ފިނިޕޭޖް

"އަ މޭން ކޯލްޑް އޮޓޯ" 2023 އަށް ފަސްކޮށްފި

ޓޮމް ހޭންކްސްގެ "އަ މޭން ކޯލްޑް އޮޓޯ" މިއަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ހޮވާލެވޭ ބައެއް ސިނަމާތަކުގައި އަޅުވުމަށްފަހު އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު އާންމުކޮށް ރިލީޒްކުރާ ގޮތަށް ބަދަލުކޮށްފި އެވެ.

މާކް ފޯސްޓާ ޑައިރެކްޓްކުރި މި ފިލްމަކީ "އަ މޭން ކޯލްޑް އޯވް" އަށް ބިނާކޮށްފައިވާ ޑްރެމެޑީ އެކެވެ. ި ވާހަކައަށް މީގެ ކުރިން ސްޑިޝް ފިލްމެއް ހަދާފައިވެ އެވެ.

މި ފިލްމުގައި ޓޮމް ހޭންކްސް އަދާކުރަނީ އޮޓޯ އެންޑާސަންގެ ރޯލެވެ. މީނާއަކީ އަނބިމީހާ މަރުވެފައިވާ ރުންކުރު މީހެކެވެ. އޭނާގެ ހަމައެކަނި އުފަލަކީ އޭނާގެ އަވައްޓެރިންނަށް ފާޑު ކިޔާ، މައްސަލަ ޖައްސާ ހެދުމެވެ. ދެމަފިރިއަކު އެ ހިސާބަށް ބަދަލުވެ، އޮޓޯގެ ހަޔާތް މުޅިން ހަލަބޮލިކޮށްލަ އެވެ.

މި ފިލްމުގައި ޓޮމް ހޭންކްސްގެ އިތުރުން މަރިއާނާ ޓްރެވީނޯ، ރޭޗަލް ކެލާ އަދި މެނުއަލް ގާސިއާ-ރަލްފޯ ހިމެނެ އެވެ.

ސޮނީ ޕިކްޗާސް އިން މި ފިލްމު ކުރިން ރިލީޒް ކުރުމަށް ހަމަޖައްސާފައި އޮތީ މިއަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހު އެވެ.

މިއީ ޑިޒްނީއިން "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ރިލީޒްކުރުމުގެ ދެ ދުވަސް ކުރި އެވެ. މި ފިލްމް ރިލީޒްކުރާ ތާރީހަށް ބަދަލުގެނެސް ހުރިހާ ޝޯއެއް 2023 އަށް ފަސްނުކުރި ސަބަބުކަމަށް ބެލެވެނީ މި އަހަރުގައި ކޮންމެވެސް ވަރަކަށް ސިނަމާތަކަށް ރިލީޒްކުރާ ފިލްމްތައް މިއަހަރުގެ އެވޯޑްތަކަށް ޝަރުތު ހަމަވާނެތީ ކަމަށް ބެލެވެ އެވެ.

ޓޮމް ހޭންކްސް އަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެ، ގިނަ އެވޯޑްތަކެއް ހޯދާފައިވާ އެކްޓަރެކެވެ.