ފިނިޕޭޖް

ޓިމް ބާޓަން ޑިޒްނީއަށް ފިލްމު ހެދުން ހުއްޓާލައިފި

ޑިޒްނީގެ އެއްވެސް ފިލްމެއް މީގެ ފަހުން ޑައިރެކްޓް ކުރުމުގެ ހިޔާލު ނެތްކަމަށް ޓިމް ބާޓަން ބުނެފި އެވެ.

ޓިމް ޑިޒްނީއަށް އެންމެ ފަހުން ހަދާފައިވަނީ 2019 ގައި ނިކުތް "ޑަމްބޯ" އެވެ.

ފްރާންސްގެ ލަޔަންގައި އޮތް ލުމިއަ ފެސްޓިވަލްގައި ވާހަކަ ދައްކަމުން ޓިމް ބުނީ އޭނާގެ މާޒީ ޑިޒްނީން ފަށައި، އެކި ފަހަރު މަތިން ވަޒީފާ ލިބި އަދި ވަކި ކޮށްފައިވާ ކަމަށެވެ.

ފިލްމީ ދުނިޔެ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ޑިޒްނީއާ ގުޅިގެން މަސައްކަތް ކުރުމަކީ އޭނާއަށް ހަމަޖެހޭ ކަމެއް ނޫން ކަމުގައިވެސް ޓިމް ބުންޏެވެ.

"ޑަމްބޯ ހެދިއިރު އަހަރެންނަށް އިހްސާސްކުރެވުނީ އަހަރެންނަކީވެސް ޑަމްބޯ ގޮތަށް ބޮޑު ގޯސް ސާކަސްއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށް. އަދި އޭގެން ސަލާމަތްވާންޖެހޭ ކަމަށް". ޓިމް ބުންޏެވެ.

ޓިމް ބާޓަންގެ ކެރިއާ ފެށީ ޑިޒްނީ ސްޓޫޑިއޯގައި ކާޓޫން އެނިމޭޓް ކުރާ މީހެއްގެ ގޮތުގައެވެ.

އޭނާ ވަނީ އެނިމޭޓާ، ސްޓޯރީބޯޑް އާޓިސްޓް، ގްރެފިކް ޑިޒައިނާ، އާޓް ޑައިރެކްޓާ އަދި ކޮންސެޕްޓް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ޓިމް "ފްރެންކެންވީނީ" ހެދުމުން އެއީ ކުޑަކުދިންނަށް އެކަށީގެންވާ ވަރަށްވުރެ ބިރުވެރި ފިލްމެއް ކަމަށް ބުނެ، ޑިޒްނީ އިން ޓިމް ވަކިކުރި އެވެ.

ނަމަވެސް ޕޯލް ރޫބަންސްއަށް އެ ފިލްމް ކަމުގޮސް، "ޕީވީ ހަމަން" ފިލްމް ހެދުމަށް ޓިމްއާ ގުޅުނެވެ. އަދި މި ފިލްމުވީ ކުޑަ ބަޖެޓަކުން ހެދި ވަރަށް ކާމިޔާބު ފިލްމަކަށެވެ. އެއަށްފަހު "ބީޓްލްޖޫސް"، "ބެޓްމޭން" ގެ ދެ ފިލްމް، "އެޑްވަޑް ސިޒާހޭންޑްސް"، "އެޑް ވުޑް"، "ސްލީޕީ ހޮލޯ"، "ބިގް ފިޝް"، "ކޯޕްސް ބްރައިޑް"، "ޕްލެނެޓް އޮފް ދި އޭޕްސް" ފަދަ ފިލްމް ޓިމް ހަދާފައިވެ އެވެ. އަދި ޑިޒްނީއަށްވެސް ބައެއް ފިލްމް ޑައިރެކްޓް ކުރި އެވެ.

ޓިމްގެ ގިނަ ފިލްމްތަކުގައި ބިރުވެރި ފާޑެއްގެ "ގޮތިކް" ސްޓައިލެއް ގެންގުޅެ އެވެ. އަދި ޖޮނީ ޑެޕް، ހެލީނާ ބޮންހަމް-ކާޓާ، ލީޒާ މާރީ ފަދަ ތަރިންނާއެކު ވަނީ ގިނަ ފިލްމުތައް ހަދާފަ އެވެ.

ޓިމް އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވަނީ ދި އެޑަމްސް ފެމިލީގެ ވެންސްޑޭ އެޑަމްސްގެ ނެޓްފްލިކްސްގެ ސްޕިން އޮފް "ވެންސްޑޭ" ސީރީޒެވެ.