ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ބައެެއް ގެއްލޭ ވަރުގެ ކަމެއް ނިންމައިފި: އީވާ

ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިދާނެ ވަރުގެ ބޮޑު ނިންމުމެއް ސަރުކާރުން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބްބ ރައީސް އަދި އެމްޑީޕީއަށް ނިސްބތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޗާގޮސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި މެންބަރު އީވާ ވިދާޅުވީ ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ފަސްގަނޑުން ނުވަތަ ލޮނުގަނޑުން ވިޔަސް ރާއްޖެއިން ބައެއް ގެއްލޭވަރުގެ ނިންމުމެއް ކަމަށެވެ. އެ ނިންމުން ނިންމުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯދާފައި ނުވާ ކަމަށާއި ރައްޔިތުންނަށް އޭގެ މައުލޫމާތު ލިބިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކިއުއިޑިސްޓެންސް ގޮތަށް އަދި ނިންމި ކަމުގައި ވިޔަސް އިއްޒަތްތެރި ރައީސް އެ ނިންމެނީ މޮރިޝަސް އަތުގައި ނެތް އެއްޗެއް ދޭން. އަޅުގަނޑުމެން އަތުގައި އެބަ އޮތް މޮރިޝަސް އަތުގައި ނެތް އެއްޗެއްް ދޭން އެކިއުއިޑިސްޓެންސްއަށް ބަހާލި ކަމަށް ވިޔަސް އިއްޒަތްތެރި ރައީސް އެ ނިންމެނީ" އީވާ ވިދާޅުވި އެވެ.

ހާރިޖީ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަކަށް ތަންފީޒުކުރަން އޮތް އިހުތިޔާރެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ސަރަހައްދުން ބައެއް ކޮންމެވެސް ދުވަހަކުން ގެއްލިދާނެ ފަދަ ނިންމުމެއްގައި ގޮތެއް ނިންމަންޖެހޭނީ ރައްޔިތުންގެ މަޖިލީހާ މަޝްވަރާކުރުމަށްފަހު ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހާ މަޝްވަރާނުކޮށް މިވަރު ކަމެއް ކުރީމާ ނުތާހިރުސިފަ، އިއްޒަތްތެރި ރައީސް ޖަހަނީ. ނުތާހިރު ސިފަ ޖަހަނީ. މި ދައްކަނީ ވެންޓިލޭޓަރުތަކުގެ ވާހަކައެއް ނޫން" އީވާ ވިދާޅުވި އެވެ.

ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް 2019 ވަނަ އަހަރު ވޯޓުލީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ ކަމަށް ބުނެފައިވާއިރު މިއަދު ވާހަކަ ބަދަލުވެފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. އޭގެ މާނައަކީ ރާއްޖެއިން ބައެއް ގެއްލުނަސް ވަރިހަމަކަން ކަމަށް ވިދާޅުވި އެވެ. އަދި "ޔޫޓާނެއް" ނަގަން ޖެހުނީ ކީއްވެގެންތޯ ވެސް ސުވާލު ކުރައްވާފައިވެ އެވެ.

އީވާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފ. އަތޮޅު ވިއްކާލަން އުޅުމުން އެކަމާ ދެކޮޅަށް އޭރުވެސް އެމްޑީޕީ ނިކުތީ ރާއްޖެއިން ބައެއް ދޫވާތީ ކަމަށެވެ.

ކުއްލި މައްސަލައަށް ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުންވެސް ވަނީ ޗާގޮސްގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.