މެލޭޝިއާގައި އުފައްދާފައިވާ ލޮލުގެ ބޭހެއް ކަމުގައިވާ އެލާސައިން އައި ޑްރޮޕްސްގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަކުރެވޭތީ މި ބޭހުގެ ބައެއް ބެޗްތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
މަނާކޮށްފައިވަނީ މެލޭޝިއާގެ ޑުއޯފާމާ (މ) ސެންޑިރިއަން ބަރްހަދް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.
އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޑުއޯފާމާ ކުންފުނިން އުފައްދާ ލޮލުގެ ބޭހެއް ކަމަށްވާ އެލާސައިން އައި ޑްރޮޕްސްގައި މައްސަލައެއް އުޅޭ ކަމަށް އެގައުމުގެ ނެޝަނަލް ފާމަސޫޓިކަލް ރެގިއުލޭޓަރީ އެޖެންސީ އިން އަންގާފައިވާ ކަމަށެވެ.
މިބޭހުގެ މައްސަލަ އުޅެނީ 200230L، 200827L, 193033L, 200608L, 200607L އަދި 200825L ބެޗްތަކުގަ އެވެ. މީގެ ތެރެއިން 193033L އަދި 200607L ބެޗްގެ ބޭސް ރާއްޖެއަށް އެތެރެކޮށްފައި ކަމަށްވެސް އެމްއެފްޑީއޭގެ އިއުލާނުގައި ބުނެފައިވެ އެވެ.
މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެކެވެ. އެހެންކަމުން މިބޭސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތާ ގުޅިގެން މާކެޓުން މިބޭސްތައް ނަގަމުންދާ ކަމަށްވެސް އިއުލާނުގައިވެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލަ ފާސް ކުރަމުން ގެންދާނެ ކަމަށްވެސް އެމްއެފްޑީއޭއިން ބުނެ އެވެ.