ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުތަކަށް މިއަދު ނިމުން އަންނާނެ: އީރާން

އީރާންގެ ނިއުކްލިއާ މައްސަލާގައި ސަބަބުން އެ ގައުމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއަދު ނިމުމަކަށް އަންނާނެ ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފު ވިދާޅުވެއްޖެއެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް އޮސްޓްރޭލިއާގެ ވިއެނާގައި ބާއްވާ މަޝްވަރާތަކަށް ވަޑައިގެން މުހައްމަދު ޖަވާދު ވިދާޅުވީ، މަޝްވަރާތައް ނިމޭނީ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ކަމަށާއި އެ ހިސާބުން އީރާންއާ ދެކޮޅަށް ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެންނާނެ ކަމަށެވެ.

"މިއަދަކީ އީރާނުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް، ދަތިކުރުމުގެ ފިޔަވަޅުތައް މިއަދު އުފުލިގެންދާނެ،" ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

ވިއެނާގައި ނިއުކްލިއާ މަޝްރޫއު ފެށުމަށް މަޝްވަރާތައް ބާއްވާން ނިންމާފައިވާއިރު މަޝްވަރާތަކާ ދިމާކޮށް އީރާނުން ވަނީ އެ ގައުމުގެ ހައްޔަރުގައި ތިބި އެމެރިކާގެ ހަތަރު މީހަކު މިނިވަންކޮށްފައެވެ. އޭގެ ތެރޭގައި ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓާ ޖާސަން ރެޒައިން ވެސް ހިމެނެއެވެ.

މިއީ އެމެރިކާ އަދި އީރާންގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެކެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާއިން މީގެކުރިން ވަނީ އީރާނާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އޭރުވެސް އީރާނުން ބުނަމުން ދިޔައީ އެ ގައުމުން ބޭނުންވަނީ ނިއުކްލިއާ ހަކަތަ އުފެއްދުމަށް ކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް އީރާނާއެކު އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން 20 މަސްދުވަސް ވަންދެން ބޭއްވި މަޝްވަރާތައް ނިންމާލާފައިވަނީ ސުލްހަވެރި ބޭނުންމަށް ނިއުކުލިއާ ހަކަތަ އުފެއްދުމުގެ ހުއްދަ އީރާނަށް ދިނުމަށް ބޮޑެތި ގައުމުތަކުން އެއްބަސްވުމަކަށް އައިސްގެންނެވެ.

ނިއުކުލިއާ ހަކަތަ އީރާނުން އުފެއްދުމުގެ ހުއްދަ ހުޅަނގުގެ ގައުމުތަކުން އެ ގައުމަށް ދީފައިވީނަމަވެސް ނިއުކުލިއާ ބޮމެއް ތައްޔާރު ކުރެވޭ ވަރަށް ޔުރޭނިއަމް އުފެއްދުމުގެ ފުރުސަތު އީރާނަށް ވަނީ ބަންދުވެފައެވެ. ގައުމުތަކުން އީރާނާއެކުވީ އެއްބަސްވުމުގެ ދަށުން 15 އަހަރު ވަންދެން އީރާނަށް އުފެއްދޭނޭ ޔުރޭނިއަމްގެ މިންވަރު ވަނީ ހިފަހައްޓާފައެވެ. މީގެ ބަދަލެއްގެ ގޮތުގައި އީރާންގެ ތެޔޮ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ވިއްކުމުގެ ފުރުސަތު އީރާނަށް ލިބޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުން ނިއުކްލިއާ މަޝްރޫއު ފެށުމަށް ހުރިހާ ތައްޔާރީތަކެއްވެފައިވާއިރު އުތުރު ކޮރެއާ އަދި އީރާނުން ދަނީ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އުތުރު ކޮރެއާއަކީ ވެސް ނިއުކްލިއާ މަޝްރޫއު ހިންގާ ގައުމެކެވެ. އެ ގައުމުން ބުނަނީ އީރާން އެފަދަ އެއްބަސްވުމެއްގެ ތެރެއަށް ވަނީ ބޮޑެތި ގައުމުތައް ދެކެ ބިރުން ކަމަށެވެ. އުތުރު ކޮރެއާއިން ބިރު ނުގަންނާނެ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.

އިސްރާއިލްގެ ބޮޑު ވަޒީރު ބެންޖާމީން ނަތަންޔާހޫ، އީރާން ސިފަކޮށްފައިވަނީ އައިއެސް އަށްވުރެ ވެސް ނުރައްކާތެރި ބައެއްގެ ގޮތުގައެވެ. އީރާންގައި ނިއުކްލިއާ ހަތިޔާރު ހުންނާނެ ކަމަށް ނަތަންޔާހޫ ތުހުމަތުކުރެއެވެ. ނަތަންޔާހޫގެ މި ވާހަކަތަކަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަރުގަދަ އިންޒާރެއް ވެސް ދެއްވާފައެވެ. އޮބާމާ ވިދާޅުވެފައިވަނީ އީރާންގެ ނިއުކްލިއާ މަޝްރޫއަށް އިސްރާއިލުން ހުރަސްއަޅާ ނަމަ އެ ގުމަށް އޭގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށެވެ.