ކުޅިވަރު

މުހިއްމު ވަގުތުގައި ޖޭމްސް އަށް އަނިޔާވެ އިންގްލެންޑަށް ހާސްކަން

ވޯލްޑް ކަޕް ފެށެން ފަސް ހަފްތާއަށް ވެފައިވަނިކޮށް އިންގްލެންޑުގެ މުހިއްމު ޑިފެންޑަރު ރީސް ޖޭމްސް އަށް އަނިޔާވެ އެ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ޖޭމްސް އަށް އަނިޔާވީ މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގައި އޭސީ މިލާން އަތުން ޗެލްސީ މޮޅުވި މެޗުގެ ދެވަނަ ހާފުގަ އެވެ. ކަކުލަށް އަނިޔާވުމުން ޖޭމްސް ބަދަލުކުރީ 62 ވަނަ މިނެޓުގަ އެވެ. ޖޭމްސް އަށް ވޯލްޑް ކަޕް ގެއްލިދާނެކަމަށް އޭރުވެސް ބެލެވުނެވެ. ޗެލްސީން އެކަން ޔަގީންކޮށްދިނީ ރޭގަ އެވެ. އެޓީމުން ނެރުނު ބަޔާނުގައި ބުނީ ޖޭމްސްގެ އަނިޔާ ސީރިއަސް ކަމަށާއި ރިހެބިލިޓޭޝަން އަށް ގާތްގަނޑަކަށް އަށް ވަރަކަށް ހަފްތާ ނަގާނެ ކަމަށެވެ. އެހެންވެ ވޯލްޑް ކަޕްގެ މެޗުތައް ޖޭމްސް އަށް ގެއްލޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

އިންގްލެންޑުގައި އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ޖޭމްސް ކުޅެމުން އަންނަ ރައިޓް ބެކްގެ މަގާމެވެ. ޖޭމްސްގެ އިތުރުން އެ މަގާމަށް ކުޅޭ އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިންތަކެއް ތިބެ އެވެ. އެ މަގާމަށް ކުޅޭ ކައިލް ވޯކާ އާއި ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ވެސް މިވަގުތު ހުރީ އަނިޔާގަ އެވެ.

ސިޓީގެ ޑިފެންޑަރު ވޯކާ ބުނީ ވޯލްޑް ކަޕް ފެށުމުގެ ކުރިން އޭނާގެ އަނިޔާ ރަނގަޅުވާނެކަމަށް އުއްމީދުކުރާ ކަމަށެވެ. އާނޯލްޑް އަށް ކުޅުމުގެ ތެރެއަށް އަނބުރާ އާދެވޭނޭ ކަމަށް ބެލެވެނީ މި މަހުގެ ފަހު ހަފްތާގަ އެވެ. އެ މަގާމަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން މިވަގުތު ފިޓްކޮށް ހުރީ ނިއުކާސަލް ޔުނައިޓެޑްގެ ކިއެރަން ޓްރިޕިއޭ އެވެ.

22 އަހަރުގެ ޖޭމްސް އަކީ ގައުމީ ޓީމުގައި ގަވައިދުން ހިމެނޭ ކުޅުންތެރިއެކެވެ. ވާދަވެރި ގިނަ ކުޅުންތެރިންތަކެއް އެ މަގާމުގައި ތިބިނަމަވެސް ވޯލްޑް ކަޕްގައި އެ މަގާމަށް ކޯޗު ގަރެތު ސައުތުގޭޓު ބޭނުންކުރާނެކަމަށް ބެލެވުނީ ޖޭމްސް އެވެ. އިންގްލެންޑުން މިދިޔަ މަހު ޖަރުމަނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް ސައުތުގޭޓް އެ މަގާމުގައި ބޭނުންކުރީ ޖޭމްސް އެވެ. ޖޭމްސް ވަނީ މިހާތަނަށް ގައުމީ ޓީމަށް 15 މެޗު ކުޅެފަ އެވެ.

އިންގްލެންޑް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ނުކުންނާނީ އީރާން އާއި އެމެރިކާ އަދި ވޭލްސްއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ނޮވެމްބަރު 21 ވަނަ ދުވަހު އިންގްލެންޑް ކުޅޭނީ އީރާންއާ އެވެ.