އެމްއެންޑީއެފް

މިދިޔަ އަހަރު ކޯސްޓްގާޑަށް 320 ހާދިސާ ރިޕޯޓްކުރި

Oct 22, 2022

ކޯސްޓްގާޑަށް މިދިޔަ އަހަރު ޖުމްލަ 320 ހާދިސާއެއް ރިޕޯޓްކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން ބައެއް ހާދިސާތަކަށް ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދިންއިރު ބައެއް ހާދިސާތަކަށް ނުސީދާ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު 222 ހާދިސާއެއްގައި ސީދާ ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދީ 564 މީހެއްގެ ފުރާނަ ސަލާމަތް ދިނުމާއެކު މުދާ ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ކޯސްޓްގާޑަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ފަރަށް އެރުމާއި އިންޖީނު މައްސަލަޖެހުން އަދި ދޯނި އަޑިއަށް ދިއުމުގެ ހާދިސާތައް ހިމެނެ އެވެ.

ކޯސްޓްގާޑަށް ހުށަހެޅުނު ބައެއް ހާދިސާތައް

  • ފަރަށް އެރުން: 39 ހާދިސާ
  • އިންޖީނު މައްސަލަޖެހުން: 43 ހާދިސާ
  • އެކްސިޑެންޓްވުން: ތިން ހާދިސާ
  • މެނުއަރިން ފޭލިއާ: ނުވަ ހާދިސާ
  • ދިޔަވުން / އަޑިއަށް ދިއުން: 47 ހާދިސާ
  • ބަންޑުން ޖަހާލުން: ހަ ހާދިސާ
  • ފުރިފަހުން ހަބަރެއް ނުވުން: 14 ހާދިސާ
  • އަލިފާން ރޯވުން: ހަތް ހާދިސާ

ކޯސްޓްގާޑު މާލޭ އޭރިއާއަށް 187 ހާދިސާގެ ރިޕޯޓް ލިބުނުއިރު ކޯސްޓްގާޑު ސެންޓްރަލް އޭރިއާއަށް 41 ހާދިސާގެ ރިޕޯޓު ލިބުނެވެ.

ކޯސްޓްގާޑު ސަދަން އޭރިއާއަށް 47 ހާދިސާގެ ރިޕޯޓް ލިބުނުއިރު ކޯސްޓްގާޑު ނޮދަން އޭރިއާއަށް 45 ހާދިސާގެ ރިޕޯޓް ލިބިފައިވެ އެވެ.

އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން 2،404 ބަލިމީހުން ވެސް ސިފައިން އުފުލާފައިވެ އެވެ. މީގެތެރޭގައި ޑޯނިއާ ފްލައިޓްގައި އުފުލި 57 ބަލިމީހުންނާއި ދެ ހެލިކޮޕްޓަރުގައި އުފުލި 44 ބަލި މީހުން ހިމެނެ އެވެ. އަދި ކޯސްޓްގާޑުގެ އުޅަނދުތަކާއި ސީއެމްބިއުލާންސްތަކުގައި އުފުލި ބަލި މީހުންވެސް ހިމެނެ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ސަވައިލަންސް ޕެޓްރޯލްތަކުގެ ތެރެއިން މިދިޔަ އަހަރު 38 ސަވައިލަންސް ޕެޓްރޯލް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ޕެޓްރޯލްތަކުގައި ރާއްޖޭގެ އީއީޒެޑް ސަރަހައްދުގެ 196،615 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެ އެވެ.