ރާއްޖެ ކުޅިވަރު

ނިއުއާ ދެކޮޅަށް ނުކުންނައިރު ދަގަނޑޭ އަށް ތަފާތު އިހުސާސްތަކެއް

އަލީ އަސްފާގް (ދަގަނޑޭ) އަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ލެޖެންޑެކެވެ. ފަހުގެ ތާރީހުގައި އެ ކްލަބުން ހޯދި އެންމެ ބޮޑު ކާމިޔާބީތަކުގައި އެންމެ މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއާ އެވެ. ނިއުގެ ސަޕޯޓަރުންގެ މެދުގައި މަގްބޫލު ކުޅުންތެރިއެކެވެ. އެކަމަކު ޕީޕަލްސް ކަޕްގައި މިރޭ ނިއު އާއި މެލެޝިއާގެ ޕީޑީއާރްއެމް ބައްދަލުކުރާއިރު، ނިއުގެ ސަޕޯޓަރުން "ހީރޯ" ނުކުންނާނީ އެ ކްލަބާ ދެކޮޅަށެވެ. މިއީ ދަގަނޑޭ އާއި ނިއު އަށް ވެސް ހާއްސަ މެޗަކަށް ވެގެންދާނެ އެވެ.

މިދިޔަ އަހަރު ދަގަނޑޭ މެލޭޝިއާގެ ޕީޑީއާރްއެމް އަށް ބަދަލުވީ 2013 ވަނަ އަހަރު ނިއުއާއެކު ބޮޑު ކާމިޔާބީއެއް ހޯދުމަށް ފަހު އެވެ. ނިއުގައި ހޭދަކުރި ދުވަސްތަކުގެ މަތިން ދަގަނޑޭ ހަނދާނެއް ނުނެތެވެ. އެހެންކަމުން މިރޭ ނިއުއާ ދެކޮޅަށް ކުޅެން ޖެހުމަކީ ދަގަނޑޭ އަށް ތަފާތު އިހުސާސްތަކެއް ކުރެވޭ ކަމެކެވެ. ގާތް ރަހުމަތްތެރިންތަކެއް ހިމެނޭ ނިއުއާ ދެކޮޅަށް، ބިދޭސީ ޓީމަކަށް ކުޅުމަކީ ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް ދަގަނޑޭ ވެސް ގަބޫލްކުރެ އެވެ.

"ވަރަށް އުފާވޭ. އެއީ ވަރަށް ގިނަ ދުވަސްކޮށްފައި އަނެއްކާ ވެސް ގަލޮޅު ދަނޑުގައި، ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވޭތީ،" މެޗުގެ ކުރިން "އަވަސް" އާ ވާހަކަދައްކަމުން ދަގަނޑޭ ބުންޏެވެ. "އެކަމަކު ދެރަވެސްވޭ ނިއުއާ ދެކޮޅަށް ކުޅެންޖެހޭތީ. އެއީ ރާއްޖޭގައި އެންމެ ފަހުން ކުޅުނު ސީޒަންގައި ނިއުއާއެކު ވަރަށް ބޮޑު ކާމިޔާބީތަކެއް ލިބުނު. ކްލަބު މެނޭޖްމަންޓާއި ސަޕޯޓަރުން ވެސް ވަރަށް ރަނގަޅު."

ދަގަނޑޭ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން މިރޭގެ މެޗުގެ ފެށުމުގެ ކުރިން އޭނާ އަށް "ގާޑް އޮފް އޮނާ" އެއް ދިނުމަށް ނިއު އިން ވަނީ ނިންމައިފަ އެވެ.

ދަގަނޑޭ ބުނީ ނިއުގެ މެނޭޖްމަންޓާއި ސަޕޯޓަރުންނަށް އޭނާ އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށެވެ.

"އަޅުގަނޑު ނިއުގައި ހޭދަކުރި ދުވަސްތަކުގައި ކްލަބުގެ މެނޭޖްމަންޓާއި ސަޕޯޓަރުން ވަރަށް ރަނގަޅަށް ކަންތައްތައްކޮށްދިނީ. ކްލަބުގެ ޗެއާމަން އަލީ ވަހީދާއި މެނޭޖްމަންޓްގެ އެހެން އޮފިޝަލުން އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން،" ދަގަނޑޭ ބުންޏެވެ.

ދަގަނޑޭ އެންމެ ފުރަތަމަ ނިއު އަށް ކުޅުނީ 2006 ވަނަ އަހަރެވެ. ނިއު އިން އެ އަހަރު ފުރަތަމަ ފަހަރަށް ދިވެހި ލީގު ކާމިޔާބުކުރިއިރު، އެ ކާމިޔާބީގައި ދަގަނޑޭގެ ހިއްސާ ބޮޑެެވެ. ދެވަނަ ފަހަރަށް 2012 ވަނަ އަހަރު ނިއު އަށް ބަދަލުވެ އެ ކްލަބާއެކު ހޭދަކުރި ފުރަތަމަ ސީޒަންގައި އެ ކްލަބާއެކު ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ދަގަނޑޭ ކާމިޔާބުކުރި އެވެ. ޖެހިގެން އައި އަހަރު ވެގެންދިޔައީ ނިއުގެ ތާރީހުގައި އަދި ދަގަނޑޭގެ ކެރިއަރުގަައި ވެސް އެންމެ ކާމިޔާބު އަހަރަށެވެ. އެ އަހަރު ނިއު އިން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސީޒަންގެ ތިން މުބާރާތް ކާމިޔާބުުކުރި އެވެ. އަދި އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދި އެވެ. ދަގަނޑޭ ވަނީ އެ ސީޒަންގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އަށް ދޭ ރަންބޫޓުގެ މަގާމު ހޯދައިފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ކާމިޔާބު ސީޒަނަށް ފަހު ދަގަނޑޭ ނިއު ދޫކޮށް ޕީޑީއާރްއެމް އަށް ބަދަލުވެފަ އެވެ.

ދަގަނޑޭ ބުނީ ޕީޑީއާރްއެމް އޮތީ ޕީޕަލްސް ކަޕަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ރަނގަޅު ކާމިޔާބަކަށް އުންމީދުކުރާ ކަމަށެވެ.

"ޕީޑީއާރްއެމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ހުރިހާ ކުޅުންތެރިން ވެސް ބޭނުންވޭ މި މުބާރާތް ކާމިޔާބުކުރަން. ހާއްސަކޮށް އަޅުގަނޑު ހުރީމަ، ރާއްޖޭގައި ކުޅޭ މުބާރާތުން ރީތިނަމެއް ހޯދަން ކްލަބުން ބޭނުންވޭ،" ދަގަނޑޭ ބުންޏެވެ.

ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އިއްޔެ ވިދާޅުވީ ދަގަނޑޭ އަށް އެ ކްލަނު

"އަޅުގަނޑުމެންނަށް ވެސް ހާއްސަ މެޗެއް މިއީ. ދަގަނޑޭ އަށް ދޭންޖެހޭ ފުލް ރެސްޕެކްޓް އަޅުގަނޑުމެން ދަނޑުމަތީގައި ދަގަނޑޭ އަށް ދޭނަން. އެކަމަކު އަޅުގަނޑުމެން މާދަމާ ރޭ ނުކުންނާނީ ޕީޑީއާރްއެމް ބަލިކުރަން،" ބަލަކް ވިދާޅުވި އެވެ.

މި މުބާރާތުގައި މިރޭ ޕީޑީއާރްއެމް އާއި ނިއު ބައްދަލުކުރާ މެޗު ފަށާނީ މިރޭ 2100ގަ އެވެ. މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ސިންގަޕޫރުގެ ލަޔަންސް ޓުވެލް އެވެ.