ފިނިޕޭޖް

ހެރިސަން ފޯޑް މާވެލް ސިނަމެޓިކް ޔުނިވާސްއަށް

އުމުރުން 80 އަހަރުގެ ހެރިސަން ފޯޑް މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) އާ ގުޅެނީއެވެ.

ހެރިސަން ފެނިގެންދާނީ "ކެޕްޓަން އެމެރިކާ: ނިއު ވޯލްޑް އޯޑާ" ގައި ތެޑިއަސް ތަންޑާބޯލްޓް ރޮސްގެ ގޮތުގަ އެވެ. ހެރިސަން މި ރޯލަށް އައީ ވިލިއަމް ހަޓްގެ ބަދަލުގައެވެ.

ވިލިއަމް ވަނީ ޕްރޮސްޓޭޓް ކެންސަރުގެ ބަލީގައި މިއަހަރުގެ މާޗް މަހު މަރުވެފަ އެވެ.

"ކެޕްޓަން އެމެރިކާ: ނިއު ވޯލްޑް އޯޑާ" ފިލްމުން ދައްކާނީ "ދަ ފެލްކަން އެންޑް ދަ ވިންޓާ ސޯލްޖާ" ސީރީޒްގެ ފަހުން ވާ ކަންތައްތަކެވެ.

ވެރައިޓީން މައުލޫމާތުދޭ ގޮތުގައި "ކެޕްޓަން އެމެރިކާ: ނިއު ވޯލްޑް އޯޑާ" އަށް ފަހު މާވެލް އިން ހަދަން ފަށާ "ތަންޑާބޯލްޓްސް" އިން ހެރިސަން ނުފެންނާނެ އެވެ.

ހެރިސަން އަކީ "ސްޓާވޯޒް"، "އިންޑިއާނާ ޖޯންސް" އަދި "ޖެކް ރަޔާން" ފަދަ މަގްބޫލް ފްރެންޗައިޒް ފިލްމު ކުޅެފައިވާ އެކްޓަރެކެވެ. "އިންޑިއާނާ ޖޯންސް"ގެ ފަސް ވަނަ ފިލްމް ޖޫން 2023 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވެ އެވެ.