ކުޅިވަރު

އެލްޗޭ ބަލިކޮށް ރެއާލް އެއްވަނައިގައި ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި އެލްޗޭ 3-0 އިން ބަލިކޮށް ލީގު ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މިދިޔަ ހަފްތާ ބަންދުގައި ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލުން ވަނީ އެއްވަނަ މަގާމަށް އަރައިފަ އެވެ. ރޭގެ މޮޅާ އެކު ހަ ޕޮއިންޓުގެ ލީޑެއް އެޓީމަށް ލިބުނީ 10 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް ނުވަ މެޗުން ލިބުނީ 22 ޕޮއިންޓެވެ. ލީގުގައި މިރޭ ވިޔަރެއާލްއާ ވާދަކުރާ މެޗުން މޮޅުވެއްޖެ ނަމަ ބާސެލޯނާ އަށް ރެއާލްއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

މެޗުގެ ކުރީކޮޅު ރެއާލްގެ ފުރަތަމަ ގޯލު ޖެހީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެޑެރިކޯ ވަލްވެޑޭ އެވެ. ރެއާލްގެ ދެވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖެހީ މި ހަފްތާ ބެލޮންޑިއޯ އެވޯޑް ހޯދި ކަރިމް ބެންޒެމާ އެވެ. ރެއާލްގެ ފަހު ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބެންޒެމާ ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފަ އެވެ. ރޭގެ ގޯލާ އެކު ބެންޒެމާ ވަނީ ރެއާލަށް ސްޕެނިޝް ލީގުގައި 224 ގޯލު ޖަހައިފަ އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބު ކުރުމަށްފަހު މި ސީޒަނުގައި ވެސް ރެއާލުން އަންނަނީ މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ. މިފަހަރުގެ ލީގުގައި ރެއާލް ބަލިވެފައި ނުވާއިރު މިއީ 92-1991 ވަނަ ސީޒަނުގެ ފަހުން ލީގުގައި ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ހަ މެޗު ރެއާލް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ސްޕެނިޝް ލީގުގައި ރޭ ކާޑިޒް އާއި ރެއާލް ބެޓިސް ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި ރެއާލް ވަލަޑޮލިޑް އިން 1-4 އިން ސެލްޓަ ވީގޯ ބަލިކުރިއިރު ރެއާލް ސޮސިއެޑާޑް ވަނީ 0-1 އިން މަޔޯކާ ބަލިކޮށްފަ އެވެ.

ލީގުގައި މިރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މެންދަމު 12 ޖަހާއިރު އެވެ.