ގައުމިއްޔަތަށް މިއަދު ހަމަލާތައް ކުރިމަތިވަނީ ވިސްނުމާއި ފިކުރަށް ކަމަށްވާތީ ފިކުރީ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި އެންމެންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމަށް މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މިރޭ ކުރިއަށް ދިޔަ ފަދަ ކޮންމެ ޖަލްސާ އަކީ ވެސް ގައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކާމެދު ވިސްނައި އަދި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަންޖެހޭ ކަންކަމާ މެދު ވިސްނުން ހިންގެވުމަށް މުހިއްމު ފުރުސަތެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިސްތިއުމާރީ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމާއި ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތު ހިމާޔަތްކޮށްދެއްވުމަށް އުތީމު ތިން ބެއިންނާއި ދެހާޖީންނާއި ދަންޑަހެލު ކުރެއްވި ގައުމީ ޖިހާދު ފާހަގަކުރައްވާފަ އެވެ. އެގޮތުން ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައުމިއްޔަތު ހިމާޔަތްކުރުމަށް ގައުމީ ލޯބި އުފައްދަންޖެހޭ ކަމަށެވެ.
"ގައުމިއްޔަތަށް މިއަދު ހަމަލާތައް ކުރިމަތިވަނީ ކަނޑިބަޑިއާއި ސިލޭހައިގެ ބަދަލުގައި ވިސްނުމާއި ފިކުރަށް. އެހެންކަމުން މި ފިކުރީ ހަނގުރާމައިން ދިފާޢުވެ ގައުމިއްޔަތު ދިރުވުމަށްޓަކައި އެންމެންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމަށް މަސައްކަތް ކުރަންޖެހޭ. އަދި ޅަދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ އެބައެއްގެ މެދުގައި އޮންނަ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ކަމަށެވެ.
ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު އެހެން ގައުމުތަކާއެކު ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމުގެ މުހިއްމު ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ ގައުމިއްޔަތު ދިފާއުކުރުމުގައި އެންމެންނާ އެކު ވެސް ބަދަހި ގުޅުމެއް ބާއްވަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމިއްޔަތުގެ ރޫހު އާލާކޮށް ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ވަކިވަކި ފަރުދުންގެ ދައުރު ވެސް ވަރަށް މުހިއްމު ކަމަށެވެ. ކޮންމެ މީހަކީވެސް ފަރުދުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މުޖުތަމައުގެ މަސްލަހަތަށް އިސްކަންދޭ މީހަކަށް ވާން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.