ކުޅިވަރު

އަނިޔާވެ ކާންޓޭ އާއި ޖޭމްސް ވޯލްޑް ކަޕްގައި ނުފެނިދާނެ

ޗެލްސީގެ އެންގޯލޯ ކާންޓޭ އާއި ރީސް ޖޭމްސް އަށް އަނިޔާވެ، އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ކުޅެވޭނެކަމުގެ އުއްމީދު ކުޑަވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މާދަމާ ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ގްރަހަމް ޕޮޓާ ބުނީ ދެ ކުޅުންތެރިންގެ އަނިޔާ ދެނެގަތުމަށް އިތުރު ޓެސްޓުތައް ހަދަންޖެހޭތީ ޗެލްސީގެ މެޑިކަލް ޓީމުން އެކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުން މި ދެކުޅުންތެރިންގެ އަނިޔާ ވެސް ސީރިއަސް އެވެ. އެހެންވެ ވޯލްޑް ކަޕްގައި މި ދެކުޅުންތެރިން ނުފެންނާނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ކާންޓޭ ވަނީ 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކާންޓޭ އަށް އަނިޔާވީ އޮގަސްޓް 14 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގަ އެވެ. އޭގެފަހުން އަނިޔާއިން ރަނގަޅުވި ނަމަވެސް ޕްރެކްޓިސްގެ ތެރެއިން އަނެއްކާވެސް ކާންޓޭ އަށް އަނިޔާވީ އެވެ. މިހާރު އުމުރުން 31 އަހަރުގެ ކާންޓޭ އަށް ވޯލްޑް ކަޕްގައި ކުޅެވޭނެކަމުގެ އުއްމީދު ކުޑައިރު އޭނާއާ އެކު ފްރާންސްގެ މެދުތެރެ ބަލަހައްޓާ ޕައުލް ޕޮގްބާ ވެސް ހުރީ އަނިޔާގަ އެވެ.

ޖޭމްސް އަކީ އިންގްލެންޑް ޓީމުގެ ކަނާތު ފަޅިން ފަހަތަށް ކުޅޭ މުހިއްމު ކުޅުންތެރިއެކެވެ. ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާ އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި 22 އަހަރުގެ ޖޭމްސްގެ ކަކުލަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ.

އަނިޔާގެ ސީރިއަސްކަން ބެލުމަށް އިތުރަށް ހެދި ޓެސްޓްތަކުން އެނގުނީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހުގެ މުއްދަތަކަށް ޖޭމްސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމެވެ. އެހެންވެ އިންގްލެންޑް ޓީމުން ޖޭމްސް ވޯލްޑް ކަޕްގައި ފެންނާނެ ކަމާމެދު ވަރަށް ބޮޑަށް ޝައްކެވެ.