އިނގިރޭސި އާ ބޮޑުވަޒީރު ރިޝީ ސުނަކްގެ ޒައާމަތުގައި އިނގިރޭސީންނާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ރިޝީ ސުނަކަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އިނގިރޭސިވިލާތަށް ހެޔޮ ބަދަލުތައް ގެންނެވުމަށް ރިޝީ ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ވެގެން ދިއުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެ ގައުމަށް މުހިއްމު މައްސަލަތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް އުއްމީދު ކުރައްވާ ކަމަށެވެ.
އުމުރުފުޅުން 42 އަހަރުގެ ރިޝީ އަށް އިނގިރޭސި ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ލިޒް ޓްރަސް އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ތެރެއިން ބޮޑުވަޒީރު ކަމަށް ހުޅުވާލި ފުރުސަތުގައި އޭނާއާ ވާދަކުރެއްވުމަށް ތިއްބެވި ބޭފުޅުން އެ ފުރުސަތު ދޫކޮށްލެވުމާ ގުޅިގެން ވާދަވެރި އިންތިހާބަކަށް ނުގޮހެވެ.
ރިޝީ ސުނަކްގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެވާނެ ކަމަށް ވިދާޅުވީ އިނގިރޭސި އިގްތިސާދު ރަނގަޅު ކުރުމަށެވެ. އަދި ކޮންޒަވޭޓިވް ޕާޓީ އެކަތިގަނޑެއް ގޮތުގައި ބަދަހިކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރިޝީގެ ސަރުކާރެއްގައި ނަޒާހަތްތެރިކަމާއި ޕްރޮފެޝަނަލިޒަމް އަދި ޖަވާބުދާރީވުން އޮންނާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.