އިރާނާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން އަޅަފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި އެވެ. މިއީ ހުޅަނގުގެ ބައެއް ގައުމުތަކުން އީރާނާއެއްކޮށް ހެދި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އެޅި ފިޔަވަޅެކެވެ.
އެގޮތުން އިރާނުންވަނީ މިދޔަ ޖުލައި މަހު ދުނިޔޭގެ ހަބާރުގެ ގޮތުގައި ބެލެވޭ ގައުމުތަކާއެކު އިރާނުގައި އުފައްދައި ނިއުކްލިއަ ހަރަކާތްތައް މަދުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އިރާނަށް ނިއުކްލިއަ އުފެއްދުމުގެ ގާބިލްކަން ނެތްކަން އެގައުމުތަކަށް ކަށަވަރު ކުރެވޭނެ އެވެ. އަދި މިއެއްބަސްވުމުގެ ބަދަލެއްގެ ގޮތުން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމގެ ފިޔަވަޅު އުވާލަން ނިންމާފަ އެވެ.
މި ފިޔަވަޅު އުވާލުމުން އިރާނަށް އެގައުމުގައި އުފައްދާ ތެޔޮ ދުނިޔޭގެ ބާޒާރުތަކަށް ވިއްކައި އަދި ބޭރުގައުމު ތަކުގައި ފްރީޒްކޮށްފައިވާ ބޭންކް އެކައުންޓްތައްވެސް ބޭނުން ކުރެވޭނެ އެވެ.
އީރާނުން އުފައްދާ ތެޔޮ ދުނިޔޭގެ ބަޒާރަށް އަނެއްކާ ވެސް ތައާރަފް ކުރުމުން ތެލުގެ އަގު އިތުރަށް ދައްވާނެ ކަމަށް ލަފާކުރެވެ އެވެ.
އެގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އެގައުމަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ހަސަން ރޫހާނީ ވިދާޅުވި އެވެ.
މިއީ އެމެރިކާ އަދި އީރާންގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެކެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ބުނެ އެމެރިކާއިން މީގެކުރިން ވަނީ އީރާނާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އޭރުވެސް އީރާނުން ބުނަމުން ދިޔައީ އެ ގައުމުން ބޭނުންވަނީ ނިއުކްލިއާ ހަކަތަ އުފެއްދުމަށް ކަމަށެވެ.