މިދިޔަ އަހަރު 432 ހާދިސާއަކާއި ގުޅިގެން އެމްއެންޑީއެފްގެ މާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެ އެވެ.
ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މިދިޔަ އަހަރު މާލޭ ފަޔާ ސްޓޭޝަނުން އެންމެ ގިނައިން ހަރަކާތްތެރިވެފައިވަނީ އަލިފާނުގެ ހާދިސާތަކާއި ގުޅިގެންނެވެ.
އަލިފާނުގެ 149 ހާދިސާއަކާއި ގުޅިގެން ހަރަކާތްތެރިވެފައިވާއިރު ކުއްލި ސިއްހީ އެހީ ދިނުމުގެ 116 ހާދިސާއެއްގައި ވަނީ ހަރަކާތްތެރިވެފަ އެވެ. މީހުން ސަލާމަތްކުރުމުގެ 30 ހަރަކާތަކާއި ހާދިސާތަކާ ގުޅުންހުރި އޮޕަރޭޝަންގެ 20 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވެ އެވެ.
މާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވި އަލިފާނުގެ ހާދިސާތަކުގެ ތަފްސީލު
- ގަސްދުކާނުލާ ހިނގި އަލިފާނުގެ ހާދިސާ: ނުވައެއް
- ގަސްދުގައި އަލިފާން ރޯކޮއްލި ހާދިސާ: 21
- ސިނގިރޭޓުގެ ސަބަބުން ހިނގި ހާދިސާ: 26
- ކަރަންޓުގެ ސަބަބުން ހިނގި ހާދިސާ: 42
- ގޭހުގެ ސަބަބުން ހިނގި ހާދިސާ: 19
- ފަރުވާކުޑަވުމުގެ ސަބަބުން ހިނގި ހާދިސާ: 17
- ގޮތް ނޭނގޭ ގޮތަށް ހިނގި އަލިފާނުގެ ހާދިސާ: ހަތަރެއް
- އެހެނިހެން އަލިފާނުގެ ހާދިސާ: 11
މާލޭ ފަޔާ ސްޓޭޝަން ފިޔަވައި އެހެނިހެން ސްޓޭޝަންތަކުން ވަނީ އަލިފާނުގެ 154 ހާދިސާއަކާ ގުޅިގެން ހަރަކާތްތެރިވެފަ އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން މާލޭ ފަޔާ ސްޓޭޝަނުން ވަނީ ފެންބޮޑުވުމުގެ ހާދިސާތަކާއި ބޯޓަށް ފެން އެޅުމުގެ ހާދިސާތަކުގެ އިތުރުން ގަސް ވެއްޓުމުގެ ހާދިސާތަކާއި ކެމިކަލް ހާދިސާތަކާ ގުޅިގެން ވެސް ހަރަކާތްތެރިވެފަ އެވެ.
މިދިޔަ އަހަރު އަލިފާނުގެ ހާދިސާތަކަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހިންގާފައިވެ އެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކަށާއި އޮފީސްތަކަށާއި ސްކޫލު ދަރިވަރުންނަށްވެސް މި ޕްރޮގްރާމްތައް ހިންގާފައިވެ އެވެ.
މީގެއިތުރުން ފަޔާ ބްރިގޭޑް ކޯހާއި އިންޑަސްޓްރިއަލް ފަޔާ ބުރިގޭޑް ކޯސް ރިފްރެޝާ ތަމްރީން ހިންގާފައިވެ އެވެ.