ފިނިޕޭޖް

ޝެކީލް އޯ ނީލްގެ ހަޔާތަށް ޑޮކިއުސީރީޒެއް

އެމެރިކާގެ ހުނަރުވެރި ބާސްކެޓްބޯލް ތަރި ޝެކީލް އޯ'ނީލްގެ ހަޔާތަށް "ޝެކް"ގެ ނަމުގައި ޑޮކިއުސީރީޒެއް ހަދަނީ އެވެ.

އެޗްބީއޯއިން ހަދާ ހަތަރު ބައިގެ މި ސީރީޒް ޑައިރެކްޓް ކުރާނީ ރޮބާޓް އެލެކްޒޭންޑާ އެވެ.

މި ސީރީޒްގައި އުމުރުން 50 އަހަރުގެ ޝެކީލްގެ ކެރިއާ އަދި އަމިއްލަ ދިރިއުޅުމާއި ޒަވާޖީ ހަޔާތްވެސް ދައްކާނެ އެވެ. މިގޮތުން މި ޑޮކިއުސީރީޒްގައި ބާސްކެޓްބޯލް ކޯޓުން ކުރިއަރަމުންގޮސް ހޯދި ކާމިޔާބީތަކާއި މުހިއްމު ހިނދުކޮޅުތައް ދައްކާއިރު، ޝެކީލްގެ މަންމައާއި މިލިޓަރީ ދޮންބައްޕަގެ ބެލުމުގެ ދަށުން އުޅެ ބޮޑުވިގޮތާއި އެންމެ ފުން ޒާތީ ގުޅުންތަކާއި ކާމިޔާބު ބްރޯޑްކާސްޓް އަދި ވިޔަފާރި ކެރިއަރުތައްވެސް ގެނެސްދޭނެ އެވެ.

ކައިރިން ބާސްކެޓްބޯލް ޑަންކްކޮށް ސްކޯކުރުމަށާއި ހޫކް ޝޮޓްސްއަށް މަޝްހޫރު ޝެކީލްގެ 19 އަހަރުގެ ކެރިއަރުގައި އެކި ޓީމަށް ކުޅެ، ހަތަރު ފަހަރު އެންބީއޭ ޗެމްޕިއަންކަން ހޯދައި، "މޯސްޓް ވެލިއުއަބަލް ޕްލޭޔާ"ގެ ޝަރަފް އެތައް ފަހަރަކު ލިބިފައިވެ އެވެ. އަދި އެންބީއޭގެ 75 ވަނަ އަހަރީ ދުވަހުގެ ޓީމަށްވެސް ހޮވާފައިވެ އެވެ.

ބާސްކެޓްބޯލް ކުޅުން ހުއްޓާލުމަށްފަހު ޝެކީލް ވަނީ ހަތަރު ރެޕް އަލްބަމް ރިލީޒްކޮށް، ފިލްމު އަދި ސީރީޒްތައް ކުޅެފަ އެވެ. އެކި ޕްރޮޑަކްޓްތައް އެންޑޯސްކުރުމުގެ އިތުރުން، ޝެކީލް ވަނީ ކުންފުނިތަކުގެ ސްޓޮކް ގަނެ، މޯގޭޖް ނުދެއްކޭ މީހުންގެ ގެ ގަނެ، އެމީހުންނަށް ރަނގަޅު އަގެއްގައި އަލުން އެ ގެ ވިއްކާ، ކްރިސްޕީ ކްރީމް އަދި ޕާޕާ ޖޯންސް ކުންފުންޏާ ވިޔަފާރީގެ ގޮތުން ގުޅިފަ އެވެ.

ޝެކީލް ބުނީ މި ޑޮކިއުސީރީޒް އިން މިހާތަނަށް އޭނާގެ ކެރިއާ އަދި ހަޔާތް އެންމެ ހަގީގީކޮށް ފެންނާނެ ކަމަށެވެ. އަދި އޭނާއަށް އަމިއްލަ ހަޔާތަށް ބަލައި، ޕަބްލިކްކޮށް ޝުއޫރުތައް ފާޅުކުރާނެ ފުރުސަތު ލިބުނު ކަމަށާއި މި ޑޮކިއުސީރީޒް ހެދުމުގައި ހަރަކާތްތެރިވި އެންމެންގެ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށްވެސް ޝެކް ބުންޏެވެ.

އެޗްބީއޯއިން "ޝެކް" ދައްކަން ފަށާނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.