ކުޅިވަރު

ބެޑްމިންޓަންގެ ބައިނަލްއަގްވާމީ މުބާރާތް މިއަދު ފަށަނީ

ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ ނަމުގައި ބާއްވާ ބެޑްމިންޓަން މުބާރާތް މިއަދު މާލޭގައި ފަށާނެ އެވެ.

މި މުބާރާތަކީ މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ހަތް ވަނަ މުބާރާތެވެ. ބެޑްމިންޓަންގެ އިތުރުން އެކި ކުޅިވަރުތަކުގެ ބައިނަލްއަގްވާމީ ހަ މުބާރާތެއް މިއަހަރު ވަނީ ބާއްވާފަ އެވެ.

މިއަދު ފަށާ މުބާރާތުގައި 25 ގައުމަކުން 200 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރާނެ އެވެ. މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. މެޗުތައް ކުޅޭނީ ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގަ އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ.

މުބާރާތުގެ ކުރިން ޒުވާނުންގެ މަރުކަޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ބުނީ އަމިއްލަ ސަޕޯޓަރުން ކުރިމަތީ މުބާރާތް ކުޅުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

އުއްމީދަކީ ދިވެހި ރައްޔިތުންގެ ފަރާތުން ސަޕޯޓް ލިބުން ކަމަށާއި މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން މަސައްކަތްކުރާނެ ކަމަށް ނަބާ ބުންޏެވެ.

"ޓާގެޓަކީ މި ފެންވަރުގެ މުބާރާތްތަކުން ހަމަ ޕޯޑިއަމް ލެވަލަށް މެޑަލް ހޯދަން. އިރާދަކުރެއްވިއްޔާ ވާނެ. ގޯލްޑް ވެސް މިހާރު ހޯދާފައި މި އޮތީ. ޓާގެޓަކަށް މިހާރު ވިސްނައިގެން މި ދަނީ. މިއީ ރާއްޖެ ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު މުބާރާތެއް ވާދަކޮށްލަން" ނަބާ ބުންޏެވެ.

ރާއްޖޭން މުބާރާތުގައި ވާދަކުރާ ޓީމުގައި ރާއްޖޭން ބޭރުގައި މިވަގުތު ތަމްރީނު ހޯދަމުން އަންނަ ނިބާލް އަހުމަދު އާއި އަހުމަދު ތޯއިފް ވަނީ ހިމަނައިފަ އެވެ.

ނިބާލް އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ފަހިކޮށްދިން ސްކޯލާޝިޕެއްގައި ޔޫއޭއީގައި ޓްރެއިނިން ހަދަމުންނެވެ. ތޯއިފް އަންނަ ޔޫތު މިނިސްޓްރީ އާއި ބެޑްމިންޓަން އެސޯސިއޭޝަނުން ދި ފުރުސަތެއްގައި އިންޑިއާގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.