ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ ސިޓީފުޅެއް އޮމާންގެ ރަސްގެފާން ހައިތަމް ބިން ތޯރިގަށް ރައްދުކުރެއްވުމަށްޓަކައި އެގައުމުގެ ހާރިޖީ ވަޒީރު ސައްޔިދު ބަދުރު އަލްބުސައިދީއާ ހަވާލުކުރައްވައިފި އެވެ.
މިސިޓީފުޅު އޮމާންގެ ފޮރިން މިނިސްޓަރާ ހަވާލުކުރެއްވި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިވަގުތު އޮމާނަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެެވެ.
އޮމާންގެ ވެރިރަށް -- މަސްކަޓުގައި މިނިސްޓަރު ޝާހިދު މިއަދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތަކެއް ކުރައްވާފަ އެވެ. ރައީސްގެ ސިޓީފުޅު ހަވާލުކުރެއްވެވީވެސް މިބައްދަލުކުރެއްވުމުގަ އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މިބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވެވި ކަމަށެވެ. އަދި މިމަޝްވަރާތަކުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މިނިސްޓަރު ޝާހިދު މިއަދު ވަނީ އޮމާންގެ މިނިސްޓާ އޮފް ހެރިޓޭޖް އެންޑް ޓޫރިޒަމް ސާލިމް ބިން މުހައްމަދު އަލްމަހްރޫގީއާ އެ ގައުމުގެ އިންވެސްޓްމަންޓް އޮތޯރިޓީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުންތަކުގައި ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެެއްވުމަށް މަޝްވަރާކުރައްވާފައިވެ އެވެ.
ޝާހިދު އޮމާނަށް ވަޑައިގެންފައި މިވަނީ މިމަހުގެ ފަހަކުން އަށަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަހްރޭނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެެވެ. މިދަތުރުފުޅުގައިވެސް ޝާހިދު ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިފަހުން ގެންދަވަނީ މެދުއިރުމަތީގެ ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސައުދި އަރަބިއްޔާ، ގަތަރު، ޔޫއޭއީ، ބަހްރޭން އަދި އޮމާންއާ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަކުރެވެ އެވެ. އޮމާން އާއި ޔޫއޭއީ އަކީ ރާއްޖެއަށް އެންމެ ގިނަ އިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައިވެސް ހިމެނޭ ދެ ގައުމެވެ.