މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން "އެމްއެންޔޫ ފަހި ފުރުސަތު"ގެ ނަމުގައި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މައުރަޒެއް ބާއްވަން ނިންމައިފި އެވެ.
މިމައުރަޒު ކުރިއަށްދާނީ އަންނަ މަހުގެ 9 އިން 10 އަށް ކޮންމެ ދުވަހަކުވެސް ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް ގައުމީ ޔުނިވަރސިޓީގެ މައި މަރުކަޒުގަ އެވެ.
އެމްއެންޔޫ އިން އިންތިޒާމުކޮށްގެން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މިއަހަރުގެ ޖޫން މަހު ވެސް މިފަދަ މައުރަޒެއް ބާއްވާފައިވެ އެވެ. އެފަހަރުގެ މައުރަޒުގައި 32 ފަރާތަކުން ބައިވެރިވި އެވެ.
މައުރަޒުގެ މަގުސަދުތައް:
- ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށްދެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުން.
- އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވި ހުރި އެކި ކަހަލަ ފުރުސަތުތައް، ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާހައުލެއް އުފެއްދުން.
- ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުސަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމާއި އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން.
- ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް ބޭނުންވާ ފުރުސަތުތައް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާހައުލެއް އުފެއްދުން.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވައިދޭ ބާޒާރެކެވެ.
މިފަހަރުގެ ޝިއާރަކީ "ފުރާތަ – މުޖުތަމައަށް އަނބުރާ ދިނުން" ނުވަތަ ގިވިން ބެކް ޓު ސޮސައިޓީ އެވެ.