ކައިވެނީގެ ދުވަހަކީ ކޮންމެ މީހެއްގެ ވެސް ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަހެވެ. އެ ދުވަހު ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ހުންނަން ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. އާއިލާ އާއި އެކުވެރިންނާއެކު މި ދުވަސް ހޭދަކޮށް މުޅި ހަޔާތުގައި ނުފިލާ ހަނދާންތަކެއް އެ ދުވަހު ރައްކާކުރަން ބޭނުންވާއިރު ކައިވެނި ކުރަން ތައްޔާރުވި މި އަންހެންމީހާ އޭނާގެ ކައިވެނީގެ ދުވަހުގެ ހަނދާންތައް ރައްކާ ކުރީ ޚާއްސަ ގޮތަކަށެވެ.
ކައިވެންޏަށް ތައްޔާރުވަމުން މި އަންހެން މީހާ އޭނާގެ ދިގު އިސްތަށިގަނޑު ކޮށާލާ މަންޒަރުގެ ވީޑީއޯއެއް އިންޓަނެޓުގައި އިއްޔެ ދައުރުވެފައި ވެއެވެ. އޭނާ އިސްތަށިގަނޑު ކޮށާލާ ސަބަބު އެނގުމުން ކޮންމެ މީހެއްގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރާނެކަން ޔަގީނެވެ.
ކައިވެނީގެ ހަފުލާގައި އިސްތަށިގަނޑު ކޮށާލުމަށްފަހު އަންހެންމީހާ އިއުލާން ކުރި ގޮތުގައި އޭނާ އިސްތަށިގަނޑު ކޮށާލީ ކެންސަރު ޖެހިފައިވާ ބަލި މީހުންނަށް އެ އިސްތަށިތައް ހަދިޔާ ކުރުމަށެވެ.
އަންހެން މީހާ މިގޮތަށް އިއުލާންކުރުމުން އެ ހަފްލާގައި ތިބި އޭނާގެ އާއިލާގެ މީހުންނާއި އެކުވެރިންނަށް އުފަލުން ރޮވުނެވެ.
މި ވީޑީއޯ ބެލި ގިނަ ބަޔަކު ބުނީ އަންހެން މީހާ މިކުރީ ވަރަށް ބޮޑު އިންސާނީ ޚިދުމަތެއް ކަމަށެވެ. ކެންސަރުގެ ފަރުވާއަށް ފަހު އިސްތަށިތައް ފައިބައިގެން ދިއުމުން އެކަމާ ދެރަވެ މާޔޫސްވެފައިވާ އެތައް ހާސް ބަޔަކު އެބަ ތިބި ކަމަށާއި ހަދިޔާކުރާ އިސްތަށިން ވިގު ހަދައިގެން ޖަހާލުމުން އެމީހުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާއި އުފަލެއް އިހްސާސް ކުރެވޭ ކަމަށެވެ.