ދުނިޔެ

ތައިވާންގެ ފުރަތަމަ އަންހެން ރައީސަކަށް ޓީސައި އިންގް-ވެން

ތައިވާންގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ޓީސައި އިންގް-ވެން އެ ގައުމުގެ ފުރަތަމަ އަންހެން ރައީސާގެ ޝަރަފު ހޯއްދަވައިފިއެވެ. ތައިވާންގައި މިހާރު ވެރިކަންކުރާ ޕާޓީން ވަނީ ބަލި ގަބޫލުކޮށްފައެވެ.

ތައިވާންގެ ރިޔާސީ އިންތިހާބުގެ ހުރިހާ ވޯޓެއް އަދި ގުނާފައިނުވީ ނަމަވެސް މިހާތަނަށް ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ އިންގް-ވެންއެވެ. އިދިކޮޅު ކެންޑިޑޭޓްގެ ގޮތުގައި އިންތިހާބުގައި ބައިވެރިވެލެއްވި އިންގް-ވެންއަށް ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓުގެ %60 ވަނީ ލިބިފައެވެ. ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް އެރިކް ޗޫއަށް ލިބިފައިވަނީ %30 އެވެ.

ވަގުތީ ނަތީޖާ މިފަދައިން ދައްކާފައިވުމުން ވެރިކަންކުރާ ކުއޯމިންޓަންގް ޕާޓީން ވަނީ އިންތިހާބުގައި ބަލި ގަބޫލުކޮށްފައެވެ. އެރިކް ޗޫއަށް ސަޕޯޓްކުރާ ގިނަ ފަރާތްތަކެއްގެ ކުރިމަތީ، އެ ޕާޓީގެ މައި އޮފީސް ދޮރުމަތީ ހުންނަވާ އެރިކް ޗޫ ވިދާޅުވީ، އިންތިހާބުގައި އޭނާ ބަލިވެފައިވާ ކަމަށެވެ. އަދި ބަލި ގަބޫލުކުރައްވައި އެކަން ހުރިހާ ސަޕޯޓަރުންނަށް އަންގާ ކަމަށް އެރިކް ޗޫ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް އިންތިހާބު ގެއްލިއްޖެ، ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން، އެކަށީގެންވާ ވަރަށް އަޅުގަނޑަށް މަސައްކަތް ކުރެވިފައެއް ނުވޭ، ރައްޔިތުންގެ އުއްމީދުތައް އަޅުގަނޑަށް ފިރިހަމަކޮށް ނުދެވުން،" އެރިކް ޗޫ ވިދާޅުވިއެވެ. އެރިކް ޗޫގެ އަސަރުގަދަ ވާހަކަ އަޑުއަހަން އެއްވި ތިބި ސަޕޯޓަރުން ވަނީ ކަރުނައަޅާ ހިތާމަ ފާޅުކޮށްފައެވެ.

އެރިކް ޗޫ ވަނީ ކުއޯމިންޓަންގް ޕާޓީގެ ޒައާމަތުން އިސްތިއުފާ ދެއްވިކަން ވެސް އިއުލާން ކުރައްވާފައެވެ. އޭނާ ވަނީ ކާމިޔާބު ހޯއްދެވި ޓީސައި އިންގް-ވެންއަށާއި އޭނާގެ ޑީޕީޕީ ޕާޓީއަށް މަރުހަބާ ދަންނަވާފައެވެ.