ފިނިޕޭޖް

"ހައުސް އޮފް ޑްރޭގަން"ގެ ސީޒަން ފިނާލޭ ލީކްކުރި މައްސަލަ ބަލަނީ

"ގޭމް އޮފް ތްރޯންސް"ގެ ސްޕިން އޮފް "ހައުސް އޮފް ޑްރޭގަން"ގެ ސީޒަން އެކެއްގެ ފިނާލޭ މިމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރުމުގެ ކުރިން އޮންލައިންކޮށް ލީކުރި މައްސަލަ ބަލަމުންދާ ކަމަށް އެޗްބީއޯއިން ބުނެފި އެވެ. މި ފިނާލޭއަކީ ފޭނުން ބެލުމަށް ކެތްމަދުވެފައިވާ އެޕިސޯޑެކެވެ.

އެޗްބީއޯގެ ތަރުޖަމާނެއް ބުނި ގޮތުގައި ލީކް ކޮށްފައިވަނީ ޔޫރަޕް، މިޑްލް އީސްޓް ނޫނީ އެފްރިކާގެ ޑިސްޓްރިބިއުޝަން ޕާޓްނަރެކެވެ.

"އެޗްބީއޯއިން މިކަން ވަރަށް ހަރުކަށިކޮށް މޮނީޓާކޮށް، ލީކްކޮށްފައިވާ ކޮޕީތައް އިންޓަނެޓުން ނަގަމުން ދާނެ. މި ގައިވާދާ ހިލާފު އަމަލާ ގުޅިގެން، އެޗްބީއޯ އަދި އެޗްބީއޯ މެދުވެރިކޮށް 4ކޭ ކޮލިޓީގައި އާދިއްތަ ދުވަހު ފޭނުންނަށް މި އެޕިސޯޑް ބެލުމުގެ ތަޖުރިބާއަށް ފުށުއަރާފައިވާތީ، އެކަމާމެދު އެޗްބީއޯއިން ހިތާމަކުރަން."

މިއީ އެޗްބީއޯއަށް އާ ކަމެއް ނޫނެވެ. "ގޭމް އޮފް ތްރޯންސް" އަށް ވެސް މި މައްސަލަ ކުރިން ކުރިމަތިވެފައިވެ އެވެ.

ސީރީޒްތައް ރަސްމީކޮށް ރިލީޒް ކުރުމުގެ ކުރިން އެޗްބީއޯއިން ކުރީގައި މީޑިއާތަކަށް ސީރީޒްތައް ދައްކާލަ އެވެ. ނަމަވެސް ލީކް ކުރާ މައްސަލަ ބޮޑުވުމާ ގުޅިގެން މީޑިއާތަކަށް އެގޮތަށް ދެއްކުންވެސް އެޗްބީއޯ އިން މިހާރު ވަނީ ހުއްޓާލާފަ އެވެ. އެޗްބީއޯގެ ބައެއް ސީރީޒްތައް ގަވައިދާ ހިލާފަށް އަދި ސައްހަ ސައިޓްތަކުގައި ވެސް އެޗްބީއޯގެ ރިލީޒް ޝެޑިއުލްއަށް ވުރެ ކުރިން ބައެއް ފަރާތްތަކުން ކުރިން ރިލީޒް ކުރި އެވެ.

މީގެ އެއް މިސާލަކީ ސީޒަން އަށެއްގެ އެޕިސޯޑްތައް ޓީވީން ދެއްކުމުގެ ކުރިން ގަވައިދާ ހިލާފް ސައިޓްތަކުގައި ރިލީޒްކުރުމުގެ އިތުރުން ޑައިރެކްޓީވީ ނައު އަދި އެމެޒޯން ޕްރައިމްގެ ޖަރުމަން ސައިޓްގައި ރިލީޒްކުރި އެވެ.

"ހައުސް އޮފް ޑްރޭގަން" އަކީ "ގޭމް އޮފް ތްރޯންސް"ގެ ތަހުތު ހޯދުމަށް ހައުސް އޮފް ޓޭގަރިންގެ ތެރޭގައި ހިނގި ދާހިލީ ސިޔާސީ ކުޅިވަރުގަނޑާއި ހަނގުރާމައިގެ ފެށުން ދައްކައިދޭ ސީރީޒެކެވެ. ކިންގް ވިސޭރީސް މަރުވުމުން، އެންމެންވެސް ވަނީ ކުއީން އެލިސެންޓާއި "ގްރީންސް"ގެ ކޮޅަށް ނޫނީ ޕްރިންސަސް ރެނީރާ، ޑޭމަން އާއި "ބްލެކްސް"ގެ ކޮޅު ހިޔާރުކޮށްފަ އެވެ.

ސީޒަން އެކެއްގެ ލީކް ވި ފިނާލޭގައި ޑްރޭގަންސްތައް ދިރިހުރުމަށް ހުރިހާ ބާރެއް ބޭނުންކޮށްގެން ހަނގުރާމަ ކުރާތަން ފެނުނެވެ.