަށް ޕެޓްރޯލް ޖަހައި ރޯކޮށްލައިގެންނެވެ.

އެތާ ކައިރީ ހުރި އޭޓީއެމް އެއްގައި ހަރުކޮށްފައިވާ ކެމެރާއަށް މި މަންޒަރު އަރާފައި ވީނަމަވެސް ޖޫޑީގެ ގައިގައި ސްލޭގާ އަލިފާން ޖަހާތަނެއް ނުފެނެ އެވެ. ޖޫޑީގެ ގައިގައި ރޯވިކަން 911 އަށް ގުޅާ އެންގީ އެހެން މީހެކެވެ. ސްލޭގާ ބުނަނީ އޭނާ ގަސްތުގައި އަލިފާން ނުޖަހާ ކަމަށާއި އެކްސިޑެންޓަކުން ޖޫޑީގެ ގައިގައި ހުޅު ހިފީ ކަމަށެވެ.
ޖޫޑީ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަނަމަވެސް އޭނާ ފިހިފައި އޮތްލެއް ބޮޑުކަމުން ސަލާމަތްވުމުގެ ކުޑަނަމަވެސް ފުރުސަތެއް ނެތްކަން ޑޮކްޓަރުންނަށް ޔަގީންވި އެވެ.

"ދަ ފަޔާ ދެޓް ޓުކް ހާ"ގައި ވާހަކަ ދެއްކި އެކަކީ ޖޫޑީއަށް ފަރުވާ ދިނުމުގައި އިސްހުރި ނަރުހެވެ. އޭނާ ބުނި ގޮތުގައި ފިހިގެން ގެންނަ މީހުން ރަނގަޅު ކުރެވޭނެތޯ ނުކުރެވޭނެތޯ ބަލަނީ އެމީހެއްގެ އުމުރާއި ފިހިފައި ހުރި ޕަސެންޓޭޖަށް ބަލައިގެންނެވެ.

ޖޫޑީ ފިހުނުއިރު އޭނާގެ އުމުރުން 31 އަހަރެވެ. އަދި އޭނާގެ ހަށިގަނޑުގެ 80 ޕަސެންޓް އޮތީ ފިހިފަ އެވެ. ނަރުސް ގަބޫލުކުރާ ގޮތުގައި ޖޫޑީ ރަނގަޅު ނުކުރެވޭނެކަން 110 ޕަސެންޓް ޔަގީނެވެ.

ޖޫޑީ މަރާ ހަނގުރާމަ ކުރަމުން ދިޔައިރު ޑިޓެކްޓިވުން މަސައްކަތް ކުރަމުން ދިޔައީ ގޭސް ސްޓޭޝަނުގެ ބޭރުގައި އެ ދުވަހު ކަންތައްވީ ކިހިނެއްތޯ ދެނެގަތުމަށެވެ.

ސީސީޓީވީ ފުޓޭޖުންނާއި މަންޒަރު ދުށް މީހުންގެ ބަޔާންތަކުން ޖޫޑީ ގަޔަށް ސްލޭގާ ޕެޓްރޯލް ޖަހާތަން ފެނެ އެވެ. ނަމަވެސް އަލިފާން ރޯކުރަނިކޮށް ކެމެރާ އަށް ވެސް އަރާފައެއް ނެތެވެ. އަދި އެ މަންޒަރު އެކަކަށް ވެސް ނުފެނެ އެވެ. އެހެންވެ އެކަން ސާބިތުކުރަން މަސައްކަތް ކުރަމުންދިޔަ އެވެ. ފިހިގެން ހޮސްޕިޓަލަށް ގެނައިއްސުރެ ޖޫޑީ އޮތީ ކޯމާގަ އެވެ. އެތައް މަހެއް ވަންދެން ކޯމާގައި އޮވެ ޖޫޑީ މަރާ ހަނގުރާމަ ކޮށްފައި ވެއެވެ.

ޖޫޑީގެ ގާނޫނީ ވަކީލުންގެ އަތުގައި ހުރި ހެކިން ސްލޭގާގެ މައްޗަށް ކުށް ސާބިތުވާވަރު ވެއެވެ. ނަމަވެސް އެންމެންވެސް ބޭނުންވީ އޭނާ އުމުރަށް ޖަލަށް ލެވޭވަރުގެ ހުކުމެކެވެ. އެވަރުގެ ހެއްކެއް ނެތުމުން ދެން ވަކީލުން ގަސްތުގައި އެކި ބަހަނާތައް ދައްކައިގެން ޝަރީއަތް ލަސް ކުރަމުން ގެންދިޔަ އެވެ.

ޖޫޑީ ހޭ ނާރާނެކަން ވަކީލުންނަށް ގާތްގަނޑަކަށް ޔަގީނެވެ. އެހެންވެ އެމީހުން އިންތިޒާރުކުރަމުން ދިޔައީ ޖޫޑީ މަރުވާނެ ދުވަހަކަށެވެ. ސްލޭގާއާ ދެކޮޅަށް ހޮމިސައިޑް ދައުވާ ކުރުމަށެވެ. އެހެން ތިއްބާ އެއް ދުވަހަކު ކުއްލިއަކަށް ހޮސްޕިޓަލުން ފޯނެއް އައެވެ. ޖޯޑީ ހޭ އެރިކަމުގެ ޚަބަރު ލިބުނެވެ. މިއީ އެއްވެސް މީހަކު އިންތިޒާރުކުރި ކަމެއް ނޫނެވެ.

ޕްރޮސެކިއުޓާ ބުނި ގޮތުގައި މިއީ އޭނާ ހަވާލުވި ކޭސްތަކުގެ ތެރެއިން އަނިޔާ ލިބުނު މީހާ އާ ބައްދަލުވާނެ ފުރުސަތު ލިބުނު ހަމައެކަނި ހޮމިސައިޑް ކޭހެވެ.

ކޯމާއިން ހޭލައި ޖޫޑީ އޭނާގެ ވަކީލުންނާއި ޕްރޮސެކިއުޓަރުން އަދި އެނޫންވެސް މީހުންނާ މުޚާތަބުކޮށް ވާހަކަ ދައްކަމުން ދިޔައިރު މި ވާހަކަތައް ދިޔައީ ވީޑީއޯ ކުރަމުންނެވެ. ޝަރީއަތުގައި މި ވާހަކަތައް ބޭނުންކުރަން ޖެހޭތީ އެވެ.

"މުޅި ގައިގައި އަލިފާން ޖަހާ ރޯކޮށްލުމުން އެ ކުރެވޭ އިހްސާސްތައް ލަފުޒުތަކަކުން ބަޔާންކުރާނެ ގޮތެއް އަހަންނަކަށް ނޭނގޭ. އަހަރެން އެ ވަގުތު މަރުވަނީ ކަމަށް ޔަގީންކުރިން. އަހަރެންގެ ކުށްތައް މައާފު ކޮށްދިނުމަށާއި ދަރިން ރައްކާތެރިކޮށްދިނުމަށް އެވަގުތު އަހަރެން ދުއާކުރިން. ދެން އަހަރެންގެ މޫނަށް ވެރިވީ އަނދިރިކަން. އަދި ހޭލެވުނުއިރު އޮތީ ހޮސްޕިޓަލުގައި،" ޖޫޑީގެ ބަޔާނުގައި ބުންޏެވެ.

ސްލޭގާ އޭނާއަށް ހަމަލަ ދިން ގޮތް ވެސް ޖޫޑީ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ގޭސް ސްޓޭޝަނުގެ ބޭރުގައި އަރާރުން ވަމުންގޮސް އޭނާގެ އަތުގައި އޮތް ސޮޑާ ދަޅެއްގައި ހުރި އެތިކޮޅެއް އޭނާ ސްލޭގާގެ ގަޔަށް ޖެހުމާއެކު ސްލޭގާ އެ ދިޔަ ގޮތަށް ގޮސް އޭނާގެ ޓްރަލްގައި ހުރި ޕެޓްރޯލް ހަމެއް ހިފައިގެން އައިސް ޖޫޑީގެ ބޮލަށާއި ގަޔަށް ޕެޓްރޯލް އުކީ އެވެ. އަދި އޭގެން ބައެއް އޭނާގެ ކަރު ބުޑަށް ވެސް ދިޔަ ކަމަށް ޖޫޑީ ބުންޏެވެ. އަދި ޕެޓްރޯލް އުކާފައި ސްލޭގާ އެނބުރި ދިޔަތާ 30 ވަރަކަށް ސިކުންތު ތެރޭގައި އަލިފާން ފޮއްޓެއް ހިފައިގެން އައިސް އަލިފާން ދަނޑިއެއް އަޅައި އޭނާގެ ގައިގައި ރޯކޮށްލި ކަމަށާއި ރޯކޮށްލުމުން އެންމެ ބޮޑަށް ދިލަ ނަގާ ވޭން ލިބުނީ ކަރު ތެރޭގައި ހުރި ޕެޓްރޯލްގައި ރޯވުމުން ކަމަށް ޖޫޑީ ބުންޏެވެ.

"އަހަރެން ރޮމުން އާދޭސްކުރިން ތިހެން ނުހަދާށޭ ކިޔާފަ. އެކަމަކު އޭނާ އަހަރެންގެ އާދޭސް އަޑު ނާހާ ރޯކޮށްލީ،" ޖޫޑީގެ ބަޔާނުގައި ވެއެވެ.

ޖޫޑީ ކިޔައިދީފައިވާ ގޮތުގައި މަސްތުގެ ވަބާއިން އޭނާ މުޅިން ސަލާމަތްވެފައި ހުއްޓާ އެ ވަބާގައި އަލުން ޖެއްސީ ސްލޭގާ އެވެ. ގަދަކަމުންނާއި މަޖުބޫރުކޮށްގެން އޭނާއަށް މަސްތުވާތަކެތި ދީ ރަނގަޅަށް އޭގެ ދަލުގައި އަލުން ޖެއްސީ ސްލޭގާ ހަމަ ގަސްދުގައި ކަމަށް ޖޫޑީ ބުންޏެވެ.

ޕްރޮސެކިއުޓަރު ބުނި ގޮތުގައި އެހާ ހާލު ބޮޑުވެ ވޭނުގައި މަރުނުވެ އޮތް އިންސާނެއް އޭނާ މީގެ ކުރިން ދުވަހަކުވެސް ނުދެކެ އެވެ.

"ޖޫޑީގެ ކަންފަތް ވަނީ އަނދައިގެން ގޮއްސަ. އޭނާއަށް އަޑު އިވޭކަމާ މެދު ވެސް އަހަންނަށް ޝައްކު. އެހެންވެ އަހަރެން އޭނާގެ ކަންފަތް ކައިރިއަށް ތިރިވެލާފައި އޭނާއާ ވާހަކަ ދެއްކީ،" ޕްރޮސެކިއުޓަރު ބުންޏެވެ.

ފަންސާހަށް ވުރެ ގިނަ ސާޖަރީ ޖޫޑީގެ ހެދި އެވެ. އެތައް ތަނެއްގެ ސްކިން ގްރާފްޓް ކުރި އެވެ. ނަމަވެސް ހުރިހާ ފަރުވާއެއް ދިޔައީ ބޭކާރު ވެގެންނެވެ.

"ކަލެއަކީ ރަހުމުގެ ކަންފުޅެއްވެސް ހުރި މީހެއް ނޫން. ކަލެއަށް ހައްގީ ހަމަ މަރުގެ އަދަބު،" ރެކޯޑްކޮށްފައިވާ ޖޫޑީގެ ބަޔާން ކޯޓުގައި އިއްވިއިރު ސްލޭގާއާ މުޚާތަބުކޮށް ޖޫޑީ ބުނެފައި ވެއެވެ.

ޖޫޑީގެ ބަޔާނުން ވެސް ސްލޭގާ އަށް އައީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާއަށް ހުކުމް ކުރިއިރު ޖޫޑީ މަރުނުވާތީ އާއި ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އޭނާއަށް ސާބިތުކުރެވޭނެ ގޮތެއް ނުވުމުންނެވެ. މި ހުކުމް އިއްވި ފަނޑިޔާރުން ވެސް ޖޫރީން ވެސް އަދި ވަކީލުން ވެސް މި ހުކުމާ ހިތްހަމައެއް ނުޖެހުނެވެ. އަދި މިފަދަ ހުކުމެއް ކުރަން ޖެހޭތީ ރުޅިގަދަވި އެވެ.

ގަސްދުގައި އިންސާނެއްގެ ގައިގައި ރޯކޮށްލައިގެން ނުވަތަ އެނޫންވެސް ގޮތަކަށް ބޮޑު ގެއްލުމެއް ދިނުމުން ދޭ އަދަބު ބޮޑުކުރަން ގާނޫނެއް ފާސްކުރަން އެމީހުން މަސައްކަތް ފެށީ އެހެންވެ އެވެ. އަދި ސްލޭގާއަށް އުމުރު ދުވަހުގެ ޖަލުގެ ހުކުމެއް ކުރެވުނީ މި ގާނޫނު ބަދަލު ކުރެވުނީމަ އެވެ.

ޖޫޑީގެ ނަރުސް ބުނި ގޮތުގައި އެހާ ވޭނުގައި އޮތް އިންސާނަކު ކޯމާއިން ހޭލައި ހިތްވަރާއެކު އެވަރުގެ ބަޔާނެއް ދެވުނުކަމާ މެދު ވެސް ހައިރާންވާވަރު ވެއެވެ.

ޖޫޑީ ބަޔާން ދީފައިވަނީ 2017ގެ ކުރީކޮޅު އެވެ. އޭގެ ފަސް މަސް ފަހުން 2017ގެ ޖޫން 27 ވަނަ ދުވަހު ޖޫޑީ މި ދުނިޔާ ވަނީ ވަކިވެފަ އެވެ.

ސްލޭގާ ކުށްވެރިވާ ކަމަށް ކަނޑައަޅައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ 2018ގެ ޖުލައި މަހު އެވެ.
ސްލޭގާ އަށް މަރުގެ ހުކުމް އަންނަން ބޭނުން ނޫންކަން ޖޫޑީ ވަރަށް ސާފުކޮށް ބުނެފައި ވެއެވެ. ޖަލުގައި ހުރެގެން ސްލޭގާ އަށް ހެޔޮވިސްނުން ދެއްވާތޯ އެވެ.

ޖޫޑީ މަރުވީ 23 މަސް ވަންދެން މަރާ ހަނގުރާމަ ކުރުމަށްފަހުގަ އެވެ.