ކުޅިވަރު

ލީގު ފުލުގައި އޮތް ޓީމު އަތުން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ފުލުގައި އޮތް ނޮޓިންހަމް ފޮރެސްޓް އަތުން ގަދަފަދަ ލިވަޕޫލް 0-1 އިން ބަލިވެއްޖެ އެވެ.

ނޮޓިންހަމް މެޗަށް ލިވަޕޫލް ނުކުތީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާއި މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެކަމަކު ފޯމު ދަމަހައްޓަން މޮޅެއް ހޯދުން މަޖުބޫރު މެޗުން ބަލިވެ ލިވަޕޫލް މިވަގުތު އޮތީ 16 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ލިވަޕޫލް އަތުން ހޯދި މޮޅާ އެކު ނޮޓިންހަމް ވަނީ ނުވަ ޕޮއިންޓާ އެކު ފުލުން އެއް ދަރަޖަ ކުރިއަށް ޖެހިލާފަ އެވެ.

23 އަހަރަށް ފަހު އިނގިރޭސި އެންމެ މަތީ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ނޮޓިންހަމް އަކީ ކުރިން ޔޫރަޕާއި އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރެކެވެ. އެކަމަކު މި ސީޒަނުގައި އަލުން ލީގަށް އައިސް އެޓީމުގެ ނަތީޖާތައް ދަށެވެ.

ނޮޓިންހަމުން މޮޅު ކުޅުމެއް ދެއްކި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި ހާފުގައި ލިވަޕޫލަށް ނޮޓިންހަމްގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއްނުލެވުނެވެ.

ނޮޓިންހަމްގެ ހަމައެކަނި ގޯލު 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓައިވޯ އަވޯނިޔީ އެވެ. އަވޯނިޔީ އަކީ ލިވަޕޫލްގައި ހަތް އަހަރު ހޭދަކުރުމަށް ފަހު މިދިޔަ އަހަރު އެ ކްލަބް ދޫކޮށްލި ކުޅުންތެރިއެކެވެ. ލިވަޕޫލްގައި ހޭދަކުރި މުއްދަތުގައި ވާދަވެރި އެއްވެސް މެޗެއް ކުޅުމުގެ ފުރުސަތު އަވޯނިޔީ އަކަށް ނުލިބުނެވެ.

މެޗުގެ ފަހު ހާފުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތުގައި ވާޖިން ވެން ޑައިކް ބޮލުން ޖެހި ބޯޅަ ނޮޓިންހަމްގެ ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ ދިފާއުކޮށްފަ އެވެ. ލިވަޕޫލުން ކުރިއަށް ޖެހިގެން ކުޅެނިކޮށް މެޗުގެ ފަހު ވަގުތު ލިބުނު ކައުންޓަ އެޓޭކެއްގައި ނޮޓިންހަމް ކުޅުންތެރިއަކު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ލިވަޕޫލަށް ނޮޓިންހަމްގެ ދަނޑުގައި ލީގު މޮޅެއް އެންމެ ފަހުން ލިބުނީ 1984 ވަނަ އަހަރު އެވެ. ލީގުގެ އަވޭ މެޗަކުން އަނެއްކާ ވެސް ލިވަޕޫލް ބަލިވިއިރު މި ސީޒަނުގެ ލީގުގައި އަވޭ އެއްވެސް މެޗަކުން ލިވަޕޫލް އަދި މޮޅެއްނުވެ އެވެ.