ވާހަކަ

އިޙްސާސްވޭ

( 18 އޮކްޓޯބަރ 2022 އާ ގުޅޭ )

މަލަކްގެ މަތިން މާޔަލް ހަނދާންވީ ގެއަށް ވަދެވުނީމައެވެ. މަންމައަށް ގޮވަމުން މައިރާ ވަނީ ބަދިގެއަށެވެ. އޭރު ރަޒާ ކައިރީ ރޭގަނޑުގެ ކެއުން އެގެއިން ކައިގެންދާން ވެސް މައިރާ ޚިޔާލުދިނެވެ. ރިމޯޓު އަތަށް ލައިގެން ޓީވީއިން ގެނެސްދެމުންދިޔަ ރޭގަނޑުގެ އަށެއްގެ ޚަބަރު ބަލަން އިން މަޒްހަރަށް ނީނދެވުނެވެ. ކޮފީމޭޒުމައްޗަށް ރިމޯޓު ލާފައި އޭނާ ވެސް ތެދުވީއެވެ. ޚަބަރަށްވުރެ ގެއަށް ވަން ދެ ދަރީން މުހިންމުވީއެވެ. ބަދިގެއާ ދިމާއަށް ދިއުމުގެ ކުރީން މާޔަލް އައިސް މަލަކްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ.

* * * * *

އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިން ދައްޔާނު ރިންގުވާން ފެށި ފޯނަށް ނިކަން އަވަހަށް ބަލާލިއެވެ. މަލަކްގެ ކޯލަކަށް ވެދާނޭ ހީކޮށެވެ. ނަމަވެސް އޭނާއަށް ގުޅަނީ މިއުވާނެވެ. ކޯލު ނެގުމާއެކު ކޮޓަރީގައޭ ދައްޔާނު ބުނެލިއެވެ. މިއުވާނު އެ ގުޅީ އޭނާއާ ވާހަކަދައްކަން ބޭނުންވާކަން ބުނެފައި އޮތީމައެވެ. ފުންނޭވާއެއް ދައްޔާނު ހަށިފުރާ ދޫކޮށްލިއެވެ. ގަޔާނުވެފައި އިންހެން ދެތަލި ދޭތެރެއިން ފޫހިކަމުގެ އަޑެއް ލައްވާލިއެވެ. ހެނދުއްސުރެ އޭނާ މަލަކްއާ ވާހަކަދައްކަން މަސައްކަތް ކުރަނީއެވެ. ވީގޮތެއް ވެސް ނުބުނެއެވެ. އެހެންނޫނީ އޭނާ މެސެޖެއްކޮށްލާއިރަށް ޖަވާބެއްނުދީ މަލަކް ނުހުރެއެވެ. މަލަކްއަށް ގުޅުނު އަދަދެއް ވެސް އޭނާއަކަށް ނޭނގެއެވެ. ހަވީރު މަގުމަތިން މަލަކް ފެނުނީ އިއްތިފާގަކުންނެވެ. މަލަކް އުޅޭ އެޕާޓްމެންޓް ހުންނަ އިމާރާތާ ދިމާއަށް އެހިސާބުން މަލަކް ފެނިދާނޭ ކަމަށް ދައްޔާނު އަންނަނިކޮށެވެ. އެންމެ ކައިރިން ޖެހުނު ޒޯނަށް ސައިކަލު ޕާކުކޮށްލުމާއެކު އެއިން ފުންމާލައިގެން ދައްޔާނު އަޅުވާލީ މަލަކް ފަހަތުންނެވެ. ދެ ފަހަރަކު ގޮވާލުމުން ފަސް އެނބުރި ބަލާލިއެވެ. ދައްޔާނު ފެނުމާއެކު މަލަކް ހީވީ ބިރެއް ފެނިގެން ދުއްވައިގެން ހެންނެވެ. ދައްޔާނަށް ވެސް އެ އަންހެންކުއްޖާ ފަހަތުން ދުއްވައިގަނެވުނީއެވެ. އޭނާ މަޑު ޖެހުނީ މަލަކްގެ ދައްތަ ފެނިގެންނެވެ. އެހެންވިޔަސް ބާރު ހިނގުމުގައި އޭނާ އައީ މަލަކް ހިފަހެއްޓޭތޯއެވެ. ގަސްދުކުރި ކަންކަން ދޫކޮށްލައި އައިކޮޅަށް ދައްޔާނަށް އެނބުރެން މަޖުބޫރުވީއެވެ. މަލަކްގެ ދައްތަ އޭނާއަށް ސީދާ ބަލަން ހުރެފައި ކުރިޔަށް ހިނގައިގަތީމައެވެ. ހީވީ ދައްޔާނު އެނގިގެން އޭނާއާ ދިމާއަށް އަންނަން ފެށީ ހެންނެވެ. ޖެހިލުންވީ ވަރުން އޭނާ ނުކުތް މަގަށް އަޅައި ހިނގުން ބާރުކޮށްލީއެވެ. ސައިކަލު ނަގައިގެން ގެއަށް އައިގޮތަށް ދައްޔާނު ނުނިކުމެވެ. މިއަދު ކަންތައް ދިމާވަމުން މިދާ ގޮތާމެދު އޭނާ ވިސްނާ ފިކުރުކުރަނީއެވެ. ކުއްލިއަކަށް މަލަކްއަށް އައި ބަދަލު ދެނެގަންނާކަށް ދައްޔާނަށް ނޭނގުނެވެ.

"މަލް ދައްތައަށް އެނގިގެން އެވާހަކަ ދެއްކީތަ؟." ދައްޔާނު ހިތަށް އެރިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލައި އެތެރެއަށް ވަދެގެން އައި މިއުވާނެވެ. ކަންނެތް ގޮތަކަށް އިން ދައްޔާނު ހަށިގަނޑު ސީދާކޮށްލައި ހަމަޖެހިލިއެވެ.

"ކޮންއިރަކުން ތިކުރާ ކަންތައް ނިންމާލަނީ؟." މިއުވާނު އައިސް ދައްޔާނުގެ އެނދު އަރިމަތީގަ އިށީންނަމުން އަހާލިއެވެ.

"މަލްތަ؟." ދައްޔާނު ބުންޏެވެ. އެއާއެކު މިއުވާނު ހޫން ލައްވާލަމުން މަޑުމަޑުން ބޯޖަހާލިއެވެ.

"މިހާރު ބޭނުމެއްނުވޭ... މާނުބެއަށް ދޯ އެންމެ ރަނގަޅަށް އެނގޭނީ އަހަރެން މަލް ބޭނުންވީ ވަރު. ނައު ޝީ އިޒް މައިން. މަލް ވެސް އަހަންނާ ވަކިވާން ބޭނުންނުވާކަން އެނގޭ. ސޯ... ދޫކޮށްލުމަށްވުރެ މިހާރު ބޭނުމީ މެރީ ކުރަން. މަލް ވެސް ލޯބިވާކަން އެނގޭތީވެ މިހާރު މިހުންނަނީ ވަރަށް އުފަލުން." ދައްޔާނު ބުންޏެވެ.

"ތީ ރަނގަޅު ޚިޔާލެއްނޫން. ފުރަތަމަ ދުވަހު ވެސް އަހަރެން ޔާނު ކައިރީ ބުނީ ކީކޭ... ތި ރިލޭޝަންޝިޕްގައި ސީރިއަސް ނުވައްޗޭ. ހަނދާންނެތުނީތަ އޭނާ ޔާނުގެ ލޯތްބަށް ކުރި މަލާމާތް. މަލްއަށް ޔާނު ފެނިގެން ތިއުޅެނީ އަދިކިރިޔާ. މެޓީރިއަލިސްޓިކް ގާލްއެއް އެއީ. އެކަހަލަ އަންހެނަކާމެދު ސީރިއަސްވާހާ ޔާނު މޮޔަވެދާނޭ ހިޔެއްނުކުރަން." މިއުވާނު ބުންޏެވެ.

"އަދިވެސް އަހަރެން މަލްދެކެ ލޯބިވޭ. އެ ފީލިންގްސް ބަދަލެއްނުވޭ. އަހަރެން މަލްއަށް ލެސަންއެއް ލާންކޮށްދޭން ބޭނުންވި، ރިވެންޖު ހިފަން ގަސްދުކޮށްގެން މިހާވަރަށް ބަދަލުވީ. މާނުބެ ދެއްކި ވާހަކަތައް ވެސް ހަނދާން އެބަހުރި، އެނގޭ މިހާރު މި ފެންނަ ދައްޔާނު އުފަންވާން ހެލްޕްވީ ހަމައެކަނި މީހަކީ މާނުބެކަން... މިހާރު މިހުރީ އަހަރެން ބޭނުންވީ ކަންތައް ފުރިހަމަވެފަ، މިވީ ދުވަސްތަކުގައި ކުރިއަށްވުރެ ވެސް ބޮޑަށް މަލްދެކެ ލޯބިވެވިއްޖެ. ގަސްދަކާނުލާ ކުރިއަށްވުރެ ވެސް ބޮޑަށް އަހަންނަށް މަލް ކަމުގޮސްފި. އޭނާއަށް ދެރައެއްދީފައި ހިތްހަމަޖެހިލައިގެން އަހަންނަކަށް ނުހުރެވޭނެ. މި ގުޅުން ކަނޑާލުމުގެ ވިސްނުމެއްނެތް. ބަދަލުހިފުމުގެ ޚިޔާލު އަހަރެން ދޫކޮށްލައިފިން." ދައްޔާނު ބުންޏެވެ.

މިއުވާނުގެ މޫނުމަތިން އަސަރެއް ފާޅުނުވިއެވެ. އޭނާ ހިމޭންކަމުގައި ތެދުވިއެވެ. އެ ކޮޓަރިން ނުކުމެފައި ހުއްޓުނެވެ. ދޮރު ފަތުގައި ހިފަހައްޓާލުމާއެކު އެނދުގައި އިން ދައްޔާނަށް މިއުވާނު ބަލާލިއެވެ. މަލަކް ކައިރިއަށްތޯ ދެން ދަނީ މިއުވާނު އަހާލިއެވެ. އެއާއެކު ދައްޔާނުގެ މޫނުން ފާޅުވެލި މާޔޫސްކަން މިއުވާނަށް ފެނުނެވެ.

"މަލްއަށް ނުގުޅިގެން މިއުޅެނީ. މިއަދު ވަރަށް އެހެން ކަހަލަ ދުވަހެއް." ދައްޔާނު ބުންޏެވެ.

ބޭރުގައި ހުރެފައި މިއުވާނު އަލުން އެ ކޮޓަރިއަށް ވަދެއްޖެއެވެ. މިފަހަރު ދައްޔާނުގެ ކައިރިއަކަށް ނުދެއެވެ. ކޮޓަރި ތެރޭ ދޮރާ ދިމާލުގައި އޭނާ މަޑުކޮށްލައިގެން ހުރީއެވެ. އަދި ކިހިނެއްތޯވީ ދައްޔާނާ ސުވާލުކުރިއެވެ. އެއާއެކު ދައްޔާނު ކަންތައްވީގޮތް ކިޔާދިނެވެ.

"ތި ވާނީ ޔާނުއަށް ހީވިގޮތަކަށް. މިހާރު ބުނެފިން އެކަމާ އެހާވަރަށް ވިސްނާތީއޭ އެކަހަލަ އެއްޗެހި ހީވަނީ... ދެން އެކަމާ ބޯނުގޮއްވާ." މިއުވާނު މިހެން ބުނެފައި އެ ކޮޓަރިން ނުކުތީއެވެ. ޖިންސުގެ އަރިމަތިން ދެ އަތްތިލަ ޖީބަށް ކޮށްޕާލައިގެން ހުރެ ސިޑިން ފައިބައިގެން އޭނާ އައިއިރު ތުންފަތުގައި މާނަވީ ހިނިތުންވުމެއް ފެންނަން ހުއްޓެވެ.

* * * * *

ކޮއްކޮއަށް ގޮވާލާފަ ދޮރު ހުޅުވާލަން މާޔަލް އުޅުނެވެ. މަލަކްގެ ކޮޓަރީ ދޮރު ހުރީ ތަޅުލާފައެވެ. ސުވާލު އުފެދިފައި ހުރެ ވެސް މާޔަލް ގަސްދުކުރީ ކޮއްކޮއަށް އުނދަގޫ ނުކުރާށެވެ. އެއްގޭގެ ތެރޭ އުޅޭއިރު ދެބެން ބައްދަލުވާ ވަގުތަކުން ވާހަކަދައްކާލާނީކަން މާޔަލް ނިންމިއެވެ. އެހެންވެ އޭނާ އައީ ބަދިގެއަށެވެ. ދެންތިބި މެންބަރުން އެތަނުގައި ހަރަކާތްތެރިވާކަން އެނގޭތީއެވެ.

"މަލް މިރޭ ނުކާނަމޭ ކިޔާފަ ދިޔައީ. ހީވަނީ ރޭގައި ހޭލާ އުޅުނީމަ ނިދި ހަމަނުވާތީ ނިދަންވެގެން ވަނީ. މިއަދު ގެއަށް އައީ ވެސް ވަރަށް ލަހުން." އެންމެން ރޭގަނޑުގެ ކެއުމުގައި ބައިވެރިވީއިރު މަލަކް ނެތުމުން އެކަމާ މައިރާ ސުވާލު ކުރީމާ އާމާލް ވާހަކަދެއްކިއެވެ.

ރޭގަނޑުގެ ކެއުން ނިންމާފައި ރަޒާ އެގެއިން ނުކުތެވެ. އޮފީހަށް ވަދެލާފައި އަންނާނަން ކަމުގައި ބުނެއެވެ. ޢާއިލާއާއެކު އެކަނިވުމުން ގާތުގައި ޖެހިގެން އިން މައިރާގެ އަތުގައި ސިއްރުން މާޔަލް ކޮއްޓާލިއެވެ. ދޮންތި ވާހަކަ ފަށާބަލާށޭ އިޝާރާތްކުރާ ފަދަ ބެލުމަކުން މާޔަލް ބަލަން އިނެވެ. މައިރާގެ ތުންފަތަށް އެހިނދު ވެރިވި ހިނިތުންވުން ފެނި މާޔަލް ރަކިވިއެވެ. ސިއްރުސިއްރުން މާޔަލް އާދޭސްކޮށްލިއެވެ.

"ބައްޕަ ބައިންދައިގެން ސިއްރު ވާހަކަ ދައްކަނީތަ؟." ދެ އަންހެން ދަރީންނާއެކު ސިޓިންރޫމު ސޯފާތަކުން އެންމެ މީހަކަށް އިށީނދެވޭނެހެން ހުރި ގޮނޑީގައި އިން މަޒްހަރު ވާހަކަދެއްކިއެވެ. ދެ ދަރީންގެ ސަމާލުކަން ވަގުތުން ބައްޕައަށް ހުއްޓުނެވެ.

"ކޮބާތަ މަންމަ؟. އަދިވެސް ނުނިމޭތަ؟." މައިރާ ބުނެލިއެވެ.

"މަންމަ އެކަނި ހުރިހާކަމެއް ކުރަންޏާ ވަގުތު ނަގާނެ ދޯ." މަޒްހަރު ބުންޏެވެ.

"މައްޔު މޭޒު ސާފުކޮށްދީފަ އައީ. ކަމެއްކޮށްދޭން އުޅުނަސް މަންމަ ބުނާނެ... މައްޔު ކުރާނެކަމެއްނެތް، މައްޔު ދޭބަލަ ރީތިކޮށް އިންނަން، މަންމައަށް ވާނެއޭ..." އާމާލް ބުނާ ރާގުގައި މާޔަލް ކިޔާލިއެވެ. މައިރާއާއި މަޒްހަރު ހޭންފެށިއެވެ. އެމީހުންނަށް ވެސް އެއީ ތެދެއްކަން އެނގޭތީއެވެ. އެކްސިޑެންޓްގެ ފަހުން މާޔަލްއަށް ކަމެއްވެދާނެތީ އާމާލް ގަންނަނީ އަމަށަކު ބިރެއް ނޫންވިއްޔާއެވެ. އެހެން އުޅެނިކޮށް މިފަހަކުން އެކުއްޖާއަށް ސްޓްރޯކެއް ވެސް އެހެރީ ޖެހިފައެވެ.

"ކީކޭ ތިކިޔަނީ." ސިޓިންރޫމަށް އާމާލް ބުންޏެވެ. ފިރިމީހާއާއި ދެ ދަރީންގެ މެދުގައި ދެކެވެމުންދިޔައީ ކޮންވާހަކައެއްކަން ނޭނގުނަސް އޭނާގެ ވާހަކައޭ ދައްކަނީ ލަފާކުރީއެވެ.

"މަންމާ!... އާދެބަލަ އިށީންނަން. މާއްކޮ އެންމެން ކައިރީ ވާހަކައެއް ދައްކަންވެފަ އޮވެގެން މިއުޅެނީ." މަންމައަށް ގޮވާލާފައި މައިރާ ބުންޏެވެ.

އަވަސް ހިނގުމެއްގައި އާމާލް އައިސް ދެ ކުދީންގެ ވައަތް ފަރާތުގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ. ޖެހިލުންވެފައި އިނދެ މާޔަލް ތިރީތުންފަތް ލޮވެލުމާއެކު ދަތްއަޅާލިއެވެ. އުނގުގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލައަށް ބަލަން އިނދެފައި އިސް އުފުލައި މަންމައާއި ބައްޕައަށް ބަލާލިއެވެ.

"މާއްކޮ... ދެން އަވަހަށް ކިޔާދީ..." މައިރާ މިހެން ބުނެ މާޔަލްގެ ގަޔާއި އަތްދޭތެރެއިން އަތްއަޅުވާލައި ގާތްކޮށްލައިފިއެވެ. އެހެންވިޔަސް މާޔަލްއަށް އެއްޗެކޭ ބުނަން އުނދަގޫވެފައި އިނެވެ.

"މާއްކޮ އިވާންއާ މެރީ ކުރަން ބޭނުމެއްނުވޭ." މާޔަލް ފަސްޖެހޭލެއް ބޮޑުކަމުން މައިރާ ބުންޏެވެ.

"އެއީ ކީއްވެ؟. މިއަދު އަސްމާ ގުޅާފަ ތިކުދީންގެ ކައިވެނީގެ ވާހަކަދެއްކީ... މައްޔުއަށް އެނގެއްނު." އާމާލް ވަރަށް ހައިރާންވިއެވެ. މަންމަގެ ވާހަކައަށް މާޔަލް ބޯޖަހާލީއެވެ.

"މާއްކޮ ބުނީ އެކްސިޑެންޓްވީއިރު އިވާންއާ ރުޅިވެފަ ހުރިކަން، އެކަމަކު އެކްސިޑެންޓްގެ މާއްކޮ ހަނދާންނެތުނީތަ އިވާން އޮޅުވާލީކަމަށް، ދެމީހުން ރައްޓެހިވެގެންކަން އުޅެނީ ކިޔައިގެން... ކައިވެނި ކުރާން މާއްކޮ އެއްބަސްވީ އިވާން ކިޔާވަރުން. މިހާރު ހުރިހާ ހަނދާންތަކެއް އެނބުރި އައީމަ އިވާންއާ ދޭތެރޭ އޮތް އިޙްސާސް ބަދަލުވެއްޖެޔޭ މާއްކޮ ބުނީ... ކަމޯން... ސޭ ސަމްތިން މާއްކޮ. މަންމަމެންނަށް ކިޔާދިނީމަ އެންނު އެނގޭނީ. ރިކްގެ ވާހަކަ ވެސް ކިޔާދީ." މައިރާ ވާހަކަދެއްކިއެވެ. އޭނާ މާޔަލްގެ އަތުގައި ހިފައިގެން އިނދެ ތަޅުވާލިއެވެ. ވާހަކަދައްކާށޭ އިޝާރާތްކުރާ ފަދައިންނެވެ.

އާމާލްއާއި މަޒްހަރު އެކަކުއަނެކަކަށް ބަލާލީ މިވަނީ ކިހިނެއް ހެއްޔޭ އަހާލާ ފަދައިންނެވެ. އެމީހުންނަށް ވެސް ނަގައިގަންނަންވީ ކީކޭކަމެއް އަދި ޔަގީންނުވަނީއެވެ. އެހެންވިޔަސް މާޔަލްއާއި އިވާންއާ ދެމެދުގައި އޮތް ގުޅުން ކެނޑިފައިވަނިކޮށް އިވާން އޮޅުވާލައިގެން އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރާނަމަ އެކަން އެގޮތަށް ވެގެން ނުވާނޭކަން އެ ދެމަފިރިން ވެސް ޤަބޫލުކުރެއެވެ.

މާޔަލް ވާހަކަދައްކަން ފެށިއެވެ. މައިރާއަށް ކިޔާދިން ފަދައިން އެއްވެސް ކަމެއް އުނިނުކޮށް މަންމައާއި ބައްޕައަށް އޭނާގެ ހަޔާތުގެ ފަލްސަފާ ހުޅުވައި ކިޔައިދިނެވެ. އައިރިކްއަކީ ހަޔާތުގެ ކިހާ މުހިންމު ބާބެއްކަން މައިންބަފައިންނަށް ބުނެދިނެވެ. އިވާންއާމެދު އެފަދަ ޚާއްޞަކަމެއް ދެވިފައި ނެތްކަން ބުންޏެވެ. އަދި އިވާން އެންމެފަހުން އެގެއަށް އައި ދުވަހު އެކަން މާޔަލް ބުނެފައިކަން ވާނީ ބުންޏެވެ. ނަމަވެސް އިވާންގެ އެދުމަކީ މާޔަލްއާ ކައިވެނި ކުރުމެވެ. އެހެންވެ އޭނާ ކައިވެނި ހުއްޓުވަން މަސައްކަތެއް ނުކުރާނެކަން މާޔަލް ކިޔާދިނެވެ.

އާމާލްއާއި މަޒްހަރު ތިބީ ދަރިފުޅު ދެއްކި ހުރިހާ ވާހަކައެއް ކަނުލާ އަޑު އަހާށެވެ. ލޯބީގެ ގޮތުން ދަރީން ގުޅޭނެ މީހަކު ކަނޑައެޅުމަކީ އެމީހުން ގެންގުޅޭ ވިސްނުމެއްނޫނެވެ. އެމީހުންގެ ޝަރުތަކަށް އޮންނަނީ ދަރީން ޚިޔާރުކުރާން ވާނީ އަޚްލާޤު ރަނގަޅު އެކުދީންގެ ކަންކަން ބެލެހެއްޓޭވަރުގެ ޒިންމާދާރު ޒުވާނުންނާ ކަމެވެ. އެމީހުން ރަޒާ ވެސް ބަލައިގަތީ އެ މިންގަނޑުތައް ބަލާފައެވެ. އަންހެން ދަރީން ތިބިއިރު ކައިވެންޏަށްފަހު އެކުދީންގެ ބެލެހެއްޓުންތެރިއަކަށް ވާނީ ފިރިންނެވެ. ވީއިރު އާމްލާއާއި މަޒްހަރު ގެންގުޅެމުންހާ ލޯބިން އެކުދީން ގެންގުޅެވޭނެ ބަޔަކަށް އެ ދަރީންގެ ފިރިން ވާންޖެހޭނެއެވެ. އާމާލްއާއި މަޒްހަރަށް ރަޒާއަށް ވުރެ ވެސް ބޮޑަށް ރުހެވުނު ކުއްޖަކަށް އިވާން ވިއެވެ. އާދަޔާ ޚިލާފު ރީތިކަމާ އެއްވަރަށް އެކުއްޖާ މާޔަލްއާ ހެދި ހުންނަނީ ދީވާނާވެފައިކަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭގެ އިތުރުން ދެ ޢާއިލާގެ ދެމެދުގައި އޮތް ގުޅުން ވެސް އެހާމެ ރަނގަޅެވެ. ދެ ޢާއިލާއިން އުފަލާއެކު ބަލައިގަތް ގުޅުމަކަށް އެކުދީންގެ ގުޅުންވެއެވެ. އެކަމަކު މާޔަލްގެ ހިތުގައި އެ ގުޅުމާމެދު އޮތް ހަޤީޤަތް އެނގުނީ އަދިކިރިޔާއެވެ. އައިރިކްއާއި މާޔަލްއާ ދެމެދުގައި ހިނގައިދިޔަ ކަންތައްތައް އިވިފައި އާމާލްއާއި މަޒްހަރު ވެސް އަޖައިބުވިއެވެ.

"މަޒްހަރު..." ބަހެއްކިޔަން ދަތިވެފައި އިން އާމާލް ގޮވާލީ ފިރިމީހާއަށެވެ.

"ދަރިފުޅު ބޭނުންނުވަންޏާ އިންނާކަށް ބައްޕަމެން ނުބުނާނަން." އާމާލްއަށް ބަލާލާފައި މާޔަލްއާ ނަޒަރު ސީދާކޮށްލަމުން މަޒްހަރު ވާހަކަދެއްކިއެވެ.

"އަސްމާ ކައިރީ ކިހިނެއް މިވާހަކަ ދައްކާނީ." އާމާލް ބުންޏެވެ.

"މިކަމުގައި އިވާން ވެސް ގޯހެއް ހަދައިފި. ހަޤީޤަތަށް އަސްމާއަށް ކިޔާދިނުން އޮތީ. އިވާން ނުބުނަން ހުރިއްޔާ އަހަރެމެންތާ މިކަން ހުއްޓުވަން ޖެހޭނީ." ވިސްނުންތެރިކަމާއެކު ސީރިއަސް ރާގެއްގައި މަޒްހަރު ވާހަކަދެއްކިއެވެ.

"މައްޔު، ދަރިފުޅަށް ހަމަ ޔަގީންތަ؟." އާމާލް އަދިވެސް އެއްފަހަރު ޔަގީންކުރާން ބޭނުންވިއެވެ.

"ރިކްއާއެކީ އުޅޭން ބޭނުމީ. ފެމެލީއަށް ހުރިހާކަމެއް ކިޔާދޭނަންކަން ރިކްއަށް ވަޢުދުވިން. ރިކް މެރީކުރަން ބޭނުންވޭ." މާޔަލް ބުންޏެވެ.

މައިރާއަށް ކުރީން ފާހަގަވީ ފަދައިން އާމާލްއާއި މަޒްހަރަށް ވެސް އިވާންއަށް ޓަކައި މާޔަލްގެ ފުށުން ފާޅުނުވާ އަސަރުތަކެއް އައިރިކްގެ ވާހަކަދައްކާއިރު މާޔަލްގެ ފުށުން ފާޅުވާތީ ފެނިއްޖެއެވެ. އައިރިކްއާމެދު މާޔަލް ދެކޭގޮތުން އޭނާގެ އަޑާއި ރާގު ގެންގުޅޭ ގޮތުން ވެސް ދޭހަވެއްޖެއެވެ. މާޔަލްއަށް ބޮޑު ބަދަލެއް އަތުވެއްޖެކަން ފާޅުވެއެވެ. މާޔަލްއާ ހެދި އިވާން އުޅޭ ގޮތް އެމީހުންނަށް ވަނީ ފެނިފައެވެ. އެ އަސަރުތައް މިހާރު މާޔަލްގެ ކިބައިން ފެނެއެވެ. ނަމަވެސް އެ އިޙްސާސްތަކުގެ އަސްލު ގުޅިފައިވަނީ އައިރިކްއާއެވެ. މާޔަލް ބުނާހެން އޭނާއަށް އިވާން އެދޭ އެދުން ފުރިހަމައެއް ނުކޮށްދެވޭނެއެވެ.

އިވާންގެ މަންމަ، އަސްމާއާ ވާހަކަދައްކާނަންކަން އާމާލަން ބުންޏެވެ. އެމީހުން އައިރިކްއާ ބައްދަލުކުރާން އެދޭކަން ހާމަކުރިއެވެ. މާޔަލް ހޮސްޕިޓަލުގައި އޮތް މަދު ދުވަސްކޮޅުގެ ތެރޭ މަޒްހަރަށް އޮތީ އައިރިކްއަކީ ކާކުކަން ހިސާބަކަށް އެނގިފައެވެ. މީހާގެ ޠަބީޢަތް ދެނެގަންނަން ނޭނގުނަސް އައިރިކްއަކީ ކޮންގެއަކު ކުއްޖެއްކަމާއި އެމީހުންނަކީ ކޮންފެންވަރެއްގެ ބައެއްކަން މަޒްހަރު ހޯދިއެވެ. އޭނާއަށް އެ ޢާއިލާއާ ގުޅުވައި ގޯސް ވާހަކައެއް ނީވެއެވެ. އެކްސިޑެންޓަށްފަހު އައިރިކް އޮފީހަށް ނުނިކުންނަން އޭނާއަށް ވެސް އޮތީ މަޢުލޫމާތު ލިބިފައެވެ. އެކަމަކު އެއީ ޒިންމާދާރު ވަރުގަދަ ޝަހުސިއްޔަތެއް ލިބިފައިވާ ވެރިއެއްގެ ގޮތުގައި އެންމެން ވެސް ދެކޭ ޒުވާނެއްކަން އެނގެއެވެ. މަޒްހަރު ނިންމީ އިވާންގެ ޢާއިލާއާ ވާހަކަދައްކާ ކައިވެނި ކެންސަލް ކުރުމަށްފަހު އައިރިކްއާ އެ ޢާއިލާއިން ބައްދަލުކުރާށެވެ. މަންމައާއި ބައްޕަގެ ފަރާތުން މައިރާ ބުނިހެން މާޔަލްއަށް ފެނުނީ އޭނާއަށް އެއްބާރުލުން އެމީހުން ދިންތަނެވެ. މާޔަލް އެދޭގޮތަކާ އެމީހުން ވެސް ތިބޭނީ ރުހިގެންކަމެވެ.

އެރޭ މާޔަލްއަށް ކޮޓަރިއަށް ވަދެވުމާއެކު އަވަސްވެލީ އައިރިކްއަށް ގުޅާށެވެ. އުފާވެރިކަމުގެ ޚަބަރު ލޯބިވެރިޔާއަށް އަވަހަށް ފޯރުކޮށްދޭށެވެ. ހިތް އެދެނީ އައިރިކްގެ ގާތަށް ގޮސް ހުރެ އެ އަތުގެތެރޭގައި ހުރެ އެ ވާހަކަތައް ކިޔާދޭށެވެ. ނަމަވެސް މާޔަލްއަށް ޔަގީންވާ ކަމަކީ އޭނާއާއި އައިރިކް އެކަހެރިކޮށް ބައްދަލުވުމަކީ ހެދޭނެ ގޯހެއް ކަމެވެ. އޮބިނޯވެގެން އުޅޭ ހިތް އެ ދެ ހަށިގަނޑުގެ އިޙްސާސްތައް ހޭލައްވާލައި ދެމެދުގައި ހުޅުރޯޅުކުރާނެކަން ޔަގީންވަނީއެވެ.

* * * * *

އެޕާޓްމެންޓަށް ވަދެފައި މައިރާ ދޮރުތަޅުލިއެވެ. ވެރިވެފައި އޮތް ހިމޭންކަމާއި ފަނޑުއަލިކަމުގައި މައިރާ އައިސް ވަނީ ކޮޓަރިއަށެވެ. ގައިދޮވެލައިގެން އޭނާ ފާޚާނާއިން ނުކުތީ ވުޟޫކޮށްލައިގެންނެވެ. ދަންވަރު ރަޒާ ހޮސްޕިޓަލުގައި ހޭލާ އިންނާތީ މިރޭ މައިރާ ނިދަން ޖެހޭނީ އެކަންޏެވެ. ބިރުވެރި ހުވަފެނެއް ފެނިގެން ހޭލެވޭއިރު ފިރިމީހާ ކައިރީގަ ނެތުމުން މާބޮޑަށް އޭނާ މޭޖެހޭނެއެވެ. ނަމާދުކޮށްލައިގެން އޭނާ ނިދަން އޮށޯތީ އެ ސަބަބާ ހުރެއެވެ. ނަފްސުގެ ރައްކާތެރިކަން ލިބިގަތުމަށެވެ.

ނިދިފައި އޮތް މައިރާއަށް ހޭލެވުނީ ފޯނު ރިންގުވާތާ އިރުކޮޅެއް ފަހުންނެވެ. ގަޑިންވީއިރެއް އެނގެން ބޭނުންވެފައި އޮތެއްކަމަކު ފުރަތަމަ އޭނާ ފޯނުކޯލަށް ޖަވާބު ދޭން ކަންފަތުގައި ފޯނު ނަގައި ޖައްސާލިއެވެ. އަނެއްކޮޅުން އިވުނީ ރަޒާގެ ހާސްވެ ކަންބޮޑުވެފައިވާ އަޑެވެ. ހޮސްޕިޓަލުގައި އޮތް އިރުފާގެ ހާލު ބޮޑުވީއެވެ. އިނާޔާ ފޯނު ނުނަގާ ވާހަކަ ރަޒާ ބުންޏެވެ. ވީ އެންމެ އަވަހަކަށް އެންމެން ގޮވައިގެން ހޮސްޕިޓަލަށް އައުމަށް ރަޒާ އެދުނެވެ. އެ ޚަބަރުން މައިރާގެ ލޮލުގައިވީ ނިދި ފިލާ ހިނގައްޖެއެވެ.

(ނުނިމޭ)