ބޮލީވުޑް

ބިގް ބޮސް 16: ވައިލްޑް ކާޑުން އަބްދުގެ ވާދަވެރިޔާ އަންނަނީ

"ބިގް ބޮސް 16"ގެ ބައިވެރިންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ލޯބި މިހާރު ހޯދާފައިވަނީ ރިކެޓްސް ކިޔާ ބައްޔެއް ޖެހުމުގެ ސަބަބުން ހެދިބޮޑުނުވާތީ ވަރަށް ކުޑަކުޑަކޮށް ހުންނަ މީހެއް ކަމަށްވާ އަބްދު ރޯޒިކް އެވެ. އަބްދު އަކީ ބޮޑު މީހެއް ނަމަވެސް އޭނާގެ އުޅުމުގައި ހުންނަ މައުސޫމް ގޮތުން ޝޯގެ ހޯސްޓް ސަލްމާން ޚާން ވެސް ވަރަށް ގިނައިން އޭނާއަށް ތައުރީފް ކުރެ އެވެ.

އުމުރުން 19 އަހަރުގެ އަބްދު އަކީ ތަޖިކިސްތާނުގެ ލަވަކިޔުންތެރިއެކެވެ. ނަމަވެސް މައުސޫމް އަބްދުގެ ވެސް ދުޝްމަނަކު އެބަހުއްޓެވެ. އެއީ ރިޕަބްލިކް އޮފް ދަޖެސްތާންގެ މީހެއް ކަމަށްވާ ހަސްބުﷲ މަގޮމެޑޯވް އެވެ. ހަސްބުﷲ އަކީ ވެސް އަބްދުގެ ހުރި ކަހަލަ ބަލި ހުރި މީހެކެވެ. އެހެންވެ އިސްކޮޅުން ބަލާއިރު އެ ދެމީހުން ދާދި އެއްވަރެވެ. ޓިކްޓޮކްގައި އޭނާގެ ވީޑިއޯތައް ވަރަށް މަޝްހޫރެވެ.

އަބްދު އާއި ހަސްބުﷲގެ ދުޝްމަންކަމުގެ ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ. ދެ މީހުންގެ ތަޅާފޮޅުމެއް ބާއްވަން އެންމެ ފުރަތަމަ އަބްދު އަށް ދައުވަތު ދިނީ ހަސްބުﷲ އެވެ. ނަމަވެސް މިއީ ސްޕޯޓްސް އެސޯސިއޭޝަން އޮފް ލިޓްލް ޕީޕަލް އޮފް ރަޝިޔާ އިން މަނާކޮށްފައިވާ ކުޅިވަރެކެވެ. އެއީ އެތިކްސްއާ ޚިލާފު ކަމަކަށް ވާތީ އެވެ.

އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި ބިގް ބޮސް 16ގައި ވައިލްޑް ކާޑް އެންޓްރީއެއްގެ ގޮތުން ބައިވެރިވުމުގެ ދައުވަތު މިހާރު ހަސްބުﷲ އަށް ވަނީ ދީފަ އެވެ. މިގެއަށް ހަސްބުﷲ ވަދެއްޖެނަމަ އަބްދުއާ އެކު ވަރަށް ހަނގުރާމަ ހިނގާނެ ކަމަށް ބެލެވެ އެވެ. އަދި އެންމެން ހާދަ މައުސޫމޭ ކިޔާ އަބްދުގެ ހަގީގީ ސިފަ ފެންނާނީ ހަސްބުﷲއާ ޖެހުމުން ކަމަށް އޭނާ ދަންނަ މީހުން ބުނެ އެވެ.

އަބްދު މިހާރު ފެންނަނީ ބިގް ބޮސްގެ ގޭގައި އުޅޭ އަންހެން ކުދިންނާ އެކު މަޖާކޮށް ވަރަށް ހަމަޖެހިގެން އުޅޭ ތަނެވެ.

"ބިގް ބޮސް"ގެ އިތުރުން ސަލްމާން މިހާރު ކުޅެ ދެން އަންނަ ކުޑަ އީދުގައި ރިލީޒްކުރާނެ ކަމަށް އިއުލާން ކޮށްފައިވާ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގައި ވެސް އަބްދު މުހިއްމު ބައެއް އަދާކުރެ އެވެ.

ދުނިޔެއަށް އަބްދު އަކީ ކާކުކަން އެނގުނީ އޭނާއަށް ދުނިޔޭގެ އެންމެ ކުޑަ ލަވަކިޔުންތެރިޔާގެ މަގާމު ލިބުމާ ގުޅިގެންނެވެ.

ވަރަށް ކުޑައިރު ރިކެޓްސްގެ މައްސަލަތައް އަބްދުއަށް ދިމާވި އެވެ. ނަމަވެސް އެ އާއިލާގެ ފަގީރުކަމުން އެކަށީގެންވާ ފަރުވާއެއް ނުހޯދުނީ އެވެ.

ކުޑަކުދިންނަށް ރިކެޓްސް ބަލި ޖެހުމުން ހަށިގަނޑުގައިވާ ކަށިތައް މަޑުވެ ވަރަށް ބަލިކަށިވެ އެވެ. މިއީ އިންތިހާއަށް ވިޓަމިން ޑީ މަދުވުމުން ދިމާވާ ކަމެކެވެ. އާއިލީގޮތުން ވާރުތާ މައްސަލަތަކެއް ހުރުމުން ވެސް މި ބަލި ޖެހެ އެވެ.

މި ބަލި ހުރުމުން ވަރަށް ކުޑައިރުއްސުރެ އަބްދު ބޮޑެއް ނުވެ އެވެ. އުމުރުން 16 އަހަރު ފުރުނުއިރުވެސް އޭނާގެ ގައިގައި ހުރީ 12 ކިލޯ އެވެ.