ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވެން 0-1 އިން ބަލިކޮށް އާސެނަލް ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
މި ދެޓީމުގެ މެޗު ކުރިން ކުޅޭގޮތަށް އޮތީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެކަމަކު އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނަ އަވަހާރަވެ ޖަނާޒާގެ ކަންކަމުގައި ލަންޑަނުގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހުމުން މެޗު ފަސްކުރީ އެވެ.
އާސެނަލުން ވަނީ ޔޫރޮޕާ ލީގުގެ ފުރަތަމަ ހަތަރު މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. 12 ޕޮއިންޓާ އެކު އެޓީމު އެއްވަނައިގައި އޮތްއިރު ހަތް ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ޕީއެސްވީ އެވެ. ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު ބޯޑޯ/ގްލިމްޓް އޮތްއިރު ފުލުގައި އޮތް ޒިއުރިޗް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ޔޫރޮޕާ ލީގުގައި އަންނަ ހަފްތާ ނެދަލެންޑްސްގައި ޕީއެސްވީއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން އާސެނަލަށް ގްރޫޕުގެ އެއްވަނަ ކަށަވަރުވާނެ އެވެ.
ރޭގެ މެޗުގެ ހަމައެކަނި ގޯލު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގްރަނިޓް ޒަކާ އެވެ. ޒަކާ އަކީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.
މެޗުގައި އާސެނަލުން ވަނީ މޮޅަށް ކުޅޭ ޕީއެސްވީގެ ގޯލަށް 25 ހަމަލާ ފޮނުވާލާފަ އެވެ. މީގެ ތެރެއިން ހަ ހަމަލާ ފޮނުވާލީ ފޯވާޑް އެޑީ އެންކެޓިއޭ އެވެ. މީގެ އިތުރުން ބުކާޔޯ ސަކާ އާއި ގެބްރިއަލް ޖީސުސް އަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނެވެ. އެކަމަކު އާސެނަލްގެ ހަމަލާތައް ހުއްޓުވުމުގައި ޕީއެސްވީގެ ގޯލްކީޕަރު މޮޅު ކުޅުމެއްދެއްކި އެވެ.
މުޅި މެޗުގައި ވެސް ޕީއެސްވީ އިން ބޮޑަށް މަސައްކަތްކުރީ ޑިފެންސްކުރާށެވެ. އެޓީމަށް މާގިނަ ހަމަލާތަކެއް އުފެއްދިފައިނުވާއިރު މިވަގުތު އެންމެ ފޯމުގައި ހުރި ކޯޑީ ގަކްޕޯ ހިފެހެއްޓުމުގައި އާސެނަލުން ކުރި ހޯދި އެވެ.
ރޭގެ މެޗާ އެކު އާސެނަލުން މިވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅުވެފަ އެވެ. އަނެއްކޮޅުން އިނގިރޭސި ޕްރިމިއާ ލީގުގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އެޓީމު މިވަގުތު އޮތީ އެއް ވަނައިގަ އެވެ.