ފިނިޕޭޖް

ޖޭމްސް ކެމެރަން ޑީސީ އަދި މާވެލް ފްރެންޗައިޒްތަކަށް ފާޑު ކިޔައިފި

އެވެޓާގެ ޑައިރެކްޓަރު ޖޭމްސް ކެމެރަން ޑީސީ އަދި މާވެލް ސްޓޫޑިއޯގެ ފްރެންޗައިޒްތަކަށް ފާޑު ކިޔައިފި އެވެ.

ޖޭމްސް ކެމެރަން ނޫނަސް އެހެން މީހުންވެސް ވަނީ އެހާ އަވަސް އަވަހަށް ނެރެމުންދާ ގިނަ ސުޕަހީރޯ ފިލްމުތަކާ މެދު ފާޑުކިޔާފަ އެވެ.

ޖޭމްސް، ނިއު ޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޑީސީ އަދި މާވެލް ކެރެކްޓަރުތަކުގެ މެޗޫރިޓީ-ލެވެލް ދަށްކަމާމެދު ފާޑުކިޔާފައިވެ އެވެ. އެގޮތުން އޭނާ ބުނީ ޑީސީ އަދި މާވެލްގެ ކެރެކްޓަރުންތައް ކިތަންމެ އުމުރުން ބޮޑަސް، އެމީހުންގެ އުޅުން ހުންނަނީ ކޮލެޖުގައި އުޅޭ ކުދިން ގޮތަށް ކަމަށެވެ.

ޖޭމްސް ބުނީ އެ ކެރެކްޓަރުންގެ ލޯބީގެ އަދި އެހެނިހެން ގުޅުންތައް ހުރިނަމަވެސް އެއީ ހަގީގީ ގުޅުމެއް ނޫން ކަމަށާއި ލޯތްބާއި ބާރާއި މަގުސަދު އެ ކެރެކްޓަރުން އިހްސާސް ނުކުރާ ކަމަށާއި އޭނާގެ ރައުޔުން އެއީ ފިލްމު ހަދާގޮތް ނޫން ކަމަށް ބުންޏެވެ.

މީގެ ކުރިން މާޓިން ސްކޯސޭސީވެސް މާވެލްގެ ފިލްމްތަކަށް ފާޑުކިޔެވެ. މާޓިން ބުނީ މާވެލްގެ ފިލްމުތަކުގައި އާޓިސްޓިކް އެކްސްޕްރެޝަންގެ ބަދަލުގައި ހީވަނީ ތީމްޕާކެއް ފެންނަހެން ކަމަށެވެ.

ޖޭމްސް ކެމެރަންގެ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ވަނީ މިއަަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރުމަށް ނިންމާފަ އެވެ.