ގެސްޓް ހައުސްތައް

ޓެކްސް ބޮޑުކޮށްފިނަމަ ގެސްޓްހައުސްތަކަށް ގެއްލުންވާނެ

ހުޅުމާލޭގައި ހުރި ގެސްޓްހައުސްތަކެއް. ޓެކްސް ބޮޑުކޮށްފި ނަމަ ގެއްލުންވާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ބުނެފަ---ފޮޓޯ: އަވަސް
0%
0%
0%

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކޮށްފިނަމަ ގެސްޓްހައުސްތަކަށް ގާތްގަނޑަކަށް 20 އިންސައްތައިގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފި އެވެ.

ޓެކްސް ބޮޑުކުރުމުގެ އިސްލާހާ ގުޅިގެން މުޅި މަޖިލީހުގެ މިއަދުގެ ކޮމިޓީގައި ގެސްޓްހައުސް އެސޯސިއޭޝަންގެ ފަރާތުން ފައިނޭންޝަލް ކޮންޓްރޯލާ ހަސަން އަލި މަނިކު އާއި އެ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރު އަހްމަދު ވަހީދު ބައިވެރިވި އެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ޓީޖީއެސްޓީ ބޮޑުކޮށްފިނަމަ ގާތްގަނޑަކަށް 20 ނުވަތަ 25 އިންސައްތައިގެ އުނިކަމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ކޮމިޓީގައި ބުނީ ގެސްޓްހައުސްތަކުގެ ކޮޓަރިތަކުގެ އާންމު ރޭޓަކީ 50 ޑޮލަރާއި 65 ޑޮލަރާއި ދެމެދުގެ އަގުތަކެއް ކަމަށާއި އެއީ އޯލް އިންކްލޫސިވް ނުވަތަ ޓެކްސް އޭގެ ތެރޭގައި ހިމެނޭ ރޭޓްތަކެއް ކަމަށެވެ.

ކޮޓަރިއެއްގެ ހަރަދުން 12 އިންސައްތައިގެ ޓެކްސް އާއި އެހެނިހެން ހަރަދުތައް ކެނޑިގެންދާ ކަމަށާއި ހަރަދަށް ގާތްގަނޑަކަށް 40 ޑޮލަރު ކެނޑޭ ކަމަށް ވިދާޅުވި އެވެ.

ޓެކްސް ނެގުމަކީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް މި ވަގުތަކީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތުތޯ އެ އެސޯސިއޭޝަނުން ވަނީ ސުވާލު އުފައްދާފަ އެވެ. ރިސޯޓްތަކާއި ތަފާތުކޮށް މިހާރު އޮތް ގޮތަށް ގެސްޓްހައުސްތަކަށް 12 އިންސައްތައިގައި ޓީޖީއެސްޓީ ބާއްވައިދިނުމަށް އެ އެސޯސިއޭޝަނުން އެދިފައިވެ އެވެ.

ކޮމިޓީގައި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ގެސްޓްހައުސްތަކާއި ރިސޯޓުތަކުގެ ކޮޓަރިތައް ދުރާލާ ވިކިފައި ހުންނަކަން ފާހަގަކޮށްފަ އެވެ. ގާނޫނު ފާސްވެއްޖެނަމަ ޖެނުއަރީގައި ޓެކްސް ނަގާއިރު އުނދަގޫތަކެއް ދިމާވާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ ޖީއެސްޓީ ހަ އިންސައްތަ އިން އަށް އިންސައްތަ އަށް އަދި ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910