އީޕީއޭ

ހޮޅި ނެގުމުގެ މަސައްކަތް ދަނީ ކުރަމުން: އީޕީއޭ

ސިނަމާލެ ބްރިޖް ހެދިއިރު ކަނޑަށް ވައްޓާލައިފައި އޮތް ދަގަނޑު ހޮޅި އެތަނުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ އެސިސްޓެންޓް ލީގަލް އޮފިސަރު އައިޝަތު އަމްޖިދާ ވިދާޅުވީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރިއިރު އެ ސަރަހައްދަށް ދަގަނޑު ހޮޅިއެއް ވައްޓާލާފައި އޮތް ކަމަށާއި، އެ ހޮޅީގެ ސަބަބުން ފަރަށް ގެއްލުން ވަމުންދާ ކަމަށް މިމަހުގެ 23 ވަނަ ދުވަހު އެ އޭޖެންސީއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މައްސަލަ ހައްލުކުރުމުގެ ގޮތުން 30 ދުވަސް ތެރޭ ހޮޅި އެތަނުން ނެގުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑެ އިންފްރާސްޓްރަކްޗަރާއި ހަވާލުކޮށްފައިވާ ކަމަށްވެސް އަމްޖިދާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހޮޅި ނެގުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފިން. ހޮޅި ނެގުމާއެކު ފަރަށް ލިބިފައި ހުރި ގެއްލުންތައް ދެނެގަތުގެ މަސައްކަތްވެސް ފަށާނަން" އަމްޖިދާ ވިދާޅުވި އެވެ.

މީގެ އިތުރުން ބްރިޖްގެ މަސައްކަތް ކުރިއަށް ދިޔަ ގޮތާއި، ދަގަނޑު ހޮޅިއެއް އެ ސަރަހައްދަށް ވެއްޓެން މެދުވެރިވީ ކިހެނެއްކަން ވެސް އީޕީއޭ އިން ބަލާނެކަމުގެ ޔަގީންކަން އަމްޖިދާ ދެއްވި އެވެ.

"އެ ސަރަހައްދަކީ ރާޅާ އަޅާ ސަރަހައްދަކަށް ވުމަށް ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރެވެން ފެށީމަވެސް އެކަމަށް ސަމާލުވެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އަންގާފައިވާނީ،" އޭނާ ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖް ސަރަހައްދުގެ ކަނޑު އަޑީގައި އޮތް ދަގަނޑު ހޮޅި ފެންނަ ވީޑިއޯތަކާއި ފޮޓޯ ހިއްސާކުރަމުން ކުރި ޓްވީޓެއްގައި ރާޅާ އަޅާ ޒުވާނަކު ބުނެފައިވަނީ މިވަގުތު ޒުވާން ރާޅާއެޅުންތެރިން ކުރިއަށް އޮތް ގައުމީ ޖޫނިއާ ޗެމްޕިއަންޝިޕަށް ފަރިތަ ކުރަމުންދާއިރު އެ ހޮޅި އޮތީ ރާޅާ އަޅަން ފަށާ ހިސާބުގައި ކަމަށެވެ.

"މި ހޮޅީގެ ސަބަބުން ކުއްޖަކަށް އަނިޔާއެއް ވެސް ލިބިދާނެ. މި ދަގަނޑު ހޮޅީގެ ސަބަބުން ފަރު ހަލާކުވަމުންވެސް އެބަދޭ،" އޭނާ ބުނެފައިވެ އެވެ.