މިނިސްޓްރީ އޮފް ހެލްތު

ނަރުހުންގެ ޔުނީފޯމް އެއް ކުލައަކަށް ބަދަލުކުރަނީ

ރާއްޖޭގެ ހުރިހާ ރަށެއްގެ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ ނަރުހުންގެ ޔުނީފޯމު އެއްޑިޒައިނަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރަށްރަށުގެ ނަރުހުންގެ ޔުނީފޯމު، ހުދު ކުލައިން މަޑުފެހި ކުލައަށް އަދި އެޓެންޑެންޓުންގެ ޔުނީފޯމު ނޫ ކުލަ އަށް ބަދަލުކުރަން ނިންމާފައިވަނީ، ނަރުހުންނަށް ފަސޭހަވާނެ ގޮތަށް ޔުނީފޯމު ބަދަލުކުރަން ނަރުހުންގެ ޖަމިއްޔާ އިން ހެލްތު މިނިސްޓްރީ އަށް ހުށަހެޅުމާ ގުޅިގެންނެވެ.

ހެލްތް މިނިސްޓްރީން ބުނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް ހުރިހާ ރަށެއްގައި ނަރުހުންގެ ޔުނީފޯމް އެއް ކުލައަކަށް ބަދަލުކުރެވޭނީ މިއަހަރުގެ ނިޔަލަށް ކަމަށެވެ.

ބައެެއް ރަށްރަށުގައި މިހާރުވެސް އާ ޔުނީފޯމް ބޭނުންކުރަން މިހާރު ވަނީ ފަށާފަ އެވެ. މީގެތެރޭގައި ނ. ލަންދޫ ސިއްހީ މަރުކަޒާއި، ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ނަރުހުންނާއި އެޓެންޑެންޓުންގެ ޔުނީފޯމު ހިމެނެ އެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ނަރުހުންނާއި އެޓެންޑެންޓުންގެ ޔުނީފޯމަށް އަބަދުވެސް ވަކި އެލެވެންސެއް ދޭތީ އާ ޔުނީފޯމާ އެކު ވެސް އެލަވަންސް ދޭނެ ކަމަށެވެ.

ދުނިޔޭގެ ގިނަގައުމު ތަކެކޭ އެއްގޮތަށް އެންމެ ކުރިން ރާއްޖޭގައި ވެސް ނަރުހުންގެ ޔުނީފޯމް ހުރީ ހުދު ކުލައިގަ އެވެ. ފަހުން އެކި ހޮސްޕިޓަލްތަކުގައި އެކި ގޮތްގޮތަށް އެކި ކުލަކުލައިން ނަރުހުންގެ ޔުނީފޯމް ފަރުމާކޮށްފައިވެ އެވެ.