އީޕީއޭ

ހުޅިދޫއަށް ދިން ގެއްލުންތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި

ވ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހުޅިދޫއަށް ބޮޑެތި ގެއްލުންތަކެއްދީ ހަލާކުކޮށްލާފައިވާ ކަމަށް ތުހުމަތުކޮށް ގެއްލުން ދިން ފަރާތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވ. އަތޮޅު ކައުންސިލުން ގޮވާލައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީ ވިދާޅުވީ ހުޅިދޫ ތަރައްގީ ކުރުމަށް ހަވާލުކޮށްފައި އޮތީ އާރަށް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށާއި އެ މުއްދަތު ހަމަވެވެފައިވާ ކަމަށެވެ.

"މުއްދަތު ހަމަވެގެން ބެލިއިރު އެ ކުންފުނިން އެރަށަށް ގަނޫނާ ހިލާފު އެތައް ގެއްލުންތަކެއް ވަނީ ދީފައި. މި ރަށް އެބޭފުޅުންނާ ހަވާލުކުރިއިރު އޮންނާނެ ބޮޑު ކަނޑޫފަލެއް، މިހާރު އެތަނަށް ފަސްއަޅާ މުޅިން ހަލާކު ކޮށްލާފަ އޮތީ،" ސުޖާއު ވިދާޅުވި އެވެ.

ހުޅިދޫ، ވ. އަތޮޅު ކައުންސިލާ ހަވާލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ސުޖާއު އިތުރަށް ވިދާޅުވީ ތިމާވެއްޓާ ބެހޭ ގާނޫނާއި ހިލާފަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ހުޅިދޫގައި ޖެޓީއެއް ހަދައި ދެ ނެރެއްވެސް ކަނޑާފައިވާ ކަމަށެވެ. އަދި 60 ފޫޓުގެ ބޮޑު ބާޖެއް ފަރުމައްޗަށް ދޫކޮށްލާފައިވާއިރު، ހުޅުދޫގައި ދަނޑުވެރިކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ގެނޮސްފައި ނެތް ކަމަށެވެ. ހުޅިދޫއަށް އެވަރުގެ ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އާއި ސަރުކާރުގެ އެހެނިހެން މުއައްސަސާ ތަކުން ފިޔަވަޅު އަޅާފައި ނުވާތީ ސުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"މިއީ ރާއްޖޭގެ ތިމާވެއްޓަށާއި މި އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިމުންދާ ގެއްލުމެއް. ހިފުން މަނާކޮށްފައި ހުންނަ ދޫނި ހިފީމަ އެ ދޫނިތައް ދޫކޮށްލައި ރައްކާތެރިކުރަން ގޮވާލާ ގޮތަށް ހުޅިދޫއަށް ލިބިފައި މިހިރަ ގެއްލުންތަކުގެ ވާހަކަ ނުދައްކަންވީ ކީއްވެ؟" ދައުލަތުގެ އިދާރާތަކުގެ އަމަލުތަކާ މެދު ސުވާލު އުފައްދަވަމުން ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ވ. އަތޮޅު ކައުންސިލުން އަބަދުވެސް ކުރަމުންދާ ކަަމަށެވެ.

"ހުޅިދޫ ތަރައްގީ ކުރުމަށް އާރަށް އިންވެސްޓެމެންޓާ ހަވާލުކުރެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެ. މިހާރު އެ ރަށުގަ އެއްވެސް މަސައްކަތެއް ކޮށް އެރަށުގައި ތިބުމުގެ ރަސްމީ ހައިސިއްޔަތެއް އެ ކުންފުންޏަކަށް ނެތް،" ސުޖާއު ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން ހުޅިދޫ އަނބުރައި ވ. އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ގޮވައިލައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް ކަމަށްވާ ތިނަދޫ، ފުލިދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އާންމުން ވަނީ މިމަހުގެ އަށްވަނަ ދުވަހު ލޯންޗާއި ދޯނިފަހަރުގައި ކަނޑުމައްޗަށް ނުކުމެ މުޒާހަރާ ކޮށްފަ އެވެ.

ހުޅިދޫ ހަވާލުނުކުރަނީސް އެ ރަށުން ނުފައިބާނެ ކަމަށް ބުނެ އިއްޔެ ހެނދުނުން ފެށިގެން އެ ރަށުގައި އާންމުންނާއި ބައެއް ކައުންސިލަރުން އިހްތިޖާޖުވެސް ކޮށްފައިވެ އެވެ. މި އިހުތިޖާދުގައި ވ. އަތޮޅު ކައުންސިލް ރައީސް ސުޖާއު އަލީ ވެސް ބައިވެރިވެވަޑައިގަތެވެ.