އެމެރިކާގެ ވާޖީނިއާ އިން މީގެ 47 އަހަރު ކުރިން ޒުވާން ފުރައިގެ އަންހެން ކުއްޖަކު ގެއްލުނެވެ.
އޭގެ 26 އަހަރު ފަހުން އޭނާ ގެއްލުނު ސަރަހައްދުގައި ހުރި ފަޅު އިމާރާތެއްގެ ބޭރުގައި އޮތް ޗަކަގަނޑެއްގެ ތެރެއިން ޒުވާން އަންހެނެއްގެ ކަށިގަނޑު ފެނުނެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅާ ހަމައަށް އެ ކަށިގަނޑަކީ ޕެޓްރީޝިއާގެ ކަށިގަނޑުކަން ޔަގީން ކުރެވިފައެއް ނުވެ އެވެ.
އެ ކަށިގަނޑަކީ 47 އަހަރު ކުރިން ގެއްލުނު އުމުރުން އޭރު އެންމެ 17 އަހަރުގެ ޕެޓްރީޝިއާ އެގްނެސް ގިލްޑަވީގެ ކަށިގަނޑު ކަން ފެއާފެކްސް ސިޓީގެ ތަހުގީގު ޓީމަށް ޔަގީން ކުރެވުނީ ދާދިފަހުންނެވެ. މިކަން ޔަގީން ކުރެވުނީ އެޑްވާންސް ޑީއެންއޭ ޓެސްޓަކުންނެވެ.
ކުރިން ވެސް މި ކަށިތަކުގެ ޑީއެންއޭ ހަދާފައިވެ އެވެ. ނަމަވެސް އޭރު މި ޓެސްޓުތައް އެހާ އެޑްވާންސް ނުވާތީ އެއީ ކާކުގެ ކަށިތަކެއް ކަމެއް އޮތީ ނޭނގި އެވެ.
އޭރު ހެދި ޓެސްޓްތަކުގެ ނަތީޖާގައިވަނީ އެ ކަށިގަނޑީ އެފްރިކަން-އެމެރިކަން ޒުވާން އަންހެނެއްގެ ކަށިތައް ކަމަށެވެ. އުމުރުން 20ގެ އަހަރުތައް ގުނަމުންދާ ޒުވާނެއްގެ ކަށިތައް ކަމަށެވެ.
ޕެޓްރީޝިއާ އަކީ ދޮން ނަސްލުގެ އުމުރުން އެންމެ 17 އަހަރުގެ އަންހެން ކުއްޖެކެވެ. ވީމާ އެއީ އޭނާގެ ކަށިތައް ކަން ސާބިތު ނުވީ އެވެ. އެއީ ޕެޓްރީޝިއާގެ ކަށިގަނޑުކަން ޔަގީން ކުރެވުނީ މިއަހަރުގެ ކުރީކޮޅު އޮތުރާމް އައިއެންސީ ކިޔާ ޑީއެންއޭ ޓެސްޓް ހަދާ ކުންފުންޏަކުން އަލުން ހެދި ޓެސްޓް ތަކަކުންނެވެ.
ސްކައި ނިއުސްގެ ކްރައިމް ޝޯއެއްގައި މި ކަންތައް ހިނގާ ދިޔަ ގޮތް ކިޔައިދީފައި ވެއެވެ.
މި ޝޯގައި ކިޔައިދީފައިވާ ގޮތުގައި ޕެޓްރީޝިއާގެ ހަށިގަނޑު ފެނިފައިވަނީ ވެސް އޭނާ މަރާލިތާ 26 އަހަރު ފަހުން ސެޕްޓެމްބަރު 21، 2001 ގައެވެ.
މަރާލާފައި އޮއްވާ ފެނުނު މީހާގެ ކަށިގަނޑަކީ ޕެޓްރީޝިއާގެ ކަށިގަނޑުކަން ޔަގީން ކުރެވުނީ މިގޮތަށް ހައްލުނުކުރެވި ހުރި މަރުގެ ހާދިސާތައް ހައްލުކުރަން މަސައްކަތް ކުރާ ޓީމުން ޕެޓްރީޝިއާގެ މަރުގެ ހަގީގަތް ހޯދަން އަނެއްކާވެސް ކުރި މަސައްކަތުންނެވެ.
އެފަހަރު ފެނިފައިވަނީ ޕެޓްރީޝިއާގެ ކަށިތައް ކަން ތަހުގީގު ޓީމަށް ޝައްކުވާތީ ޕެޓްރީޝިއާގެ އެއްބަފާ ދައްތައަކު ހޯދައި އޭނާގެ ޑީއެންއޭ އާއި ކަށިގަނޑުން ނެގި ޑީއެންއޭ ދިމާވޭތޯ ޗެކް ކުރި އެވެ. ނަތީޖާ ދެއްކި ގޮތުން އެ ފަހަރު ފެނުނު ކަށިގަނޑަކީ ޕެޓްރީޝިއާގެ ކަށިތައް ކަން ޔަގީން ކުރެވުނީ އެވެ.
ޕެޓްރީޝިއާގެ އެއްބަފާ ދައްތަ ގިލްޑަވީ ތަހުގީގު ޓީމަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާގެ ކޮއްކޮ އެންމެ ފަހުން ފެނިފައިވަނީ އެތެރެ ރަތްކުލައިގެ ކާރެއްގައި ކޮންމެވެސް ތަނަކަށް ދަނިކޮށް ކަމަށެވެ. އަދި އޭރު ކޮއްކޮ ރައްޓެހިވެގެން އުޅުނީ އޭނާއަށް ވުރެ މާ ދޮށީ މީހަކާ ކަމަށާއި އެ ކާރަކީ ވެސް އެމީހާ ކޮއްކޮއަށް ދުއްވަން ދީގެން އުޅުނު ކާރެއް ކަމަށް ގިލްޑަވީ ބުނެފައި ވެއެވެ.
ކޮއްކޮ އެންމެ ފަހުން ފެނުނު އިރު އޭނާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށާއި އެއީ ކޮން ނިޝާންތަކެއްތޯ ސުވާލުކުރުމުން މާގިނައިން ވެއްޓޭތީ ލާފައި ހުރި ނިޝާންތަކެއް ކަމަށް ކޮއްކޮ ބުނި ކަމަށް ވެސް ޕެޓްރީޝިއާގެ ދައްތަ ބުނެފައި ވެއެވެ.
"އަހަރެން އެ ވަގުތު ކޮއްކޮއާ ދިމާލަށް ބުނިން ނޫނެކޭ ތިއީ ވެއްޓިގެން ލިބިފައި ހުރި އަނިޔާތަކެއް ނޫނޭ،" ޕެޓްރީޝިއާގެ ދައްތަ ބުނެފައި ވެއެވެ.
ނަމަވެސް ޕެޓްރީޝިއާ އޭރު ރައްޓެހިވެގެން އުޅުނު މީހާ ފަހުން ވީތަނެއް ޕެޓްރީޝިއާގެ ދައްތަ އަކަށް ވެސް ނޭނގެ އެވެ. ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ތަހުގީގު ޓީމުން ވަނީ ފަށާފަ އެވެ. ޕެޓްރީޝިއާ މަރާލީ އެ މީހާ ކަމަށް ތަހުގީގު ޓީމަށް މިހާރު ޔަގީން ވެއެވެ. ނަމަވެސް 47 އަހަރު ފަހުން އޭނާ ހޯދުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ޔަގީންވާ ކަމަކީ ޕެޓްރީޝިއާގެ ގާތިލު އޭނާ މަރާލުމަށްފަހު ފާއިތުވީ 47 އަހަރު މިނިވަންކަމާއެކު އުޅެފައިވާ ކަމެވެ.