ކުޅިވަރު

ބެލޮންޑިއޯ އެވޯޑް ބެންޒެމާ ހޯދައިފި

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑާއި ފްރާންސްގެ ތަރި ކަރީމް ބެންޒެމާ އަށް ލިބިއްޖެ އެވެ.

މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ރެއާލް މެޑްރިޑުން ކާމިޔާބު ކުރިއިރު ބެންޒެމާ ވަނީ 46 މެޗުގައި 44 ގޯލު ޖަހައިފަ އެވެ. ބެންޒެމާގެ ތަފާތު މޮޅު ކުޅުމާ އެކު މިފަހަރުގެ ބެލޮންޑިއޯ ބެންޒެމާ ހޯދާނެކަން މާކުރިން ވެސް އޮތީ ޔަގީންވެފަ އެވެ.

ބެލޮންޑިއޯގެ ދެ ވަނަ ލިބުނީ ސެނެގޯލް އާއި ބަޔާން މިއުނިކްގެ ފޯވާޑް ސަޑިއޯ މާނޭ އަށެވެ. މާނޭ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކައި ސެނެގޯލް އަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދިނީ ފީފާ ވޯލްޑް ކަޕަށް އެގައުމު ކޮލިފައިކޮށްދީފަ އެވެ.

މިދިޔަ 13 އަހަރު ބެލޮންޑިއޯ އެވޯޑްގައި ރަސްކަން ކުރީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެސީ ހަތް ފަހަރު އެވޯޑް ހޯދިއިރު ރޮނާލްޑޯ ވަނީ ފަސް ފަހަރު އެވޯޑް ހޯދާފަ އެވެ.

ބެލޮންޑިއޯގެ ހަތަރު ވަނަ ރޮބާޓް ލެވަންޑޯސްކީ އަށް ލިބުނުއިރު ފަސް ވަނަ ލިބުނީ މުހައްމަދު ސަލާހް އަށެވެ. ގަދަ 10 ގައި ދެން ހިމެނުނީ ހަ ވަނަ ހޯދި ކިލިއަން އެމްބާޕޭ އާއި ހަތް ވަނަ ހޯދި ތިބައު ކޯޓުއާގެ އިތުރުން ވިނީޝަން ޖޫނިއާ، ލޫކަ މޮޑްރިޗް އަދި އާލިން ބްރައުޓް ހާލަންޑް އެވެ.

ބެލޮންޑިއޯގެ އަންހެން އެވޯޑް ލިބުނީ ބާސެލޯނާގެ އަލެކްސިއާ ޕުޓެލަސް އަށެވެ. ދެ ވަނަ ލިބުނީ މިއަހަރު ޔޫއެފާ ޔޫރޯ ކާމިޔާބުކުރި އިންގްލެންޑާއި އާސެނަލްގެ ބެތު މީޑް އަށެވެ.
ޔޫއެފާގެ އެންމެ މޮޅު ކްލަބްގެ އެވޯޑް ލިބުނީ މެންޗެސްޓާ ސިޓީ އަށެވެ.

ބެލޮންޑިއޯ އެވޯޑް ދީފައިވަނީ މިދިޔަ ސީޒަނުގައި ކްލަބާއި ގައުމީ ޓީމުގައި ދެއްކި ކުޅުމަށް ބަލައިގެންނެވެ. ބެލޮންޑިއޯ އެވޯޑަށް ދުނިޔޭގެ 100 ޖާނަލިސްޓުން ވޯޓުލާފައިވެ އެވެ.
މިއީ 1998 ވަނަ އަހަރު ޒިނެދިން ޒިދާން ބެލޮންޑިއޯ ހޯދިފަހުން ފްރާންސްގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

އެވޯޑަށް ފަހު ބެންޒެމާ ބުނީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދުމަކީ އެންމެ ކުޑައިރުން ފެށިގެން ހުވަފެނެއް ކަމަށާއި އެވޯޑް ހޯދަން އޭނާ ބުރަކޮށް މަސައްކަތްކުރި ކަމަށެވެ.

"މިހިސާބަށް އައުމަށް އަހަރެން ކުރި ދަތުރާ މެދު ފަހުރުވެރިވަން. މިއީ ފަސޭހަކަމެއް ނޫން. އަހަރެންނާއި އާއިލާ އަށް އުނދަގޫ ދަނޑިވަޅެއްގައި މި ހިސާބަށް އާދެވުނީ" އެވޯޑަށް ފަހު ބެންޒެމާ ބުންޏެވެ.

ބެންޒެމާގެ މޮޅު ކުޅުން އެންމެ ފާހަގަކުރެވުނީ ޗެމްޕިއަންސް ލީގުގެ ނޮކްއަޓް މެޗުތަކުގަ އެވެ. ޗެމްޕިއަން ކަމަށް ރެއާލް ކުރި ދަތުރުގައި ޕީއެސްޖީ އާއި ޗެލްސީ އަދި ލިވަޕޫލް ބަލިކުރުމުގައި ބެންޒެމާ މުހިއްމު ދައުރެއް އަދާކުރި އެވެ.

އުމުރުން 34 އަހަރުގެ ބެންޒެމާ އަކީ 2009 އިން ފެށިގެން ރެއާލަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަނެއްކޮޅުން ފްރާންސްގައި ވެސް އޭނާއަކީ މިހާރު އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ.

އެވޯޑް ހަފްލާގައި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ލިބުނީ ބެލްޖިއަމް އާއި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ކޯޓުއާ އަށެވެ. ލިވަޕޫލް އާއި ބްރެޒިލްގެ އެލިސަން ބެކާ އަށް ދެ ވަނަ ލިބުނުއިރު ތިން ވަނަ ލިބުނީ ޗެލްސީ އާއި ސެނެގޯލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އަށެވެ.

21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ހޯދީ ބާސެލޯނާ އާއި ސްޕެއިންގެ މިޑްފީލްޑަރު ގަވީ އަށެވެ. މިދިޔަ އޮގަސްޓް މަހު 18 އަހަރު ފުރުނު ގަވީ އަކީ ބާސެލޯނާ އާއި ސްޕެއިންގެ މުހިއްމު ކުޅުންތެރިއެކެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ފޯވާޑްގެ މަގާމް ލިބުނީ ބާސެލޯނާ އާއި ޕޮލެންޑުގެ ލެވަންޑޯސްކީ އަށެވެ. ބަޔާން މިއުނިކަށް ކުޅުނު ލެވަންޑޯސްކީ ވަނީ ކްލަބާއި ގައުމަށް މިދިޔަ ސީޒަނުގައި 57 ގޯލު ޖަހައިފަ އެވެ.