ފިނިޕޭޖް

ގިއަރްމޯ ދެލް ތޯރޯގެ "ޕިނޯކިއޯ"

ގިއަރްމޯ ދެލް ތޯރޯގެ "ޕިނޯކިއޯ" ލަންޑަން ފިލްމް ފެސްޓިވަލްގައި އިއްޔެ އަޅުވައިފި އެވެ. އަދި މި ފިލްމު ޑިޒްނީގެ "ޕިނޯކިއޯ"އާ ވަރަށް ތަފާތެވެ.

"ޕާންސް ލެބްރިންތް" އާއި "ޝޭޕް އޮފް ވޯޓާ" ފަދަ ފިލްމަށް އޮސްކާ އެވޯޑް ލިބިފައިވާ ގިއަރްމޯ ދެލް ތޯރޯ އަކީ ފެއަރީ ޓޭލްސް އަދި ހޮރޯ މޮޅެތި ވިޝުއަލްސް އިން ދައްކާ ކަމަށް ނަން މަޝްހޫރު މީހެކެވެ.

ގިއަރްމޯ އާއި މާކް ގުސްތާފްސަން ސްޓޮޕް-މޯޝަން ބޭނުންކޮށްގެން އުފެއްދި މި ފިލްމްގެ ވިޝުއަލްސް ވެސް އަޖައިބުކޮށްލަ އެވެ.

ގިއަރްމޯގެ ވާޝަންގައި ޖެޕެޓޯ އާއި ޕިނޯކިއޯ ދިރިއުޅެނީ ފެޝިސްޓް އިޓަލީގައި، ބެނިޓޯ މުސޮލިނީގެ ވެރިކަމުގެ ދަށުގަ އެވެ.

ޑިޒްނީގެ "ޕިނޯކިއޯ" އަކީ ކުޑަކުދިންގެ ފިލްމެއް ނަމަވެސް މި ފިލްމު ރޭޓް ކޮށްފައިވަނީ 12 އަހަރުން މަތީގެ ކުދިން ބެލުމަށެވެ.

ފިލްމުތަކަށް ފާޑުކިޔާ މީހުންގެ ތައުރީފް މި ފިލްމުގެ ވިޝުއަލްސް އަށް ލިބިފައިވެ އެވެ. އަދި ހަމަ ފިލްމު ބަލަން ފަށާތަނާ މިއީ ގިއަރްމޯގެ ފިލްމެއް ކަން އެނގޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ފާޑުކިޔާ ބައެއް މީހުންގެ ނަޒަރުގައި މި ފިލްމްގެ ވިޝުއަލްސް ކިތަންމެ ރީތި ނަމަވެސް މި ފިލްމުގެ ވާހަކަ ހުށަހަޅާފައި ގޮތް އަދި މަންޒަރުތައް ބަދަލުކޮށްފައިވާ ގޮތް އެހާ ރަނގަޅެއް ނޫނެވެ.