ފްރާންސް

ފާލެންޑް މެންޑީ ރެއާލްއަށް ދާނެކަމުގެ ޔަގީންކަންދީފި

ފްރާންސްގެ ވާތު ބެކް ފާލެންޑް މެންޑީ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.

މިރޭ އެންޑޯރާ އާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި، މެންޑީގެ ކުރިއެރުމާ ބެހޭގޮތުން ސުވާލު ކުރުމުން ޑެޝޯމްޕް ވަނީ ރެއާލްއަށް މެންޑީ ބަދަލުވާން އުޅޭ ކަމަށް ބުނެފަ އެވެ.

"ދެ އަހަރު ކުރިން އޭނާ ކުޅެމުން ދިޔައީ ދެ ވަނަ ޑިވިޝަންގައި، ދެން މިހާރު އޭނާ ފެންނާނީ ރެއާލް މެޑްރިޑުން،" ޑެޝޯމްޕް ބުންޏެވެ. "[ޑިފެންސުގެ] ކޮންމެ ފަޅިއަކަށް ވެސް އޭނާއަށް ކުޅެވޭނެ، އޭނާ އަންނަނީ ވަރަށް ބާރަށް ކުރިއެރުން ހޯދަމުން."

މިއަދު ފްރާންސް ކުޅޭ މެޗަށް ފަހު، ރެއާލް މެޑްރިޑަށް ބަދަލުވުމާ ގުޅޭގޮތުން މެންޑީ މެޑިކަލް ޓެސްޓެއް ހަދާނެ އެވެ. އޭނާގެ ޓްރާންސްފާ ރެއާލުން އިއުލާން ކުރާނީ އޭގެ ފަހުންނެވެ. ރެއާލް މެޑްރިޑްގެ މެޑިކަލް ޓީމެއް މިހާރު ވަނީ ފުރާންސަށް ގޮސްފަ އެވެ.

މެންޑީ ގެންނަން ރެއާލުން ބޭނުން ވަނީ އެ ޓީމުގެ ވައިސް ކެޕްޓަން މާސެލޯ ވިއޭރާ ބަލަހައްޓަމުންދާ ވާތު ބެކަށް އިތުރު ވާދަވެރި ކަމެއް ގެނައުމުގެ ގޮތުންނެވެ. މިދިޔަ ސީޒަންގައި އެންމެ އެދެވޭ ކުޅުމެއް މާސެލޯއަށް ނުދެއްކުނެވެ. އެހެންވެ ކޮޕާ އެމެރިކާއަށް އެކުލަވާލި ބްރެޒިލްގެ ގައުމީ ޓީމުންވެސް މާސެލޯއަށް ފުރުސަތު ގެއްލުނެވެ.