ފިނިޕޭޖް

ދަ ކްރައުންގެ މައްސަލަތަކެއް ސަމާލުކަމަށް ގެނެސްފި

އޮސްކާ އަދި ގިނަ އެވޯޑްތަކެއް ހޯދާފައިވާ ހުނަރުވެރި އިނގިރޭސި އެކްޓްރެސް ޑޭމް ޖޫޑީ ޑެންޗް، ނެޓްފްލިކްސްގެ "ދަ ކްރައުން" ސީރީޒްގެ ބައެއް މަންޒަރުތައް ސައްހަ ނޫން ކަމަށް ބުނެ ފާޑުކިޔުމުން، ނެޓްފްލިކްސް އިން އެކަމަށް ސަމާލުވެއްޖެ އެވެ.

ދަ ޓައިމްސްއަށް ފޮނުވި ސިޓީއެއްގައި ޖޫޑީ ޑެންޗް ބުނެފައިވަނީ "ދަ ކްރައުން" ސީރީޒްގައި ތާރީހީ ގޮތުން ސައްހަ ނޫން ކަންތައްތައް ދައްކައި، އެ ސީރީޒް ދަށު ދަރަޖައަކަށް ވައްޓާލާފައިވާ ކަމަށެވެ.

"ނެޓްފްލިކްސް އިން އެބަ ޖެހޭ މި ސީރީޒަކީ "ފިކްޝަނަލައިޒްޑް ޑްރެމެޓައިޒޭޝަން" އެއްކަން ބުނެ ޑިސްކްލޭމާ އެއް އަރުވަން. އެއީ މި ސީރީޒް ބަލާ އޮޑިއަންސްގެ ތެރެއިން ގިނަ ބަޔަކު، ހާއްސަކޮށް ބޭރު ގައުމުތަކުގައިވާ އޯޑިއަންސް މި ސީރީޒްގައި ދައްކާ ކަންތައްތަކަކީ ހަގީގަތް ކަމަށް ގަބޫލުކުރާނެ،" ޑޭމް ޖޫޑީ ޑެންޗް ބުނެފައިވެ އެވެ.

ޖޫޑީ ބުނީ އިނގިރޭސި ވިލާތަށް 70 އަހަރުގެ އިހްލާސްތެރި ހިދުމަތެއް ކޮށްދެއްވައި އަދި ދާދި ފަހުން ދުނިޔެ ދޫކޮށްފައިވާ ރާނީގެ އަބުރު ދެމެހެއްޓުމަށާއި އާއިލާއަށް އިހްތިރާމް ކުރުމުގެ ގޮތުންވެސް ހަގީގަތްތައް ހާމަކޮށްދިނުން މުހިއްމު ކަމަށެވެ.

މިގޮތުން "ދަ ކްރައުން"ގައި މިހާރުގެ ރަސްގެފާނު ޗާލްސް، ރާނީ އެލިޒަބަތު || އިނގިރޭސި ތަހުތު ދޫކޮށްލާ ގޮތް ހެެއްދެވުމަށް ރާވާފައިވާކަމާއި ރާނީ ދަރިންނަށް ދެއްވެވި ތަރުބިއްޔަތު އެއީ ނެތް ފަދަ އެއްޗެއް ކަމަށް ދައްކާފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އެއީ ރާނީ އަށާއި ޗާލްސްއަށް ވަކި ފަރުދުންގެ ގޮތުގައި އަދި އެ ދެ ބޭފުޅުން ރަމްޒުކުރާ މުއައްސަސާއަށް ރަހުމުކުޑަ އަދި ނާއިންސާފުވެރި ގޮތެއް ކަމުގައި ޖޫޑީ ބުންޏެވެ.

މީގެ އިތުރުން ކުރީގެ އިނގިރޭސި ބޮޑު ވަޒީރު ޖޯން މޭޖާ ވެސް ޗާލްސްއާ ގުޅިގެން ރާނީ އެލިޒަބަތު ތަހުތުން ދުރުކުރެއްވުމަށް ރޭވި ރޭވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް "ދަ ކްރައުން" ގައި ދައްކާފައިވެ އެވެ. އެކަމަކީ އެއްވެސް ހާލެއްގައި ހިނގި ކަމެއް ނޫން ކަމަށާއި ޖޯން މޭޖާ އެއްވެސް އިރެއްގައި "ދަ ކްރައުން"އާ ގުޅިފައި ނުވާ ކަމަށް ބުނެ، މޭޖާގެ އޮފީހުން ބަޔާނެއް ވެސް ނެރުނެވެ.

މި ބަޔާނުގައި އިތުރަށް ބުނީ ބޮޑު ވަޒީރާއި ރަސްކަމާ ދެމެދު ހިނގާ މަޝްވަރާތަކަކީ އަބަދުވެސް ބޮޑު ސިއްރެއް ކަމަށާއި މުސްތަގްބަލުގައިވެސް އެކަން އޮންނާނީ އެގޮތަށް ކަމަށާއި "ދަ ކްރައުން" ގައި އެކަމާ ގުޅިގެން ދައްކާފައިވާ މަންޒަރުތަކަކީ ހުސް ހިޔާލީ ކަންތައްތަކެއް ކަމަށެވެ.

މި ބަޔާނާ ގުޅިގެން "ދަ ކްރައުން"ގެ ތަރުޖަމާނު ބުނީ މި ސީރީޒް އަބަދުވެސް ހުށަހަޅާފައިވަނީ ތާރީހީ ގޮތުން ހަގީގީ ކަންކަމަށް ބިނާކޮށްފައިވާ ޑްރާމާއެއްގެ ގޮތުގައި ކަމަށެވެ. އަދި ސީޒަން ފަހަކީ ފިކްޝަނަލް ނޫނީ ހިޔާލީ އެއްޗެއް ކަމަށާއި ބަންދުކޮށްފައިވާ ދޮރުގެ ފަހަތުގައި ހިނގާފައިވާ ކަމަށް ލަފާކުރެވޭ ކަންތައްތަކާއި ޝާހީ އާއިލާގެ ހަޔާތުގެ 10 އަހަރު ކަމަށެވެ. މި އަހަރުތަކުގެ ކަންތައްތައް ބައޯގްރަފީ ލިޔާ ފަރާތްތަކާއި ތާރީހީ ކަންތައްތައް ލިޔާ ފަރާތްތަކާއި ނޫސްވެރިން ޑޮކިއުމެންޓްކޮށްފައި ކަމަށްވެސް ބުނެފައިވެ އެވެ.

ނެޓްފްލިކްސް އިން "ދަ ކްރައުން" އަށް މިހާރު ވަނީ ޑިސްކްލޭމާ އެއް ލާފަ އެވެ. "ދަ ކްރައުން"ގެ ފަސްވަނަ ސީޒަން ފެށޭނީ އަންނަ މަހުގެ ނުވަވަނަ ދުވަހު އެވެ.