ބޮލީވުޑް

ޝާހުގެ "ޑުންކީ"ގެ ޝޫޓިން ދެން އޮންނާނީ ސައޫދީގައި

"މުންނާބާއީ" ސީރީޒްގެ ފިލްމުތައް އުފެއްދި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަލަށް އުފައްދާ ޝާހް ރުކް ޚާން ބަތަލުގެ ބައިކުޅޭ "ޑުންކީ"ގެ ނޮވެމްބަރު މަހުގެ ޝެޑިއުލް ސައޫދީ އަރަބިޔާގައި ޝޫޓްކުރުމުގެ ތައްޔާރީތައް ކުރިއަށް އެބަދެ އެވެ.

މިދިޔަ އެޕްރީލް މަހު މުމްބައިގެ ފިލްމުސިޓީ ސްޓޫޑިއޯގައި ޝޫޓްކުރަން ފެށި މިފިލްމުގެ ބައެއް މަންޒަރުތައް ލަންޑަނާއި ބުޑަޕެސްޓްގައި ވެސް ޝޫޓްކޮށްފައިވެ އެވެ.

ސައޫދީގައި ޝޫޓްކުރުމުގެ ހުއްދަ މި ޓީމަށް މިހާރު ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. މިއީ 10-12 ދުވަހުގެ ޝޫޓިންއެއް ކަމަށާއި ނޮވެމްބަރު މަހުގެ ތެރޭގައި ޓީމުގެ އެންމެން މި ފިލްމު ޝޫޓްކުރަން ސައޫދީ އަރަބިޔާއަށް ދާން ހަމަޖެހިފައވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

"ކުރިން އޮތީ ޑުބާއީ އަށް ދާގޮތަށް. ނަމަވެސް މިހާރު އެމީހުން ނިންމާފައިވަނީ ސައޫދީގައި ޝޫޓްކުރަން. މިކަމުގެ ތައްޔާރީތައް މިހާރު ކުރިއަށް އެބަދޭ،" ފިލްމާ ގުޅުން ހުރި މީހަކު އިންޑިއާގެ ނޫހަކަށް ބުނެފައި ވެއެވެ.

"ޑުންކީ"ގައި ޝާހުގެ އިތުރުން ވިކީ ކޯޝަލް އާއި ބަމަން އިރާނީ ވެސް މުހިއްމު ރޯލެއް ކުޅެ އެވެ.

އަންނަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް އިއުލާން ކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ ތާޕްސޫ ޕަންނޫ އެވެ.