ފިނޭންސް މިނިސްޓްރީ

ގޯތި ދޫކުރަން ބިން ހިއްކުމުގެ ފައިސާ އަންނަ އަހަރު ބަޖެޓަށް

މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް ދޫކުރާ ބިން ހިއްކުމުގެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން އިތުރުކުރުމަށް ދޫކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެފައިވާ 5،000 ގޯތީގެ ބިން ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިފައިވާނެތޯ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ގުޅީފަޅު ހިއްކުމަށް ބޭނުންވާ ފައިސާގެ ލޯނުގައި ސޮއިކޮށްފައިވާ ކަމަށާއި ފައިސާ އަންނަ އަަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "އަވަސް" އަށް ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ފެށޭނެ ތާރީހެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް އަންނަ އަހަރުގެ މާޗް މަހަށް ބިން ހިއްކާ ނިންމާލެވޭނެ ކަމަށެވެ.

ގުޅީފަޅު ބިން ހިއްކަން 1.6 ބިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. މިމަޝްރޫއަށް ބޭނުންވާ ލޯނު އެއްބަސްވުމުގައި ސަރުކާރާއި އޭބީއެން އަމްރޯ ބޭންކް އާއި އޭކޭއޭ ބޭންކް އަދި އައިއެންޖީ ބޭންކްއާ ދެމެދު ސޮއިކުރީ މިއަހަރުގެ ޖޫން މަހު އެވެ.

މި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 35،861 ފޯމު ވަނީ ހުށަހަޅާފަ އެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ދޫކުރާ ގޯތީގެ ބޮޑުމިން

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.