ފޫޅަކީ މާ މުހިއްމު އެއްޗެއް ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އެހެންވެ ފޫޅަށް ގިނަ މީހުން ސަމާލުކަމެއް ނުދެ އެވެ. ފޫޅު ދަނޑިން އެ މީހަކު ތުއްތު ކުއްޖެއްގެ ގޮތުގައި މަންމަގެ ބަނޑުގައި އޮންނައިރު މަންމައާ ގުޅިފައި އޮވެ އެވެ. އަދި އެ ދުވަސްތަކުގައި އޭނާއަށް ބޭނުންވާ ނިއުޓްރިޝަން ލިބެނީ ފޫޅުދަނޑިންނެވެ.
އުފަންވުމަށްފަހު ފޫޅުދަނޑި ބުރިކޮށްލަ އެވެ. އަދި ހަފުތާއެއް ތެރޭ އެތަން ފަސޭހަވެ ހަމައެކަނި ވަޅުކޮޅެއް ގޮތަށް އެތަން އިނދެ އެވެ. މިއީ ހަޔާތުގެ ގޮތް ނޭނގޭ އަޖައިބެއްގެ ގޮތުގައި ބައެއް މީހުން ސިފަ ކުރެ އެވެ.
ނަމަވެސް އަޔުރްވެދާ ބޭސްވެރިކަމުގައި ގަބޫލުކުރާ ގޮތުގައި ފޫޅަކީ ސިއްހަތަށް ގިނަގުނަ ފައިދާކުރާ އެއްޗެކެވެ. އަދި ފޫޅަށް ރަނގަޅަށް އަޅާލެވިއްޖެނަމަ ހީނުކުރާ ވަރުގެ ފައިދާ ސިއްހަތަށް ކުރާނެ އެވެ.
އިންޑިއާގެ ވެލްނެސް ޑޮކްޓަރަކު ގީތާ ވަރްމާ ވިދާޅުވި ގޮތުގައި ހަށިގަނޑުގެ ގިނަ ނާރުތަކަކާއި ފޫޅު އިންނަނީ ގުޅިފަ އެވެ. އަދި ފުރަމޭގެ ލިގަމެންޓާ ވެސް ފޫޅާ އިންނަނީ ގުޅިފަ އެވެ. އެހެންކަމުން ފޫޅުން އެމީހާގެ ސިއްހީ ހާލަތު ވަރަށް ރަނގަޅަށް ބަޔާން ކޮށްދޭނެ އެވެ.
ބަނޑުގައި ފޫޅު އިންނަ ތަނަކީ ހަޖަމުކުރުމާއި ކުޑަކަމުދިއުން ކޮންޓްރޯލް ކުރާ ހިސާބެވެ. ފޫޅުތެރޭގައި ފައިދާހުރި ތަފާތު މައިކްރޯއޯގަނިޒަމްސް ދިރިއުޅެ އެވެ. އެމީހެއްގެ ދިފާއީ ބާރު ހުރި ވަރަކާއި އާއްމު ސިއްހަތު ފޫޅު ބަޔާން ކުރެ އެވެ. އެހެންކަމުން ފޫޅު އިންނަ ހިސާބުގައި މާގިނައިން މަސް ޖަހާފައި ހުރިނަމަ އެއީ ފަލަބަލީގެ ނިޝާނެއް ކަމަށް ޑރ. ވަރުމާ ވިދާޅުވި އެވެ. އަދި ފޫޅު ނުކުމެފައި ހުރިނަމަ އެއީ އެސައިޓީސް ކިޔާ ބައްޔެއްގެ އަލާމާތެކެވެ.
ފޫޅަކީ އެނާޖީ ޕޮއިންޓްތަކާ ވެސް ގުޅިފައިވާ އެއްޗެކެވެ. އެހެންކަމުން ފޫޅު ސާފުތާހިރުކޮށް ބަލަހައްޓަން ޖެހެ އެވެ. ފޫޅު ސާފުތާހިރު ނޫންނަމަ އިންފެކްޝަންތަކަށް މަގުފަހިވާނެ އެވެ.
ފޫޅުން ނުބައިވަސްދުވާ ދިޔައެއް ނުކުންނަނަމަ އެއީ ބެކްޓީރިއާ އަށަގަނެފައިވާ ކަމުގެ ނިޝާނެކެވެ. މިގޮތަށް ފޫޅުން ދިޔަ ނުކުންނަމުން ގޮސް ދޮސް ވެސް އާދެ އެވެ. މިއީ ޑޮކްޓަރަށް ދައްކައިގެން ފަރުވާ ކުރަން ޖެހޭ މައްސަލަ އެކެވެ.
ބަނޑުގެ ޕްރެޝަރު މާ ބާރުވެއްޖެނަމަ އަމްބިލިކަލް ހާނިއާ ކިޔާ މައްސަލައެއް ދިމާވެ އެވެ.
ފޫޅު ސާފުކޮށް ބަލަހައްޓާނީ ކިހިނެއް؟
ފޫޅު ސާފުކުރުމުގެ ގޮތުން ފޫޅުގައި ތެޔޮކޮޅެއް ހާކާލެވިދާނެ އެވެ. އޭރުން ބަނޑުގައި ރިއްސުމާއި ހަމުގައި ބިހި ނެގުން، ހަޖަމު ރަނގަޅުވުމުގެ އިތުރުން ހަމުގެ އުޖާލާކަން އިތުރުވާނެ އެވެ.
ފޫޅު ސާފުކޮށް ރަނގަޅަށް ހިއްކާފައި ބެހެއްޓުމަކީ ވެސް މުހިއްމު ކަމެކެވެ. ފެންވަރާއިރު އެހާ ބާރުގަދަ ނޫން ސައިބޯނިކޮޅަކުން ފޫޅު ސާފުކޮށްލައި ހޫނުފެނުން ދޮވެލާފައި ތުވާލިން ރީއްޗަށް ހިއްކާލާށެވެ.