ރައްޔިތުންގެ މަޖިލިސް

އިތުރު ތިން ގައުމެއްގެ ސަފީރަކަށް ޝަހީބް

Oct 17, 2022
1

ދިވެހިރާއްޖެ އިން ތިން ގައުމަކަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށްވާ ހ. ޖެހޭވައި، އިބްރާހީމް ޝަހީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ނޭޕާލާއި، ބޫޓާންގެ އިތުރުން އަޒަރްބައިޖާނަށް ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި އިބްރާހީމް ޝަހީބް ހަމަޖައްސަން ބޭނުންވާ ކަމަށެވެ.

ރައީސް ސޯލިހްގެ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު އިއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވާފަ އެވެ.

އާންމު ގޮތެއްގައި ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަނީ އެމްބަސީ ގާއިމުކޮށްފައި ނުހުންނަ ގައުމުތަކަށެވެ.

ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޝަހީބް އައްޔަންކުރައްވާ މިމަހުގެ 10 ވަނަ ދުވަހު ރައީސް ސޯލިހް ވަނީ އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވާފަ އެވެ.

ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާޒް ހައްދަވާފައިވާ ބޭފުޅެކެވެ. ޝަހީބް މީގެ ކުރިން ފުރުއްވާފައިވާ މުހިއްމު ބައެއް މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި، ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ ހިމެނެ އެވެ.