އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ 0-1 އިން ބަލިކޮށް ލިވަޕޫލުން ލީގުގައި ކުރިއަށް ދިއުމުގެ އުއްމީދު އާކޮށްފި އެވެ.
މިރޭގެ މޮޅާ އެކު ލިވަޕޫލް ވަނީ ނުވަ މެޗުން 13 ޕޮއިންޓް ހަމަކޮށް 8 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މެޗަށް ނުކުތްއިރު ލިވަޕޫލް އޮތީ 11 ވަނައިގަ އެވެ. ލިވަޕޫލް އަތުން ބަލިވުމުން އެއްވަނައިގައި އޮތް އާސެނަލް އާއި ސިޓީއާ ދެމެދު އޮތް ފަރަގު 4 ޕޮއިންޓަށް ވަނީ ބޮޑުވެފަ އެވެ. އާސެނަލް 27 ޕޮއިންޓުގައި އޮތްއިރު ސިޓީ އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ވެސް ވަނީ 23 ޕޮއިންޓް ހޯދައިފަ އެވެ.
ސީޒަން ފެށިގެން ލިވަޕޫލްގެ ފޯމު ފެނުނީ ދަށްކޮށެވެ. މިދިޔަ އަހަރުތަކުގައި ލީގަށް ވާދަކުރި ނަމަވެސް މި ސީޒަނުގައި އެޓީމަށް ގިނަ ޕޮއިންޓްތަކެއް ވަނީ ގެއްލިފަ އެވެ. އެހެންވެ މިރޭގެ މޮޅަކީ ސީޒަން ރަނގަޅު ޓްރެކަށް ގެންނަން މުހިއްމު މޮޅެކެވެ.
މިއީ ސިޓީ މި ސީޒަނުގެ ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ އިތުރުން ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ވެސް ސިޓީ ވަނީ ލިވަޕޫލް އަތުން ބަލިވެފަ އެވެ. އަނެއްކޮޅުން ސިޓީގައި ގިނަ ގޯލުތަކެއް ޖަހަމުން އަންނަ އާލިން ބްރައުޓް ހާލަންޑް ގޯލެއް ޖެހިޔަނުދީ ލިވަޕޫލުން މިރޭ ހިފެހެއްޓި އެވެ. ޝީލްޑް މެޗުގައި ވެސް ލިވަޕޫލުން ވަނީ ހާލަންޑް ހުއްޓުވާފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. މި ހާފުގައި ސިޓީން މޮޅަށް ކުޅުނު ނަމަވެސް ގޯލު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް އެޓޭކްތައް ފެނުނެވެ. މި ހާފުގައި ސިޓީގެ ފިލް ފޯޑެން ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ. މި ގޯލު ކެންސަލްކުރީ ހަމަލާ އުފެއްދިއިރު ހާލަންޑް ލިވަޕޫލްގެ ފަބީނިއޯ އަށް ފައުލްކުރުމުންނެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހް އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ތިރިތިރިން ކަނަށް ފޮނުވާލި ބޯޅަ ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
މެޗުގައި ލިވަޕޫލުން ލީޑު ނެގި ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަލާހް އެވެ. ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ދިން ބޯޅަ ސިޓީގެ ޔާއޯ ކަންސޭލޯ އަތުން ދޫވުމުން ސަލާހް ވަނީ ހުސްކޮށް ހިފައިގެން ގޮސް ހަމަޖެހިލާފައި ގޯލަށް ވައްދާލާފަ އެވެ.