ލައިފްސްޓައިލް

ފިރިމީހާ މަރުވީ އާ ބައިވެރިޔަކު ހޯދައިދީފައި

ޑިއޭޑްރޭ ފެގަން އަކީ މުސައްނިފެކެވެ. ފެގަންގެ ފުރަތަމަ ކައިވެންޏަކީ ކައިވެނީގެ ހުރިހާ އުފަލެއް ފުރިހަމައަށް ލިބިފައިވި ކައިވެންޏެކެވެ. ނަމަވެސް ދެވަނަ ކައިވެނި ބިނާވެފައި އޮތީ ރަހުމަތްތެރި ކަމަށެވެ.

އެމެރިކާގެ ނިއުޔޯކްގައި ދިރިއުޅޭ ބޮބް އާއި ފެގަން ބައްދަލުވީ އަލްބާނީ ޔުނިވަސިޓީގައި ކިޔެވި ދުވަސްވަރު އެވެ. ދެ މީހުންނަކީ ވަރަށް ގުޅޭ މިޒާޖެއްގެ ދެ މީހުންނަށް ވާތީ ފުރަތަމަ ބައްދަލުވުމުން ވެސް އެކަން އެމީހުންނަށް އިހްސާސްވި އެވެ. އަދި އިސާހިތަކު އެ ގުޅުން ލޯތްބަށް ބަދަލުވެ ކައިވެނި ކުރި އެވެ. ނަމަވެސް މި އުފާވެރި ކައިވެނީގައި އެމީހުންނަށް ދިރިއުޅެވުނީ އެންމެ 10 އަހަރު އެވެ.

އޭއެލްއެލް ކިޔާ ނުރައްކާތެރި ބައްޔެއް ބޮބް އަށް ޖެހިފައިވާކަން 2011ގައި އެނގުނު ހިސާބުން ދެމަފިރިންގެ އުފާވެރި ހަޔާތަށް ބޮޑު ތޫފާނެއް އައެވެ.

އެމިއޯޓްރޮފިކް ލެޓްރަލް ސްކްލޯރެސިސް (އޭއެލްއެސް)އަކީ "މަރުބައްޔެ"ކެވެ. ބޮބް އަށް މި ބަލި ޖެހުނުކަން އެނގުނުއިރު އޭނާގެ އުމުރުން 43 އަހަރެވެ.

ފެގަންގެ މަންމަ އާއި އެއްބަނޑު އެއްބަފާ ކޮއްކޮ އޭގެ އެތައް އަހަރެއް ކުރިން ކާރު އެކްސިޑެންޓެއްގައި ވަނީ މަރުވެފަ އެވެ. ބޮބް އާއި އެ ދެމަފިރިންގެ ދެ ކުދިން ފިޔަވައި އޭނާގެ އާއިލާގެ އެއްވެސް މީހަކު ދުނިޔެއަކު ނެތެވެ. އެހެންވެ މި ނުރައްކާތެރި ބަލި ޖެހުމުން ބޮބް އަށް އެންމެ ގިނަ ދުވަހުވެސް ދުނިޔޭގައި ހުރެވޭނީ އަހަރެއްހާ ދުވަހުކަން އެނގުމާއެކު ފެގަންގެ މުޅި ދުނިޔެ ކުދިކުދިވި ކަހަލަ އެވެ. އޭނާއަށް އިހްސާސްވީ ކާރުގައި ބޮބް ދަނިކޮށް ބޮޑު އެކްސިޑެންޓެއް ހިނގައި ކުއްލިއަކަށް މަރުވީމަ ކުރެވޭ ކަހަލަ އިހްސާސެކެވެ.

ބޮބްގެ ބަލި އެނގުނު ހިސާބުން ފެގަން އަށް ނުކެވެން ފެށި އެވެ. ރަލާއި ސިނގިރޭޓަކީ އޭނާގެ އެކުވެރިންނަށް ވެއްޖެ އެވެ. ބާކީ ހުރިހާ ވަގުތު އޭނާ ކުރާ ކަމަކީ ރުއިމެވެ.

ބޮބް އާއި ފެގަންގެ މެދުގައި އެ ދުވަސްވަރު މުޅިން ވެސް ދެކެވެނީ ހިތްފަޅައިގެންދާ ވަރުގެ ވާހަކަ ތަކެވެ. ބޮބް ނެތުމުން އަތްމަތި ދަތިވާނެ ވަރާއި އެ ދަރިން ބަލަން ފެގަން އަށް އުފުލަން ޖެހޭނެ ތަކުލީފާއި ބޮބްގެ ޖަނާޒާގެ ކަންތައް އިންތިޒާމު ކުރުމާ ގުޅޭ ވާހަކަ ތަކެވެ.

ބޮބް ނެތް ދުނިޔެއެއްގައި ފެގަން އެކަނި މާއެކަނި ދިރިއުޅެން އުނދަގޫވާނެ މިންވަރު ބޮބް އަށް އިހްސާސްވެ އެވެ. އާއިލާގެ އެންމެން މަރުވެފައި ގޮސްފައިވާތީ އޭނާއާ އަޅާލާނެ އެއްވެސް މީހަކު ނެތްކަން ވެސް އެނގެ އެވެ. އަދި ހިތާމައިން ގޮސް އަމިއްލަ ނަފްސު ހަލާކުކޮށްލަފާނެކަން ވެސް ވިސްނެ އެވެ. އެހެންވެ އޭނާ ދުނިޔޭގައި އޮއްވާ ފެގަންގެ ހަޔާތަށް އެހެން މީހަކު ގެނައުމުގެ ޚިޔާލު ދިނީ ބޮބް އެވެ.

ބޮބްގެ މި ވާހަކައަކާ ފެގަން އެއް ދެކޮޅެއް ނަހަދަ އެވެ. އޭނާގެ އެކަނިވެރިކަން އިހްސާސް ކުރެވޭތީ އެވެ. ނަމަވެސް ފެގަން ބޭނުންވީ ބޮބް ދުނިޔޭގައި ހުއްޓާ އެފަދަ މީހަކު ހޯދައި ބޮބްގެ ރުހުން ވެސް އެމީހަކަށް ހޯދުމަށެވެ.

"އަހަރެން ބޮބް ދެކެ އިންތިހާއަށް ލޯބިވިން. އަހަރެންގެ ހަޔާތުގެ ހުރިހާވެސް އުފަލަކީ އޭނަ. ބޮބް އަކީ ހަމައެކަނި އަހަރެން އެހެން މީހުންނަށް ކިޔައިދޭ ވާހަކައަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން،" ފެގަން ބުންޏެވެ.

ފެގަން ލިޔެފައިވާ އާ ވާހަކަ "ފައިންޑް އަ ޕްލޭސް ފޯ މީ"ގައި އޭނާ ކިޔައިދީފައިވަނީ އޭނާ އާއި ބޮބްގެ ހަޔާތުގެ ވާހަކަ އެވެ.

އާ ލޯބިވެރިޔަކު ހޯދުމަކީ ފެގަން އަށް ފަސޭހަކަމެއް ނޫނެވެ. އެއީ ވެސް ކަރުނައާއި ގުރުބާނީތަކެއް ވެގެން ކުރެވުނު ކަމެކެވެ. އެންމެ ފަހުން އެކުގައި މަސައްކަތްކުރާ މީހެއް ކަމަށްވާ ޑަވޭއާ ގުޅެން ފެގަން ނިންމި އެވެ.

ބޮބް މަރުވުމަށްފަހު އެމީހުން ތިން އަހަރު ރައްޓެހިވެގެން އުޅެފައި ކައިވެނިކުރިތާ މިހާރު ހަތް އަހަރު ވެއްޖެ އެވެ. ނަމަވެސް މިއީ ފެގަން ބުނާ ގޮތުގައި އަނގައިން ބުނެލާހާ ފަސޭހައިން އޭނާއަށް ކުރެވުނު ކަމެއް ނޫނެވެ.

ބޮބްގެ ބަލި ދެނެގަނެވި އޭނާގެ ހަޔާތުގައި ގިނަވެގެން އޮތީ އަހަރެއްހާ ދުވަސްކަން އެނގުމުން ފުރަތަމަ ހަތަރު މަސް ފެގަން ހޭދަކުރީ އެއީ އަސްލެއް ނޫންކަމަށް ގަބޫލުކޮށްގެންނެވެ. ނަމަވެސް އޭނާގެ ލޯ ކުރިމަތީގައި ބޮބްގެ ސިއްހަތު ދަށްވަމުންދާތަން ފެގަން އަށް ފެނުނެވެ. ހަށިގަނޑު ބަލިކަށިވަމުން ގޮސް އަމިއްލައަށް ތެދުވެ ނޫޅެވޭވަރުވި އެވެ. އަތާއި ފައިގެ ހަރަކާތް މަދުވަމުން ދިޔަ އެވެ. ފެންފުޅީގެ މަތިގަނޑު ނުނެގޭ ވަރަށް ގައިގެ ބާރު ދިޔަ އެވެ.

އެހެންވެ ބޮބް ދެން މާގިނަ ދުވަހު އޭނާއާއެކު ނުހުންނާނެ ކަން ފެގަން އަމިއްލައަށް ގަބޫލުކުރި އެވެ. ފެގަން އާއެކު މަސައްކަތްކުރާ ޑަވޭ އާއި އޭނާގެ މެދުގައި ގާތްކަން އުފެދެން ފެށީ ބޮބްގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު އެވެ.

ޑަވޭ އާއި ފެގަން ވަރަށް ގިނަ ވަގުތު އެކުގައި ހޭދަ ކުރެ އެވެ. ދެ މީހުންނަކީ ޔުނިވަސިޓީއެއްގައި ކިޔަވައިދޭ ދެ ޕްރޮފެސަރުންނަށް ވާތީ މަސައްކަތު ގަޑީގައި ވެސް ވަރަށް ގިނަ ވަގުތު ހޭދަކުރަން ލިބެ އެވެ.

ޑަވޭ ފަހުން ފަހުން ފެގަންގެ ގެޔަށް އަންނަން ފެށި އެވެ. ބޮބް ސާފުކުރުމާއި އޭނާއަށް ކޮށްދޭންޖެހޭ ކަންތައްތަކުގައި އެހީތެރިވާން ފެށި އެވެ. އަދި ގޭގައި ކުރަން ޖެހޭ އެކި ކަންކަމުގައި ވެސް ޑަވޭގެ އެހީތެރިކަން އިންތިހާއަށް ލިބެން ފެށި އެވެ.

ބޮބްގެ ހާލަތު ދަށަށް ދާތީ އެކަމާ ދެރަވެގެން ފެގަން އަށް ރޮވޭ ކޮންމެ ފަހަރަކު އޭނާއަށް ނަސޭހަތްތެރިވަނީ ޑަވޭ އެވެ. އަދި އެކި ޖޯކް ވާހަކަ ދައްކައިގެން އޭނާ ހެއްވާލެވޭތޯ ވެސް ޑަވޭ މަސައްކަތް ކުރި އެވެ.

ޑަވޭ އާއި ފެގަންގެ ގުޅުމާ މެދު ބޮބް ދެކޭނެ ގޮތަކާ މެދު ފުރަތަމައިނުން ފެގަން ވަރަށް ކަންބޮޑުވި އެވެ. އެގޮތަށް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ފެގަންގެ ހިތުގައި ޑަވޭ އަށް ޚާއްސަކަމެއް ދެވުނެވެ.

އެންމެ ފަހުން އެއްދުވަހަކު ބޮބް ކައިރީގައި ފެގަން އެ ވާހަކަ ބުންޏެވެ. އެހެން ފިރިއަކު ނަމަ އެކަމާ ހަސަދަވެރިވެ ހިތްހަމަ ނުޖެހުނީހެވެ. ނަމަވެސް އެކަމާ ބޮބް ވީ އުފަލެވެ. އޭނާ ނެތް ދުނިޔެއެއްގައި ފެގަން އަށް އަޅާލާނެ މީހަކު ލިބުނީތީ އެވެ. އެ ދެ މީހުންގެ ގުޅުމަށް ބޮބް އުފަލުން މަރުހަބާ ކިއެވެ.

ފަހުން ބޮބް އާއި ޑަވޭގެ މެދުގައި ވެސް ޚާއްސަ ގުޅުމެއް އުފެދުނެވެ. ބޮބްގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު ޑަވޭ ވަނީ ބޮބް އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފަ އެވެ.

ޑަވޭ އެއްގޮތަކަށް ވެސް ބޮބްގެ މަގާމު ހޯދާކަށް މަސައްކަތެއް ނުކުރެ އެވެ. އަދި ބޮބް ދެކެ ފެގަންވާ ލޯތްބަށް އޭނާ އިހްތިރާމް ކުރި އެވެ. ހަގީގަތުގައި އޭނާއަށް ފެގަން ދެކެ ލޯބި ވެވުނީ ވެސް ފިރިމީހާއަށް ފެގަން ކުރާ އިހްތިރާމާއި އޭނާ ދެކެ ވާ ލޯބި ފެނިފަ އެވެ.

"ޑަވޭ އަށް އެނގޭ އަހަރެން ބޮބް ދެކެ ލޯބިވާ މިންވަރު. އަދި އެހެން މީހަކު ދެކެ ލޯބިވިޔަސް އަހަރެން ލޯބިވާނީ އެގޮތަށް ކަން އޭނާއަށް ވިސްނޭ،" ފެގަން ބުންޏެވެ.

ޑަވޭ އާއި ފެގަންގެ އެކުވެރިކަން ބަދަހިވަމުން ދިޔަ ނަމަވެސް ބޮބް ދުނިޔޭގައި އޮތްހާ ދުވަހަކު އެމީހުންގެ މެދުގައި ކުޑަ ނަމަވެސް ލޯބީގެ ގުޅުމެއް ނުބާއްވަ އެވެ. ދެ މީހުން އުޅުނީ ގާތް ދެ އެކުވެރިން ފަދައިންނެވެ.

ބޮބް މަރުވުމަށްފަހު ތިން އަހަރެއްހާ ދުވަހު އެގޮތުގައި ދެ މީހުން ދިރިއުޅުނެވެ. އަދި އެއަށްފަހު ކައިވެނި ކުރީ އެވެ. ފެގަން އާއި ބޮބްގެ ދެ ދަރިން ޑަވޭ ދެކެނީ ޚުދް އޭނާގެ ދަރިންގެ ގޮތުގަ އެވެ. އަދި އެކުދިން ވެސް ބައްޕައަކު ދެކެ ވާހާ ލޯބި ޑަވޭ ދެކެ ވެއެވެ.

ފެގަން އާއި އޭނާގެ ދެ ދަރިންގެ ހިތުގައި ބޮބް އަށް ދެވިފައި އޮތް މަގާމަށް ދުވަހަކުވެސް އެހެން މީހަކަށް ނާދެވޭނެ އެވެ. ނަމަވެސް ޑަވޭ ވަނީ އެ މީހުންގެ ހިތުގައި އޭނާއަށް ޚާއްސަ މަގާމެއް އުފައްދާފަ އެވެ.