މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ކޯޓު އަމުރުގައިވާ އުޅަނދުތަކުގެ ރަޖިސްޓްރީތައް ސައްހަ ވާނެ ގޮތެއް ނެތް: ހަމަދު

ޓްރާންސްޕޯޓު މިނިސްޓްރީން 80 އަށް ވުރެ ގިނަ އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރަން ނިންމި ނިންމުމަށް އަމަލުނުކުރަން ސިވިލް ކޯޓުން ނެރެފައިވާ އަމުުރު ހައިކޯޓުގައި އިސްތިއުނާފް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ ކޯޓުން ކުރި އަމުރުގައިވާ 87 އުޅަނދުގެ ރަޖިސްޓްރީ ސައްހަވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެ ރަޖިސްޓްރީތަކުގެ އެޕްލިކޭޝަނެއް މިނިސްޓްރީއަށްވެސް އަދި އެއްވެސް އަތޮޅު ކައުންސިލަކަށްވެސް އަދި ރަށު ކައުންސިލަކަށްވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

"އެ 87 އުޅަނދުގެ ރަޖިސްޓްރީ ސައްހަވާނެ އެއްވެސް ގޮތެއް ނެތް. 100 ޕަސަންޓް ފޯޖެއް އެއީ. މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ އެއްޗެއް ސައްހައެއް ނުވާނެ ދެއްތޯ،" ހަމަދް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެޖިސްޓްރޭޝަންތައް ސިސްޓަމަށް އަޅާފައިވަނީ މިނިސްޓްރީގެ ބޭރުން ކަމަށެވެ. އެއީ މިނިސްޓްރީގެ ސިސްޓަމް ހެކް ކޮށްގެން ބަޔަކު ކުރިކަމެއް ކަމަށާއި އެކަމުގައި މިނިސްޓްރީގެ މުވައްޒަފެއްގެ ބައިވެރިވުން އޮތްތޯ ފުލުހުންނާއި ގުޅިގެން ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިހާތަނަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ރަޖިސްޓްރީ ފޯޖްކޮށްފައިވާ 200 ވަރަކަށް އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ. މިހާރުވެސް އިތުރު މައްސަލަތައް ފާހަގަކުރެވެމުންދާ ކަމަށްވެސް ހަމަދު ވިދާޅުވި އެވެ.

"އެބަ ފާހަގަވޭ އިތުރު އާ މައްސަލަތައްވެސް. އެ ރަޖިސްޓްރީތައްވެސް ބާތިލް ކުރާނަން،" ހަމަދު ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސިސްޓަމް ހެކްކޮށްގެން ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާތީ މިނިސްޓްރީން ބޭނުން ކުރާ ސިސްޓަމްގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ހަމަދު ވިދާޅުވި އެވެ. އެގޮތުން މިއަހަރު ތެރޭ އާ ސޮފްޓްވެއާއެއް ބޭނުން ކުރުމައްޓަކައި މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް ވަރަށް ބައިވަރު މައުލޫމާތުތަކެއް ހުރުމުން ސޮފްޓްވެއާ ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އަންނަނީ ކޮރަޕްޝަންގެ މިފަދަ އަމަލުތައް ހުއްޓުވުމަޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓެސްޓް ހެދުމަކާއި ނުލާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހަދައިދޭ މައްސަލައެއްވެސް ފުލުހުންނާއި ގުޅިގެން މިނިސްޓްރީން ދަނީ ބަލަމުންނެވެ.