ފިނިޕޭޖް

ސްކޫލް ފޯ ގުޑް އެންޑް އީވަލް: ހީކުރިވަރެއް ނޫން

"ސްކޫލް ފޯ ގުޑް އެންޑް އީވަލް" އަކީ އިއްޔެ ނެޓްފްލިކްސް އަށް ދޫކޮށްލި ފެންޓަސީ ފިލްމެކެވެ. މި ފިލްމަކީ ސޯމަން ޗައިނަނީގެ ވާހަކަ ސީރީޒަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ސީރީޒްގައި ހަ ފޮތް ހިމެނެ އެވެ.

ސްކޫލް ފޯ ގުޑް އެންޑް އީވަލްގައި ދެ ރަހްމެތްތެރިން -- ސޯފީ އާއި އަގާތާ ގެވެލްޑަން ކިޔާ ވިލެޖެއްގައި ދިރިއުޅެ އެވެ. ސޯފީގެ ހުވަފެނަކީ ޕްރިންސަސްއަކަށްވެ، އޭނާގެ ޕްރިންސް ޗާމިން އާއެކު އުފަލުގައި ދިރިއުޅުމެވެ.

އަގާތާ އަކީ ސޯފީއާ މުޅިން ތަފާތު ކުއްޖެކެވެ. ވިލެޖްގެ މީހުން އަގާތާއަށް ވިޗް -- އާދަޔާ ހިލާފު ބާރެއް ހުރި މީހެކޭ ކިޔައިގެން، ގަނާ ކުރެ އެވެ.

ސޯފީ އުއްމީދުކުރަނީ ސްކޫލް ފޯ ގުޑް އެންޑް އީވަލްއަށް ގެންދަން ކިޑްނެޕް ކުރާނެ ކަމަށެވެ. އެކަމަކު ކަންދިމާވާ ގޮތުން، ސޯފީ އާއި އަގާތާ ކިޑްނެޕްވެ، ސޯފީ ސްކޫލް ފޯ އީވަލް އަށް ގެންގޮސް އަގާތާ ގެންދަނީ ސްކޫލް ފޯ ގުޑް އަށެވެ.

އަގާތާ ގެއަށް އަނބުރާ ދާން ބޭނުންވާއިރު، ސޯފީ ބޭނުންވަނީ ސްކޫލް ފޯ ގުޑްއަށް ދާށެވެ. އެހެން ނަމަވެސް މި ދެ ކުދިންނަށް ވުރެ ބާރުގަދަ އެއްޗެއް މި ކަންތައްތަކަށް ބާރު ފޯރުވަ އެވެ.

ޕޯލް ހެއިގް ޑައިރެކްޓްކުރި މި ފިލްމްގައި ސޯފީ އާއި އަގަތާގެ ރޯލް އަދާކިރަނީ ސޯފިއާ އޭން ކަރޫސޯ އާއި ސޯފިއާ ވައިލީ އެވެ. މީގެ އިތުރުން ކޭޓް ބްލެންޗެޓްގެ ނެރޭޝަން އާއި ޝާލީޒް ތެރަން، ކެރީ ވޮޝިންޓަން، މިޝޭލް ޔޯ އަދި ލޯރެންސް ފިޝްބޯން ފަދަ ފާހަގަކޮށްލެވޭ ފަދަ ތަރިން މި ފިލްމްގައި ހިމެނެ އެވެ.

މި ފިލްމަކީ ގިނަ ބަޔަކު ބެލުމަށް މިއަހަރު އެންމެ އުއްމީދުކުރި އެއް ފިލްމެވެ. ނަމަވެސް އުއްމީދު ކުރިވަރުގެ މަސައްކަތެއް މި ފިލްމުން ފެނިފައި ނުވާ ކަމަށް ފިލްމު ބެލި ބައެއް މީހުން މިހާރު ބުނެ އެވެ.

ސްކޫލް ފޯ ގުޑް އެންޑް އީވަލްގެ ރިވިއުތަކަށް ބަލާއިރު ރޮޓަން ޓޮމާޓޯސްގައި ގިނަ ފާޑުކިޔުންތެރިން މި ފިލްމްގެ ތަރިންނާއި ކޮސްޓިއުމަށާއި ސީޖީއައި ވިޝުއަލްސްއަށް ތައުރީފްކޮށްފައިވެ އެވެ.

ނެގަޓިވް ކޮމެންޓްސްގެ ތެރެއިން މި ފިލްމްގެ ސްކްރިޕްޓް، ސްޓޯރީ ލައިން އަދި ޖުމްލަކޮށް ހުށަހަޅާފައިވާ ގޮތް ކަމުނުދާ ކަމަށް ބުނެފައިވެ އެވެ. ފިލްމްގެ ޕްލޮޓްއާއި ޓްވިސްޓްތައް ބެލުންތެރިންނަށް ކުރިންވެސް ލަފާކުރެވުނު ކަމަށާއި މިފިލްމު ވަރަށް ބޮޑަށް ދިގުދަންމާފައިވާ ކަމަށްވެސް ފާޑުކީ ބައެއް މީހުން ބުނެފައިވެ އެވެ.