ކުޅިވަރު

އެލް ކްލަސިކޯ މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑް އެއްވަނަ އަށް

ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅުނު "އެލް ކްލަސިކޯ" މެޗު 1-3 އިން ކާމިޔާބުކޮށް ރެއާލް މެޑްރިޑް އަލުން އެއްވަނަ އަށް އަރައިފި އެވެ.

މެޗަށް ނުކުތްއިރު އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އޮތީ 22 ޕޮއިންޓުގަ އެވެ. މޮޅާ އެކު ރެއާލް އެއްވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. ބާސެލޯނާގެ ފަހަތުން ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ.

ވާދަވެރި މެޗުގެ ކުރިން މި ސީޒަނުގެ ލީގުގައި މި ދެޓީމު ވެސް ބަލިވެފައެއްނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ރެއާލް ދެ ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލު ވިނީޝަސް ޖޫނިއާގެ އެހީތެރިކަމާ އެކު ޖެހީ 34 އަހަރުގެ ކަރިމް ބެންޒެމާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ފެޑެރިކޯ ވަލްވޭޑޭ އެވެ. އޭނާ މި ގޯލު ވައްދާލީ ގޯލާ 20 ޔާޑު ދުރުން ޖަހަ އެވެ.

ދެވަނަ ހާފުގައި ބާސެލޯނާ އަށް ފަރަގު ކުޑަކޮށްދިން ގޯލު ޖަހައިދިނީ ފެރާން ޓޮރޭޒް އެވެ. މި ލަނޑު ޖަހަން އެހީތެރިވެދިން އަންސޫ ފާޓީ ވަނީ މެޗުގެ ފަހުކޮޅު އިތުރު ހަމަލާއެއް ފޮނުވާލާފަ އެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއްނުވި އެވެ. ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރޮޑްރީގޯ އެވެ.

މިރޭގެ މެޗަކީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ ލީގުގައި ރަށުން ބޭރުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގެ ލީގުގައި ރެއާލް ދަނޑުގައި ބާސެލޯނާ ވަނީ 4-0 އިން މޮޅުވެފަ އެވެ.

މާލީ ގޮންޖެހުންތަކާ އެކު ވެސް މި ސީޒަނުގައި ބާސެލޯނާ އިން ވަނީ ގިނަ ކުޅުންތެރިންތަކެއް ގެނެސް ސްކޮޑް ވަރުގަދަކޮށްފަ އެވެ. އެކަމަކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ އަނެއް ބުރަށް ދިއުމުގެ އަމިއްލަ ބާރު އެޓީމަށް މިހާރު ވަނީ ގެއްލިފަ އެވެ. އަނެއްކޮޅުން މިރޭގެ މެޗުން ބަލިވުމުން ލީގުގެ އެއްވަނަ ވެސް އެޓީމަށް ގެއްލުނީ އެވެ.

ޗެމްޕިއަންސް ލީގުގައި ބާކީ އޮތް ދެ މެޗުން މޮޅުވިޔަސް ބާސެލޯނާ އަށް އަނެއް ބުރަށް ދިއުމުގެ ފުރުސަތު ވަނީ ކުޑަވެފަ އެވެ. މިދިޔަ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގު ގްރޫޕުގެ ތިން ވަނަ ލިބުމުން ބާސެލޯނާ ކުޅުނީ ޔުރޮޕާ ލީގުގަ އެވެ.