ފިނިޕޭޖް

ރޭ ރޮމާނޯގެ ފުރަތަމަ ޑައިރެކްޝަނަށް ބޮޑު ތަރުހީބެއް

"އެވްރިބަޑީ ލަވްސް ރޭމަންޑް"ގެ ރޭ ރޮމާނޯ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމް "ސަމްވެއާ އިން ކުއީންސް" އިން ޓްރައިބެކާ ފިލްމް ފެސްޓިވަލް އިން ކާމިޔާބީ ހޯދާފައިވެ އެވެ.

ރޭ ރޮމާނޯ ޑައިރެކްޓްކޮށް، މާކް ސްޓީގަމަންއާ އެކު ލިޔުނު މި ފިލްމްގައި ރޭ ރޮމާނޯ އަދާކުރަނީ ލިއޯ ރޫސޯ ކިޔާ އިޓަލީ ދަރިކޮޅުގެ މީހެއްގެ ރޯލެވެ.

ލިއޯއަކީ ލަދުވެތި، އަމިއްލަ ނަފްސަށް އިތުބާރުކުޑަ، ނުކެރޭ މީހެކެވެ. އޭގެ ސަބަބުން ލިއޯގެ ބޭބެ ހުންނަނީ ލިއޯ ދަށްކޮށްލާފަ އެވެ.

ލިއޯގެ 18 އަހަރުގެ ދަރިފުޅު މެތިއުއަށް ކޮލެޖްގައި ބާސްކެޓްބޯލް ކުޅެން ސްކޮލާޝިޕެއް ލިބުމުން، މެތިއުއަށްވުރެ ލިއޯ އުފާވެ، އޭނާގެ އަމިއްލަ އުއްމީދުތައް މެތިއު މެދުވެރިކޮށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރެ އެވެ.

"ސަމްވެއާ އިން ކުއީންސް"ގެ ހުރިހާ ކެރެކްޓާތަކުގެ އަސްލުކަމާއި މޮޅުކަމުގެ އިތުރުން، އެ ކެރެކްޓާތައް ކުޅެފައިވާ އެކްޓަރުންގެ ހުނަރަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ.

މި ފިލްމްގައި ލިއޯގެ އަންހެނުން އެންޖެލާގެ ރޯލު ލޯރީ މެޓްކާފް އަދާކޮށްފައިވާއިރު، ޖޭކަބް ވޯޑް އަދާކޮށްފައިވަނީ މެތިއުގެ ރޯލެވެ.

މީގެ އިތުރުން ޓޯނީ ލޮ ބިއަންކޯ، ސެބާސްޓިއަން މެނިސްކަލްކޯ، ޖޮން މެންފްރެލޮއްޓީ އަދި ސޭޑީ ސްޓޭންލީ މި ފިލްމުގައި ހިމެނެ އެވެ.

މި ފިލްމް މިހާރު ވަނީ ލަޔަންގޭޓްސް އަދި ރޯޑްސައިޑް އެޓްރެކްޝަންސް އިން ގަނެފަ އެވެ.

ލަޔަންސްގޭޓްގެ ވައިސް ޕްރެޒިޑެންޓް އޮފް އެކުއިސިޝަންސް އެޑާ ކޯވަން ބުނީ ރޭ ރޮމާނޯގެ ފުރަތަމަ ޑައިރެކްޓްކުރި ފީޗާ ފިލްމަކީ ލާމަސީލް ފިލްމެއް ކަމަށާއި ވަރަށް ކުލަގަދަ އަދި އޯޑިއަންސްގެ ގިނަ މީހުންނާ ގުޅޭފަދަ އާއިލީ ވާހަކައެއް ދައްކާދީފައިވާ ކަމަށެވެ.

މި ފިލްމް ރޯޑްސައިޑާ އެއްކޮށް ޑިސްޓްރިބިއުޓް ކުރުމަށް ފަހުރުވެރިވާ ކަމަށްވެސް ކޯވަން ބުންޏެވެ. މި ފިލްމް ސިނަމާތަކުގައި ރިލީޒްކުރާނީ އަންނަ އަހަރު އެެވެ.